ރައީސް މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވަނީ (ފޮޓޯ/އިންޑިއާގެ އެކްސްޓާނަލް އެފެއާޒް)

ރާއްޖެ-އިންޑިއާ

އާ ދައުރުގައި ވެސް ރާއްޖެއާ އެކު ގުޅިގެން މަސައްކަތްކުރާނަން: މޯދީ

އިންޑިއާގެ ބޮޑުވަޒީރުގެ މަގާމުގައި މޯދީއަށް ތިން ވަނަ ދައުރެއް ކަށަވަރުވުމާ އެކު ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި މެސެޖަށް މޯދީ ދެއްވީ އުއްމީދީ ޖަވާބެއް

އާ ދައުރުގައި ވެސް ރާއްޖެ އާއި އެކު ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޯކް ސަބާގެ އިންތިހާބުގައި ވެރިކަން ކުރާ ބީޖޭޕީ އާއި އެ ޕާޓީއާ ގުޅިފައިވާ ކޯލިޝަނަށް ލިބުނު މެޖޯރިޓީއާ އެކު ބޮޑުވަޒީރު މޯދީއަށް ވަނީ ތިން ވަނަ ދައުރެއް ކަށަވަރުވެފަ އެވެ. އެއާ އެކު ދުނިޔޭގެ ލީޑަރުން އަންނަނީ މޯދީއަށް މަރުހަބާ ވިދާޅުވެ މެސެޖުތައް ފޮނުއްވަމުންނެވެ.

ތަފްސީލް - މޯދީއަށް ލިބިވަޑައިގެންނެވި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު ރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވާ މޯދީ ވަނީ ރައީސް މުއިއްޒަށް ޝުކުރު އަދާކުރައްވައިފަ އެވެ. 

"އަޅުގަނޑު އުންމީދުކުރަނީ ދެ ގައުމުގެ ކުރިއެރުމާއި ހަމަޖެހުމަށްޓަކައި، ދެ ގައުމުގެ ހިއްސާ އޮތް ދާއިރާތަކުން އެކުގައި މަސައްކަތް ކުރުމަށް،" ރައީސްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ރައީސްގެ އެ ޕޯސްޓަށް ޖަވާބު ދެއްވަަމުން އިންޑިއާގެ ބޮޑުވަޒީރު ވިދާޅުވީ ރާއްޖެއަކީ އިންޑިއާއަށް މުހިއްމު އަވައްޓެރި ގައުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން ބަދަހިކޮށް އެކުގައި ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ނައިބު ރައީސް ހުސެން މުހައްމަދު ލަތީފް ވެސް ވަނީ މޯދީއަށް މަރުހަބާ ވިދާޅުވެ 'އެކްސް' ގައި ޕޯސްޓެއް ކުރައްވައިފަ އެވެ. ނައިބު ރައީސްގެ ޕޯސްޓުގައި، އިންޑިއާއާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމަށާއި މޯދީގެ ލީޑާޝިޕުގައި ރާއްޖެ-އިންޑިއާ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

ނައިބު ރައީސްގެ ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވިދާޅުވީ އިންޑިއާ އާއި ރާއްޖެއިން ގުޅިގެން ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތް ކުރާނެ ކަމަށާއި ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވެސް މޯދީއަށް މަރުހަބާ ވިދާޅުވި އެވެ. މިދިޔަ ސަރުކާރުގައި ފޮރިިން މިނިސްޓަރަކަށް ހުންނެވި އިރު ޝާހިދު ވަނީ އިންޑިއާ އާއި ރާއްޖެއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތް ކުރައްވައިފަ އެވެ.

ފޮރިން މިނިސްޓަރަކަށް ހުންނެވި އިރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ދަތުރެއްގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވަނީ. (ފައިލް ފޮޓޯ/އިންޑިއާގެ ފޮރިން މިނިސްޓްރީ)

ޝާހިދުގެ މަރުހަބާގެ މެސެޖުގައި ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން މޯދީ ހޯއްދެވި ތާރީހީ ކާމިޔާބީ ފާހަގަކުރައްވާ މޯދީގެ ލީޑާޝިޕުގައި އިންޑިއާއިން ރާއްޖެ އާއި ސަރަހައްދުގެ އެހެން ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކޮށް ވަރުގަދަ ކުރުމަށް ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރެއްވި އެވެ.

ޝާހިދުގެ މެސެޖަށް ޝުކުރު އަދާކުރައްވާ ދެއްވި ޖަވާބުގައި މޯދީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއާ އެެކު ގުޅުން ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މޯދީއަށް މަރުހަބާ ވިދާޅުވެފަ އެވެ. ނަޝީދު ވިދަޅުވީ އާ ދައުރުގައި ވެސް އިންޑިއާ-ރާއްޖެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ނަޝީދަށް ޝުކުރު އަދާކުރައްވާ މޯދީ ވިދާޅުވީ ރާއްޖެ-އިންޑިއާ ގުޅުން ބަދަހި ކުރުމަށް ނަޝީދުގެ ފަރާތްޕުޅުން ދެއްވާ އެއްބާރުލުމުގެ އަގު ވަޒަންކުރައްވާ ކަމަށެވެ.

ފާހަގަކޮށްލެވޭ - ހަނި އަގުލަބިއްޔަތަކުން އިންތިހާބު ކާމިޔާބުކުރެއްވި މޯދީއަށް ކުރީ ފަހަރުތަކާ ހިލާފަށް މިފަހަރު ސަރުކާރެއް އުފެއްދެވޭނީ ގުޅިފައިވާ ޕާޓީތަކުގެ ސަޕޯޓާ އެކު އެވެ.

ސަރުކާރެއް އެކުލަވާލުމަށް މޯދީއަށް، 543 މެންބަރުންގެ މަޖިލީހުގެ 272 ގޮނޑި ބޭނުންވެ އެވެ. އެ އަދަދަށް މި ފަހަރު ގޮނޑި ހަމަވަނީ ބީޖޭޕީއާ ގުޅިފައިވާ އެންޑީއޭ ކޯލިޝަންގެ ތާއީދާ އެކު އެވެ.

އެންމެ ފަހުން 2019ގައި ބޭއްވި އިންތިހާބުގައި ބީޖޭޕީއަށް އެކަނި 303 ގޮނޑި ލިބުނެވެ. ކޯލިޝަނާ އެކު 353 ގޮނޑި ކޮންޓްރޯލްކުރި އެވެ. ނަމަވެސް މިފަހަރު އެ އަދަދު ވަރަށް ބޮޑުތަން ދަށްވެ އިދިކޮޅު ކޮންގްރެސް އިސްކޮށް އޮތް 'އިންޑިއާ' ކޯލިޝަނުން ވަނީ ހީކުރި ވަރަށް ވުރެ މާ ގިނައިން ގޮނޑި ކާމިޔާބުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް