ބިންވެރިޔާ ސްކީމުގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު މީހުންގެ ގޯތި ކަނޑައި، ހަވާލު ކުރުމުގެ ތެރެއިން. (ދައުރު ފޮޓޯ/ އިބްރާހިމް އިފާޒް)
ގިރާވަރު ފަޅުން ގޯތި ލިބުނު 2210 މީހުން ގުޅީފަޅަށް ބަދަލުކުރަން އެދިއްޖެ
'ބިންވެރިޔާ' ސްކީމްގެ ދަށުން ގިރާވަރު ފަޅުން ގޯތި ލިބިފައިވާ މީހުންގެ ތެރެއިން 2،210 މީހުން ގުޅީފަޅަށް ގޯތި ބަދަލުކުރަން ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ހައުސިން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ގޯތި ބަދަލުކުރަން ހުޅުވާލި ފުރުސަތުގައި 1،250 އާއި 1،650 އަކަފޫޓުގެ ގޯތި ބަދަލުކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ އަދަދު ގުޅީފަޅަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ ގޯތީގެ އަދަދަށް ވުރެ ގިނަ ކަމަށް ވާތީ، ގޯތި ބަދަލުކުރެވޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށެވެ.
އެ ގުރުއަތު ނަގަން ނިންމާފައިވަނީ އަންނަ މަހުގެ 4ގަ އެވެ.
ތަފްސީލް - 2،450 އަކަފޫޓާއި 2،050 އަކަފޫޓުގެ ގޯއްޗަށް އެދި ހުށަހަޅާފައިވަނީ ކަނޑައަޅާފައިވާ އަދަދަށް ވުރެ މަދުން ކަމަށްވާތީ ގުރުއަތުލުމެއް ނޯންނާނެ އެވެ. އަދި ގުޅީފަޅުން ލިބޭ ގޯތި ކަނޑައެޅުމަށް ހަމަޖެހިފައިވަނީ ގުރުއަތުން ކަމަށާއި، އެ ގުރުއަތު ނަގާނެ ތާރީހެއް ފަހުން އިއުލާނު ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެނގުން މުހިންމު - 'ބިންވެރިޔާ' ސްކީމްގެ ދަށުން ގިރާވަރު ފަޅުން ދޫކުރި 1،347 ގޯތި ގުޅިފަޅަށް ބަދަލު ކުރަން މި ސަރުކާރުން ވަނީ ނިންމާފަ އެވެ. ސަރުކާރުން ބުނީ ގިރާވަރު ފަޅުން ގޯތި ދޫކޮށްފައިވަނީ އެ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ކަމަށެވެ.
ސަރުކާރުން މީގެ ކުރިން އިއުލާންކޮށްފައިވާ ބަދަލުކުރާ ގޯތިތަކުގެ އަދަދާއި ސައިޒަށް ވަނީ ބަދަލު ގެނެސްފަ އެވެ. ކުރިން ބަދަލުކުރަން ނިންމާފައިވަނީ:
-
1،250 އަކަފޫޓުގެ 193 ގޯތި
-
1،650 އަކަފޫޓުގެ 663 ގޯތި
-
2،050 އަކަފޫޓުގެ 487 ގޯތި
-
2،450 އަކަފޫޓުގެ 4 ގޯތި
ފަހުން ކުރި އިއުލާނުގައި ބުނެފައިވަނީ:
-
1،250 އަކަފޫޓުގެ 196 ގޯތި؛ ގޯތި ބަދަލުކުރަން 1093 މީހުން އެދިފައިވޭ
-
1،650 އަކަފޫޓުގެ 663 ގޯތި؛ ގޯތި ބަދަލުކުރަން 880 މީހުން އެދިފައިވޭ
-
2،050 އަކަފޫޓުގެ 234 ގޯތި؛ ގޯތި ބަދަލުކުރަން 234 މީހުން އެދިފައިވޭ
-
2،450 އަކަފޫޓުގެ ތިން ގޯތި؛ ގޯތި ބަދަލުކުރަން ތިން މީހުން އެދިފައިވޭ
ހައުސިން މިނިސްޓްރީން ބުނީ ގިރާވަރު ފަޅުން ލިބިފައިވާ ގޯތި ގުޅީފަޅަށް ބަދަލުކުރުމަށް އެދުނު ފަރާތްތަކުގެ ލިސްޓު އާންމުކޮށްފައިވާނެ ކަމަށާއި އެ ލިސްޓާ ގުޅޭ ގޮތުން ޝަކުވާއެއްވާ ނަމަ، އެކަން ލިޔުމަކުން މި މަހުގެ ނިޔަލަށް ހުށައެޅޭނެ ކަމަށެވެ.