ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ޕޮލިސް)
ފުލުހުންގެ އަމާޒަކަށް ވާންޖެހޭނީ ނަތީޖާ ނެރުން: އިހުސާން
ފުލުހުންގެ އަމާޒަކަށް ވާންޖެހޭނީ ނަތީޖާ ނެރުން ކަމަށާއި ދައުލަތާއި ރައްޔިތުން ފުލުހުންގެ ފަރާތުން ބޭނުންވާ ނަތީޖާ ހާސިލް ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ހޯމްލޭންޑު ސެކިޔުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް މިއަދު އިސްކަންދަރުކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އެ ޕްލޭން ތަންފީޒު ކުރޭތޯ ކޮމިޝަނަރު މެދުވެރިކޮށް ބައްލަވާނެ ކަމަށެެވެ.
ތަފްސީލް - މި ޕްލޭންގެ އެންމެ މުހިއްމު އަމާޒަކީ ނަތީޖާ ނެރުން ކަމަށާއި ޕްލޭން ތަންފީޒުކޮށް އަވަހަށް ނިންމުމަކީ ފުލުހުންގެ ސަފުތަކުގެ ތެރޭ އޮންނަ ރޫހަކަށް ވާން ވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް ދައުލަތުން އަހަރެއްގެ މައްޗަށް ބިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށާއި އެއީ ދައުލަތުގެ ބަޖެޓުގެ %4 ކަމަށެވެ.
"ދައުލަތަށް ލިބޭ ކޮންމެ 100ރ. އިން 4ރ. ދިވެހި ރައްޔިތުން މެންޑޭޓު މިކުރަނީ ދިވެހި ފުލުހުންނަށް ހަރަދު ކުރަން. މިވަރުގެ ހަރަދެއް ދައުލަތުން ނަގާއިރު ދައުލަތާއި ރައްޔިތުންގެ އެކްސްޕެންޓޭޝަންސް ހުންނާނެ. އެއީ ނަތީޖާ ނެރުން،" މިނިސްޓަރު ވިދާޅުވި އެވެ.
ނަތީޖާ ނެރުމަށް ހާއްސަ ސަމާލުކަމެއް ދީ، ހުރިހާ ފުލުހުން ވެސް އެ އަމާޒަށް މަސައްކަތް ކުރުމަށް އިހުސާން އިލްތިމާސް ކުރެއްވި އެވެ.
ޕްލޭންގައި އިސްކަންދޭ އެއް ކަމެއްގެ ގޮތުގައި ގޭންގުތައް ހަދައިގެން ގައުމުގެ އަމާންކަން ނަގާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުން ހިމަނާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެކަން ހާސިލް ކުރައްވަން ބޭނުންވާ ގޮތް ވިދާޅުވެދެއްވައިފަ އެވެ.
"އަޅުގަނޑުމެންގެ އަމާޒެއް ނޫން މިއަދު އޮތީ 10 ގޭންގު ކަމަށް ވަންޏާ ފަސް އަހަރު ނިމޭއިރު އެ އަދަދު ތިނަކަށް މަދު ކުރުމަކީ. އަޅުގަނޑުމެންގެ އަމާޒަކީ 10 ގޭންގު ވެސް އެއްކޮށް ދިއުން މިތަނުން،" އޭނާ ވިދާޅުވި އެވެ.
"ޓާގެޓަކީ ކުށްތަކަށް ޒީރޯ ޓޮލަރެންސް، ނަން އެކްސެޕްޓެންސް."
އިހުސާން ވިދާޅުވީ ކޮންމެ ކަމެއް ވެސް ހާސިލް ކުރުމަށް އެކަން ކުރުމަށް އަޒުމު ކަނޑައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"ވަރަށް ގިނަ ފަހަރަށް ހިތަށް އަންނަ ކަމެއް މިއީ ރާއްޖޭގައި ހަކުރު މައްސަލަ ވެސް ހައްލެއް ނުވާނެޔޭ. ސިކުނޑީގައި އެކަން އެހެން އޮންނަންޏާ އެކަން ހައްލެއް ނުވާނެ. އަޅުގަނޑުމެން އެންވިޒަން ނުކުރާ ކަންކަން އިންސާނާގެ ތޮބީއަތުގައި އިންސާނާއަށް ހާސިލެއް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
"ސިކުނޑިން ގަބޫލުކުރަން އެބަ ޖެހޭ 2 ބިލިއަން ރުފިޔާ އަހަރަކު ހަރަދުކޮށްގެން އަޅުގަނޑުމެން ޔުނިފޯމްޑް މުއައްސަސާއެއް ތަރުތީބު ކޮށްފައި، އެ ބަޔަކަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ދިނީމާ އެ އޮބްޖެކްޓިވް ހާސިލްވާނެކަން."
މީގެ ކުރިން ރާއްޖޭން މަސްތުވާތަކެތީގެ ވަބާ ފޮހެނުލެވި އޮތީ ސިޔާސީ ގޮތުން އެކަން ކުރަން ބޭނުން ނުވުމުން ކަމަށް ވެދާނެ ކަމަށާއި، ނަމަވެސް މި ސަރުކާރުން ކުރަން ބޭނުންވެގެން މަސްތުވާތަކެތީގެ ވަބާ އިން ރާއްޖެ ސަލާމަތް ކުރުން މި ސްޓްރެޓަޖީގައި ހިމަނާފައިވާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
އެ އަމާޒު ހާސިލް ކުރުމުގެ މަސައްކަތުގެ %90 ޒިންމާވާނީ ފުލުހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.