ވިހި ވަނަ މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ތެރެެއިން (ފޮޓޯ/ މަޖިލިސް)

މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައިފި

އެ ހުށަހެޅުން ފާސްވީ 88 މެންބަރުންގެ ވޯޓާއެކު؛ ގިނަ ކޮމިޓީތަކުން އިދިކޮޅު އެމްޑީޕީއަށް ލިބެނީ އެއް ގޮނޑި

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެންބަރުން ކަނޑައަޅައި މިއަދު ތަޅުމުން ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ވިހި ވަނަ މަޖިލީހުގެ ދާއިމީ 17 ކޮމިޓީއެއް ހިމެނޭއިރު، މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ 17 ކޮމިޓީގައި ވެސް ތިއްބަވާނެ މެންބަރުން ކަނޑައަޅާފައިވެ އެވެ.

ތަފްސީލު - މަޖިލީހުގައި ތަމްސީލު ކުރާ ސިޔާސީ ޕާޓީތަކާއި އަމިއްލަ މެންބަރުންގެ ނިސްބަތައް ބަލައި، ޕާލިމަންޓްރީ ގްރޫޕްތަކާއެކު މަޝްވަރާ ކުރެއްވުމަށް ފަހު، ރިޔާސަތުން ހުށަހެޅި އެ ހުށަހެޅުން ފާސްވީ 88 މެންބަރުންގެ ވޯޓުންނެވެ.

ވިހި ވަނަ މަޖިލީހުގައި ސުޕަ މެޖޯރިތީ އޮތީ، ވެރިކަން ކުރާ މައި ޕާޓީ ޕީއެންސީއަށްވުމުން، ހުރިހާ ކޮމިޓީތަކުގެވެސް ފުރިހަމަ މެޖޯރިޓީއެއް އޮތީ އެ ޕާޓީއަށެވެ. އަދި ކޮންމެ ކޮމިޓީއެއްގައި މަދުވެގެން އެމްޑީޕީގެ އެއް މަންބަރަކު އިންނަވާ ގޮތަށް ކޮމިޓީތައް އެކުވަލާފައިވެ އެވެ.

މުހިންމު ބައެއް ކޮމިޓީތަކުގެ ކޮމްޕޮޒިޝަން:

  • ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ - ޖުމްލަ 13 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި ޕީއެންސީގެ 8 މެންބަރުން، އެމްޑީޕީ އާއި އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީ އާއި އެމްއެންޕީ އަދި އަމިއްލަ އެއް މަންބަރަކު ހިމެނޭ

  • ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީ - ޖުމްލަ 11 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި ޕީއެންސީގެ 8 މެންބަރުން، އެމްޑީޕީގެ 2 މެންބަރު އަދި އެމްޑިއޭގެ އެއް މެންބަރަކު ހިމެނޭ 

  • ޖުޑީޝަރީ ކޮމިޓީ - ޖުމްލަ 11 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި ޕީއެންސީގެ 9 މެންބަރުން އަދި އެމްޑީޕީގެ 2 މެންބަރުން ހިމެނޭ

  • މިނިވަން މުއައްސަސާ ކޮމިޓީ - ޖުމްލަ 11 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި ޕީއެންސީގެ 9 މެންބަރުން އަދި އެމްޑީޕީ އާއި އެމްއެންޕީގެ އެއް މެންބަރުން

  • އިގްތިސާދީ ކޮމިޓީ - ޖުމްލަ 11 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި ޕީއެންސީގެ ހަތް މެންބަރުން، އެމްޑީޕީގެ 3 މެންބަރު އަދި އެމްޑީއޭގެ މެންބަރަކު ހިމެނޭ

  • މާލިއްޔަތު ކޮމިޓީ - ޖުމްލަ 11 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި ޕީއެންސީގެ 8 މެންބަރުން، އެމްޑީޕީގެ 2 މެންބަރުން އަދި ޖުމްހޫރީ ޕާޓީގެ މެންބަރަކު ހިމެނޭ

  • ސަރުކާރު ކުންފުނިތައް ބަލާ އެސްއޯއީ ކޮމިޓީގައި - ޖުމްލަ 11 މެންބަރުން ތިއްބަވާ އެ ކޮމިޓީގައި ޕީއެންސީގެ 8 މެންބަރުން، އެމްޑީޕީގެ ދެ މެންބަރުން އަދި އެމްއެންޕީގެ އެއް މެންބަރަކު ހިމެނޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް