ތޮއްޑޫ ކައުންސިލް ކައިރިއަށް އެއްވި މީހުން ކައުންސިލްގެ މައި ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި (ދައުރު ފޮޓޯ)
ތޮއްޑޫ ދަނޑުވެރިން ހިތްހަމަނުޖެހި ކައުންސިލް ކައިރީ ހަމަނުޖެހުން ހިންގައިފި
އއ. ތޮއްޑޫން ދަނޑުވެރިކަމަށް ބިން ދޫކުރާ އުސޫލަށް ގެނައި ބަދަލަކާ މެދު ހިތްހަމަ ނުޖެހި އެ ރަށުގެ ބައެއް ދަނޑުވެރިން ކައުންސިލް އިދާރާ ދޮށަށް އެއްވެ މިއަދު ހަމަނުޖެހުން ހިންގައިފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މިއަދު މެންދުރު 1 ޖަހާ ހާއިރު ތޮއްޑޫ ކައުންސިލް އިދާރާ ކުރިމަތީގައި މުޒާހަރާކޮށް، އާންމު މަސްލަހަތު ނަގާލުމަށް މަސައްކަތްކުރަމުން ދިއުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
ތަފްސީލް - ފުލުހުން ބުނީ އެ ސަރަހައްދުގައި މުޒާހަރާ ކުރަމުންދާ ބައެއް މީހުން ކައުންސިލް އިދާރާގެ ފުރާޅު މައްޗަށް ގާ އުކައި މަސްލަހަތު ނަގައިލުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެގޮތަށް އެކަން ނުކުރުމަށް ތަކުރާރުކޮށް ފުލުހުން ނަސޭހަތް ދީފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކަށް އަނިޔާވެ، އެ ފުލުސް މީހާއަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބުނީ ކީކޭ؟ - ތޮއްޑޫ ކައުންސިލްގެ މެންބަރު އަލީ އާދަމް ވިދާޅުވީ ކައުންސިލް އިދާރާ ސަރަހައްދަށް އެއްވި މީހުންގެ އަމަލުތަކުގެ ސަބަބުން އިމާރާތަށް ގެއްލުން ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ ފުރާޅުގައި ހުންނާނީ ސޯލާ ހަރުކޮށްފައި ކަމަށާއި ގާ އުކުމުގެ ސަބަބުން ސޯލާ ޕެނަލްތަކަށް ގެއްލުން ވާނެ ކަމަށެވެ.
"މިތާ މައި ދޮރު ހުންނާނީ ބިއްލޫރިން. ދޮރު ވެސް ތަޅާލާފައި ހުރީ،" އޭނާ ވިދާޅުވި އެވެ.
ތޮއްޑޫ އިދާރާ ސަރަހައްދަށް އާންމުންގެ ބަޔަކު އެއްވެ މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ކައުންސިލް އިދާރާ ދޮރުމަތީ ފުލުހުންތައް ތިއްބައި އެ މީހުން ކޮއްޕާލުމަށް ފަހު، ކައުންސިލް އިދާރާގެ ދޮރު ހުޅުވާ އެތެރެއަށް ވަންނަން މަސައްކަތް ކުރާ ތަނެވެ.
އެ ސަރަހައްދަށް އެއްވި މީހުންގެ ކަންބޮޑުވުމަކީ މައިގަނޑު ގޮތެއްގައި، އަލީ ވިދާޅުވި ގޮތުން، ރަށުގެ ލޭންޑު ޔޫސް ޕްލޭނާ އެއްގޮތަށް ދަނޑު ހައްދަން ބިން ދޫކުރާ އުސޫލަށް ގެނައި ބަދަލާ އެކު ބައެއް ދަނޑުވެރިންގެ ހުރި ހިތްހަމަނުޖެހުމެވެ.
އޭނާ ވިދާޅުވީ އެ ރަށުން ދަނޑުވެރިކަމަށް ތިން ސަރަހައްދަކުން ބިން ދޫކުރާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ، އޭނާ ވިދާޅުވި ގޮތުން:
-
ރޯދަ ކަރާ ސަރަހައްދު: މި ސަރަހައްދުން ބިން ދޫކުރަނީ ރޯދައާ ދިމާކޮށް
-
މައި ރަށު ބިން: މި ސަރަހައްދުން ދޫކުރަނީ ފަސް އަހަރުން ބަދަލުވާހެން
-
ރަށުގެ ގޮއި ބިން: މި ސަރަހައްދުން ވެސް ދޫކުރަނީ ފަސް އަހަރުން ބަދަލުވާހެން
އަލީ ވިދާޅުވީ ތޮއްޑޫން ދަނޑުވެރިކަމަށް ބިން ދޫކުރަނީ ހިލޭ ކަމަށެވެ.
މިފަހުން ރަށުގެ ލޭންޑް ޔޫސް ޕްލޭން ފާސް ކުރި އިރު، ގޮއި ބިން ސަރަހައްދު ޒަމާނީ ދަނޑުވެރިކަމަށް ހާއްސަ ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ،
"ސަރުކާރުން ވެސް ބާރު އަޅާ ޒަމާނީ ދަނޑުވެރިކަން ކުރިއަރުވަން އެގޮތަށް އެތަން ތަރައްގީ ކުރީ،" އަލީ ވިދާޅުވި އެވެ.
އަލީ ވިދާޅުވީ ރަށުގެ ވަކި ބަޔަކު ބޭނުން ވަނީ ކުރިން ދޫކުރިހެން އެ ސަރަހައްދުން ދަނޑުވެރިކަމަށް ބިން ދޫކުރަން ކަމަށެވެ.
"ޕްލޭނުގައި އޮތީ ކަރަންޓާއި ފެން ލިބޭނެހެން ތަރައްގީކޮށް، އެ ސަރަހައްދުގެ މަގުތައް ވެސް ހަދަން. އެ ސަރަހައްދުގައި ގްރީން ހައުސް ހަދާ ޒަމާނީ ދަނޑުވެރިކަމަށް ދޫކުރަން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް، ގޮއި ބިން ސަރަހައްދުގައި ބިލެތާއި މެލޭޝިއާ ރުއް ފަދަ ތަކެތި އިންދަން ބޭނުންވެ، އެކަމަށް ތައްޔާރުވެގެން ތިބި ބަޔަކު ވެސް އެބަތިބި ކަމަށާއި ހިތްހަމަނުޖެހިގެން އުޅެނީ ގަވައިދާ ހިލާފަށް ގޮއި ބިން ސަރަހައްދުގައި ދަނޑުވެރިކަން ކުރަން އިތުރަށް ފުރުސަތު ނުލިބޭނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލޭންޑު ޔޫސް ޕްލޭން މި ފާސްކުރަނީ ކައުންސިލްގައި މިތިބޭ އަޅުގަނޑުމެން ފަސް މެންބަރުން އެކަންޏެއް ނޫން. ރައްޔިތުންގެ ވޯޓާ އެކު ފާސްކުރަނީ،" އަލީ ވިދާޅުވި އެވެ.