ބިންވެރިޔާ ސްކީމިުގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ކަނޑައި ހަވާލު ކުރުމުގެ ތެރެއިން. (ދައުރު ފައިލް ފޮޓޯ/އިބްރާހިމް އިފާޒް)
ގުޅިފަޅަށް ގޯތި ބަދަލުކުރާ މީހުންގެ ގުރުނެގުން އަންގާރަ ދުވަހު
ގިރާވަރު ފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރާ މީހުންގެ މެދުގައި އަންނަ އަންގާރަ ދުވަހު ގުރުނަގަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުން މާލޭ މީހުންނަށް ހިލޭ ގޯތި ދިނުމަށް ހިންގި 'ބިންވެރިޔާ' ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި ގޯތިތަކުގެ ތެރެއިން 1،347 ގުޅިފަޅަށް ބަދަލުކުރުމަށް މި ސަރުކާރުން ވަނީ ނިންމާފަ އެވެ.
އެ ފުރުސަތުގައި ޖުމްލަ 2،210 މީހުން ގޯތި ބަދަލުކުރުމަށް އެދި ހުށަހެޅި އެވެ.
ތަފްސީލު - ގުރުނެގުމަށް ތާވަލުކޮށްފައިވަނީ އަންނަ އަންގާރަ ދުވަހުގެ މެންދުރު 12 ޖަހާއިރު، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގަ އެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި:
-
ގުރުނަގާ ފޮއްޓަށް އަމިއްލައަށް ނަން ލާން ބޭނުންވާ މީހުން އެ ދުވަހުގެ ހެނދުނު 9 - 10އާ ދެމެދުގެ ވަގުތެއްގައި ހާޒިރުވާން ޖެހޭނެ
-
ލިސްޓުގައި ހިމެނޭ މީހަކަށް ހާޒިރު ނުވެވޭ ނަމަ ނުވަތަ ބަދަލުގައި މީހަކު ފޮނުވަން ބޭނުންވާ ނަމަ އެ މީހެއްގެ މައުލޫމާތު ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންވާނެ؛ މައުލޫމާތު ހުށަހަޅަން ހުޅުވާލާނީ މާދަމާ ހެނދުނު 10އިން ހޯމަ ދުވަހުގެ މެންދުރު 12އަށް
އެނގުން މުހިންމު - ގޯތި ބަދަލުކުރާ މީހުންގެ މެދުގައި ގުރުއަތު ނަގަން ޖެހުނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ބައެއް ކެޓަގަރީތަކުން އެދުނު މީހުންގެ އަދަދު، ބަދަލުކުރާ ގޯތީގެ އަދަދަށް ވުރެ އިތުރުވުމުންނެވެ. އެގޮތަށް އިތުރުވީ 1،250 އާއި 1،650 އަކަ ފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ މީހުންގެ އަދަދެވެ.
ނަމަވެސް 2،450 އަކަ ފޫޓާއި 2،050 އަކަ ފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ކަމަށްވާތީ އެ ކެޓަގަރީތަކުން ގުރުއަތުލުމެއް ނޯންނާނެ އެވެ.