"ކޫލް ސްކޫލް" ޕްރޮޖެކްޓް ރަސްމީކޮށް ފެށުމަށް މާފުށީ ސްކޫލުގައި ބޭޢްވި ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވާހަކަ ދައްކަވަނީ. (ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ)

'ކޫލް ސްކޫލު'ގައި ބުލީ ނުކުރާނެ ކަމުގެ ފާޑުކިޔުމަށް މިނިސްޓަރުގެ ރައްދު

'ކޫލް ސްކޫލް' ޕްރޮޖެކްޓަކީ ހަމައެކަނި ސްކޫލްތަކުގެ ކުލާސްރޫމް ފިނިކުރުމަށް ފެށި ޕްރޮޖެކްޓެއް ނޫން ކަމަށާއި އެއީ ސްކޫލުތަކުގެ ވެށި ހިތްފަސޭހަކޮށް، އުނގެނުމަށާއި އުނގަންނައިދިނުމަށް ފަހި މާހައުލެއް އުފެއްދުމަށް ފެށި ޕްރޮޖެކްޓެއް ކަމަށް މިނިސްޓަރު ވިދާޅުވި

ސްކޫލުތަކުގެ ކުލާސްރޫމުތައް ފިނި ކުރުމުން ބުލީ ނުކުރާނެ ކަމަށް ވިދާޅު ނުވާ ކަމަށާއި ނޫސްތަކުން ހަބަރު ފަތުރާފައިވަނީ ވާހަކައިގެ މާނަ އޮޅޭ ގޮތަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އިއްޔެ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީ ކުރުމަށް ކުރިއަށްގެންދާ 'ކޫލް ސްކޫލް' ޕްރޮޖެކްޓް ރަސްމީކޮށް ފެށުމަށް މިދިޔަ އާދިއްތަ ދުވަހު ކ. މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ 'ކޫލް ސްކޫލެއް'ގައި ކުދިން ބުލީ ނުކުރާނެ ކަމަށާއި އެފަދަ ސްކޫލުތަކުގައި ފިނިކަމާ އެކު ދަރިވަރުންގެ ސްލޫކާއި އުޅުމަށް ހެޔޮ ބަދަލުތަކެއް އައިސް، ވިޔާނުދާ ކަންތައްތަކުން ދަރިވަރުން ދުރުހެލިވާނެ ކަމަށެވެ.

ތަފްސީލް - މިނިސްޓަރު އިއްޔެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޫލް ސްކޫލް ޕްރޮޖެކްޓަކީ ހަމައެކަނި ސްކޫލްތަކުގެ ކުލާސްރޫމް ފިނިކުރުމަށް ފެށި ޕްރޮޖެކްޓެއް ނޫން ކަމަށާއި އެއީ ސްކޫލުތަކުގެ ވެށި ހިތްފަސޭހަކޮށް، އުނގެނުމަށާއި އުނގަންނައިދިނުމަށް ފަހި މާހައުލެއް އުފެއްދުމަށް ފެށި ޕްރޮޖެކްޓެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ޕްރޮޖެކްޓުގެ ދަށުން:

  • ކުލާސްރޫމްތަކުގެ ފިނިހޫނިމިން ދަށްކުރުމަށް އޭސީ ހަރުކުރާނެ 

  • ސްކޫލްތަކުން ކަރަންޓަށް ހޭދަކުރާ މިންވަރު ދަށްކުރުމަށް ސޯލާ ޕެނަލް ހަރުކުރުމަށް ހާއްސަ އިސްކަމެއް ދޭނެ

  • ދަރިވަރުންނާއި ޓީޗަރުން އަދި މުޅި ސްކޫލް ކޮމިއުނިޓީގެ ދުޅަހެޔޮކަމަށް ހާއްސަ ހަރަކާތްތައް ހިންގޭނެ

  • ސްކޫލްތައް ހިތްހަމަޖެހޭ މާހައުލުތަކަށް ބަދަލުކޮށް، 'ކޫލް ސްކޫލް'ތަކަށް ބަދަލުކުރުމަށް ރޭވުންތެރިކަމާ އެކު މަސައްކަތްކުރާނެ

"ކޫލް ސްކޫލްތަކުގައި ބުލީ ނުކުރާނެ އެވެ. އެހެނީ ބުލީ ކުރުމަކީ ކޫލް ކަމެއް ނޫނެވެ. އަދި މިފަދަ ސްކޫލްތަކުގައި އެންމެން މަސައްކަތް ކުރާނީ ގުޅިގެން ދަރިވަރުންގެ ކުރިއެރުމަށެވެ. މިއީ އަޅުގަނޑު އެ ދުވަހު ދެއްކި ވާހަކައިގައި ބަޔާންކުރި ކޫލް ސްކޫލްގެ މަފްހޫމެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޫލް ސްކޫލެއްގައި ބުލީ ނުކުރާނެއޭ ވިދާޅުވުމުން، އޭގެ ބަދަލުގައި ސްކޫލްތައް އޭސީ ކުރީމާ ބުލީ ނުކުރާނެ ކަމަށް ބައެއް ނޫސްތަކުގައި ލިޔެފައި ހުއްޓާ ފެނިވަޑައިގެންނެވި ކަމަށާއި އެއީ ދެއްކި ވާހަކައިގެ މަފްހޫމަށް ބެލުމެއް ނެތި، އެ ފަރާތްތަކަށް ދޭހަވުމުގައި ދިމާވި މައްސަލައަކުން ވެފައިވާ ކަމެއް ކަމަށް ވެސް މިނިސްޓަރުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

"ޖޯކަކަށް ހަދައިގެން، އޭސީ ކުރީމާ ބުލީކުރުން ހުއްޓިދާނޭ، ނުވަތަ ސްނޯ އަކީ ބުލީގެ ހައްލޭ ބުނެ ވާހަކަ ދެއްކުމަކީ ދެރަކަމެކެވެ. ހިތާމައަކީ ގައުމުގެ ޝަރަފުވެރި މަގާމްތައް ފުރުއްވާފައިވާ ގައުމުގެ ނައިބު ރައީސް ފެންވަރުގެ ބޭފުޅުން ވެސް އެބޭފުޅުންނާއި އިލްމީ ގޮތުން އަދި އަހުލާގީ ގޮތުން ވެސް އެކަށީގެން ނުވާ މިފަދަ ވާހަކަތަކުގެ ތެރެއަށް ވިސްނާލުމެއް ނެތި ވެންނެވުމެވެ،" ފާޑު ކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ޝަފީއު ވިދާޅުވީ 2019 ވަނަ އަހަރު ކުރެއްވި ދިރާސާއަކަށް ބައެއް ސްކޫލްތަކުގެ ކުލާސްރޫމްގެ ފިނިހޫނުމިން ބެެއްލެވި ކަމަށާއި އޭރު ރާއްޖޭގެ ބައެއް ސްކޫލްތަކުގެ ކުލާސްރޫމްތަކުގެ އިހުސާސްކުރެވޭ ހޫނުމިން ހުރީ ގާތްގަޑަކަށް 37 ޑިގްރީ ސެލްސިއަސް ކަމަށް ފާހަގަކުރެވުނު ކަމަށެވެ.

ނަމަވެސް، ފާއިތުވެ ދިޔަ އަހަރުތަކުގައި ހޫނުމިން މަތިވެ، ބައެއް މަސްތަކުގައި، އިހުސާސްކުރެވޭ ހޫނުމިން 40 ޑިގްރީ ސެލްސިއަށް ވުރެ މައްޗަށް ގޮސްފައިވާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

"މިއީ އޭގެ ނޭދެވޭ އަސަރު ސްކޫލުގެ މާހައުލުން ފެންނާނެ ކަމެކެވެ،" ޝަފީއު ވިދާޅުވި އެވެ.

ލަންޑަނުގައި ބޭއްވި ވޯލްޑް އެޑިއުކޭޝަން ފޯރަމްގައި ވެސް، ހޫނުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމާއި އުޅުމަށް އަންނަ ބަދަލާ ބެހޭ ގޮތުން އިލްމީ ގިނަ ވާހަކަތަކެއް ދެކެވުނުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"މާމޮޅު ދިރާސާވެރިއަކަށް ނުވިޔަސް ހޫނުކަން އިތުރުވުމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށާއި އުޅުމަށް ކުރާ ނޭދެވޭ އަސަރު ގޫގުލް ސާޗަކުން ވެސް އެނގޭވަރު ވެދާނެ އެވެ،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް