ލަންކާގެ ފޮރިން މިނިސްޓަރާ އެކު ބޭއްވި ރަސްމީ ބައްދަލުވުމަށްފަހު ފޮރިން މިނިސްޓަރު ޒަމީރު ގުޅިފައިވާ ބަޔާން ދެއްވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

ރާއްޖެ-ލަންކާ

ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވަން ރާއްޖެ އާއި ލަންކާއިން މަޝްވަރާކޮށްފި

ވިޔަފާރި އާއި އިންވެސްޓުމެންޓުގެ ދާއިރާ އިން ދެ ގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް ވެސް ދެ ފޮރިން މިނިސްޓަރުން މަޝްވަރާ ކުރެއްވި

ލަންކާ އާއި ރާއްޖޭގެ އިގްތިސޯދީ ހާއްސަ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމާ އެކު، އިގްތިސާދާއި ވިޔަފާރީގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ދެ ގައުމުގެ ފޮރިން މިނިސްޓަރުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން ލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީއާ އެކު ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި، އެ ދަތުރުގައި ދެ ގައުމުން މަޝްވަރާ ކުރި މުހިއްމު ކަންތައްތަކުގެ މައްޗަށް މިނިސްޓަރު އަލިއަޅުވާލެއްވި އެވެ.

ތަފްސީލް - ޒަމީރު ވިދާޅުވީ ލަންކާ އާއި ރާއްޖެއާ ދެމެދު އޮންނަނީ ޒަމާންވީ ގާތް ގުޅުމެއް ކަމަށާއި ރާއްޖޭގެ ތަރައްގީ އާއި ކުރިއެރުމުގައި ލަންކާ އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ:

  • ހާއްސަކޮށް ތައުލީމާއި ވިޔަފާރި އަދި ސިއްހީ ދާއިރާ ކުރިއެރުވުމަށް ލަންކާ އިން ރާއްޖެއަށް އެހީވެދޭ

  • ރާއްޖޭގައި ލަންކާގެ ގިނަ ބަޔަކު ދިރިއުޅޭ 

  • ރާއްޖޭގެ އިގްތިސޯދަށް އެ މީހުންގެ ބައިވެރިވުން ލިބޭ

ރާއްޖެ އާއި ލަންކާގެ ސަރަހައްދުން ގަވައިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ކުރެއްވި މަޝްވަރާތަކާ ގުޅޭ ގޮތުން މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ އިގްތިސޯދު ވެސް މަސްވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވާއިރު ގަވައިދާ ހިލާފަށް މަސްވެރިކަން ކުރާ މީހުން ހުއްޓުވުމަށް ކުރެވިދާނެ ކަންތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

"އަޅުގަނޑުމެންގެ އީއީޒެޑް ބަލަހައްޓައި ގަވައިދާ ހިލާފަށް ހުއްދަ ނުހޯދާ އެ ސަރަހައްދުން މަސްވެރިކަން ކުރާ މީހުން ހުއްޓުވުމާ ގުޅޭ މަޝްވަރާތައް ކުރެވުނު. މީގެ އިތުރުން، ދެމެހެއްޓެނިވި ގޮތެއްގައި ދޮށީގެ މަސްވެރިކަން ކުރުމާ ގުޅޭ މައުލޫމާތު ލަންކާގެ މަސްވެރިންނަށް ފޯރުކޮށްދޭން ރާއްޖެއިން ތައްޔާރަށް އޮތްކަން ދަންނަވާފައިވާނެ،" ޒަމީރު ވިދާޅުވި އެވެ.

ލަންކާގެ ފޮރިން މިނިސްޓަރާ އެކު ބޭއްވި ރަސްމީ ބައްދަލުވުމުގައި، ވިޔަފާރި އާއި އިންވެސްޓުމެންޓުގެ ދާއިރާ އިން ދެ ގައުމުން ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް ވެސް މަޝްވަރާ ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ޑަބަލް ޓެކްސް ނެގުން ހުއްޓުވުމާއި އިންވެސްޓްމަންޓުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމާ ގުޅޭ އެއްބަސްވުންތައް ވީ އެންމެ އަވަހަކަށް ނިންމާލެވޭނެ ކަމަށް އުންމީދުކުރަން. މިއީ ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ އެ ދާއިރާ އިން ހުރި ބުރަތައް ނައްތާލެވޭނެ އެއްބަސްވުންތަކަކަށް ވާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުުރުން، ޖިނާއީ ކުށްތައް ހުއްޓުމުވުމުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރަން ލަންކާއާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން ރައީސް މުހައްމަދު މުއިއްޒު ނިންމަވާފައިވާތީ އޭގެ މައުލޫމާތު ވެސް ރާއްޖޭގެ ފޮރިން މިނިސްޓަރު ވަނީ ލަންކާގެ ފޮރިން މިނިސްޓަރާ ހިއްސާ ކުރައްވައިފަ އެވެ.

މިނިސްޓަރުގެ ވާހަކައިގައި، އެކި ބޭނުންތަކަށް ގިނަ އަދަދެއްގެ ދިވެހިން ލަންކާގައި އުޅޭއިރު ކިޔަވާ ކުދިންނަށް ވިސާގެ ކަންތައް ލުއިކޮށްދެއްވާފައިވާތީ ލަންކާ ސަރުކާރަށް ޝުކުރު އަދާކުރެއްވި އެވެ.

މީގެ އިތުރުން، ކުރު މުއްދަތަކަށް ދެ ގައުމުގެ ދެމެދު ދަތުރުކުރާ ރައްޔިތުންނަށް ވިސާގެ ކަންތައް ލުއިކުރުމަށް ދެ ގައުމުން ވެފައިވާ އެއްބަސްވުމުގެ ފަސޭހަ ރައްޔިތުންނަށް ލިބޭކަން ވެސް ޒަމީރު ފާހަގަ ކުރެއްވި އެވެ.

ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިއްމު މައްސަލަތަކުގައި ދެ ގައުމުގެ ވިސްނުން އެއްގޮތް ކަމަށާއި ޓެރަރިޒަމާއި ހަރުކަށި ފިކުރު އަދި އިންސާނީ ވަގުފާރި ހުއްޓުވައި އިންސާނީ ހައްގުތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމުގައި ދެމިތިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، ޒަމީރު ވިދާޅުވީ:

  • ދެކުނު އޭޝިއާ ސަރަހައްދުގެ ހަމަޖެހުމަށް ކުރާ މަސައްކަތުގައި ރާއްޖެ އާއި ލަންކާ ދެމިތިބޭނެ ކަމުގެ ޔަގީންކަން ދެ ބޭފުޅުން ވެސް އެރުވި

  • ފަލަސްތީނުގައި ހިންގަމުންދާ ލާއިންސާނީ ހަމަލާތައް އެއްކޮށް ހުއްޓާލައި އެ ސަރަހައްދަށް ހަމަޖެހުން ގެނައުމަށް ދެ ބޭފުޅުން ވެސް ބޭނުންވާކަން ހާމަކުރެއްވި 

  • މޫސުމަށް އަންނަ ބަދަލާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި؛ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި

ޒަމީރު ވަނީ ލަންކާގެ ފޮރިން މިނިސްޓަރަށް ފަސޭހަ ވަގުތެއްގައި ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފަ އެވެ.

ފާހަގަ ކުރެވޭ ކަމެއް - މިދިޔަ ހޯމަ ދުވަހުން ފެށިގެން މާދަމާގެ ނިޔަލަށް ޒަމީރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރަކީ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ބައެއް މަޝްވަރާތައް ބޭއްވުމަށް ކުރައްވާ ދަތުރެކެވެ. މިއީ ޒަމީރު ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް