ޒާރާ މުޖުތަބާގެ ބޭންޑުން ދިއްދޫގެ އީދު ޝޯގައި ބައިވެރިވާން ސޮއިކޮށް އެއްބަސްވުން ބަދަލުކުރަނީ
ހއ. ދިއްދޫގައި މިފަހަރުގެ ބޮޑު އީދަށް ބޮޑެތި ހަރަކާތްތަކެއް
ހަވާ އެރުވުމާއި މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތަކާ އެކު މި އަހަރުގެ ބޮޑު އީދު، ވަރަށް ކުލަގަދަކޮށް ހއ. ދިއްދޫގައި ފާހަގަކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟- ދިއްދޫގައި އީދު ފާހަގަކުރުމުގެ ހަރަކާތްތަކުގައި އުޅޭ މީހުން ބުނާ ގޮތުގައި ރާއްޖޭގެ މަޝްހޫރު އެތައް ފަންނާނުންނެއް ދިއްދުއަށް ދާނެ އެވެ. އެމީހުންނާ އެކު މިހާރު ވަނީ އެއްބަސްވުން ވެސް ހަދައިފަ އެވެ.
ތަފްސީލް - އީދު ދުވަހުގެ ރޭ ކުޅިވަރުތައް ފަށަނީ ވެސް ހަވާ އެރުވުމުންނެވެ. އެ ހަވާ ކުރިއަށް ދާނީ ރާއްޖޭގައި އާންމުކޮށް ނުބާއްވާހާ ދިގުމިނަކަށެވެ.
"މަދުވެގެން 10 މިނިޓް މި ފަހަރު އަޅުގަނޑުމެން ހަވާ އަރުވާނެ،" ދިއްދޫގައި އީދު ކުޅިވަރުތައް އިންތިޒާމްކުރުމުގެ އިވެންޓް މެނޭޖަރު އިބްރާހިމް ސިނާން ބުންޏެވެ.
އީދު ދުވަހު ހަވީރު، މަޝްހޫރު ހަބޭސް ބޮޑުބެރު ގުރޫޕުން ދަފި ނެގުމާއި މާލި ނެރުން ފަދަ ސަގާފީ ކުޅިވަރުތައް ކުޅޭނެ އެވެ.
ދިއްދޫގެ ސްޓޭޖްގައި ގްރޫޕްތަކުންނާއި ވަކިވަކި ފަންނާނުންގެ ޝޯތައް އޮންނާނެ އެވެ. އެގޮތުން:
-
ފުރަތަމަ ރޭ: ހަބޭސް ބޮޑުބެރު ގުރޫޕުގެ ބޮޑުބެރު
-
ދެ ވަނަ ރޭ: ކާއްޓޭ ދި ވާންޗޯގެ ކޮމެޑީ ޝޯ
-
ތިން ވަނަ ރޭ: މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ މީރާ މުހައްމަދާއި ޒާރާ މުޖުތަބާގެ ޝޯ
-
ހަތަރު ވަނަ ރޭ: ގޮމަ ގުރޫޕުގެ ހަރަކާތްތައް
-
ފަސް ވަނަ ރޭ: އެކުއެޓިކް ވައިބް މިއުޒިކް ބޭންޑްގެ ޝޯ
މީގެ އިތުރުން ބައިބަލާ އާއި ވާދެމުން ފަދަ ކުޅިވަރުތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ސިނާން ބުންޏެވެ.
ފާހަގަކުރެވޭ: ދިއްދުއަކީ ބޮޑު އީދު ފާހަގަކުރުމުގައި ކުރިން ނަމޫނާ ރަށެކެވެ. އެގޮތުން 1990ގެ އަހަރުތަކުގައި އޭރުގެ އެންމެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒާއި އޭނާގެ ފްރީޒް ބޭންޑްގެ އެއް މަންޒިލަކީ ވެސް ދިއްދު އެވެ. އޭގެ ފަހުން 2000ގެ އަހަރުތަކުގެ ކުރީކޮޅާއި މެދުތެރޭގައި އިންޑިއާގެ ޓީވީ ތަރިން ވެސް ދިއްދުއަށް ގެންގޮސް، ބޮޑެތި ޝޯތައް ބޭއްވި އެވެ.
އެކަމަކު ދިއްދޫގައި ކުލަގަދަކޮށް ބޮޑު އީދު ފާހަގަނުކޮށް އަހަރުތަކެއް މިހާރު ވަނީ ވެފަ އެވެ. އަލުން އަނެއްކާވެސް އީދު އުފާ ގެނެސްދިނުމުގެ ހަރަކާތްތައް މި ފަށަނީ، ސިނާން ބުނި ގޮތުގައި، ރައްޔިތުންގެ މަޖިލިހުގެ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ބާރަލާ ސްޕޯޓްސް ކްލަބާއި ރަށު ކައުންސިލް ގުޅިގެންނެވެ.
"އީދު ފާހަގަކުރުން ދިއްދޫގައި މިފަހަރު ވަރަށް ކުލަގަދަވާނެ،" ސިނާން ބުންޏެވެ.
"އަޅުގަނޑުމެން އުއްމީދުކުރަނީ އެކި ރަށްރަށުން ވެސް ދިއްދޫގެ ހަރަކާތްތައް ބަލަން އަންނާނެ ކަމަށް."
ކޮމެންޓް (1)
ހިތަދޫ 2