ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މިނިސްޓްރީގެ ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރު ފައްޒަ ފުއާދު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
މި ސަރުކާރުގެ ފޮސްޓާ ޕްރޮގްރާމް: އަދި އެއްވެސް ކުއްޖަކު އާއިލާއަކާ ހަވާލެއް ނުކުރެވޭ
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން އާއިލާތަކާ ހަވާލުކޮށްގެން ފޮސްޓާކުރަން 'ކޮންމެ ކުއްޖަކަށް އާއިލާއެއް'ގެ ނަމުގައި މި ސަރުކާރުން ފެށި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެއްވެސް ކުއްޖަކު އާއިލާއަކާ ހަވާލުކުރެވިފައި ނުވާ ކަމަށް ސޯޝަލް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ސޯޝަލް މިނިސްޓްރީގެ ޗައިލްޑް ޕްރޮޓެކްޝަން ކޯޑިނޭޓަރު ފައްޒަ ފުއާދު މިހެން ވިދާޅުވީ މިދިޔަ ހަ މަސް ދުވަހު މިނިސްޓްރީން ކުރި މަސައްކަތްތަކާ ބެހޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި 'ދައުރު'ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ބުނީ ކީކޭ؟ - "އަދި އެއްވެސް ކުއްޖެއް [އާއިލާއާ] ހަވާލުކުރެވިފައެއް ނެތް. އެކަމަކު ދެ ކުއްޖެއްގެ މައްސަލަ ކޯޓުގައި އެބަ ކުރިއަށްދޭ،" އޭނާ ވިދާޅުވި އެވެ.
ކުއްޖާ ބެލުމުގެ ތެރޭގައި ކުއްޖާގެ މަސްލަހަތު ރައްކާތެރި ކުރުމަށާއި، ކުއްޖާއަށް އެ ކަމުގެ ސަަބަބުން ގެއްލުމެއް ކުރިމަތިނުވާނެކަން ޔަގީންކުރަން ކުއްޖާ ފޮސްޓާކުރަން އާއިލާތަކާ ހަވާލުކުރާނީ ޝަރުއީ ކޯޓަކުން އިއްވާ ހުކުމަކާ އެކުގަ އެވެ.
ފައްޒަ ވިދާޅުވި ގޮތުގައި ކޯޓުގައި ކުރިއަށްދަނީ ވަގުތީ ގޮތުން ކުއްޖަކު ފޮސްޓާކުރަން ހުށަހެޅި ދެ މައްސަލަ އެވެ.
"ވަރަށް ގިނަ ފަރާތްތަކުން މިކަމާ ގުޅިގެން [ފޮސްޓާކުރުން] މައުލޫމާތު ސާފުކުރަން ވެސް ފޯނު ކޯލުތައް އާދޭ. އެކަމަކު ގިނަ ބޭފުޅުން މި ބޭނުންފުޅު ވަނީ އެންމެ ކުޑަ ކުދިން ދާއިމީކޮށް ފޮސްޓާކުރަން ކަން ފާހަގަކުރެވޭ،" އޭނާ ވިދާޅުވި އެވެ.
މިނިސްޓްރީގެ ފަރާތުން ފައްޒަ އެދިވަޑައިގެންނެވީ ގޭތެރޭގައި އިތުރު ކުއްޖަކު ރައްކާތެރިކަމާ އެކު ގެންގުޅެވޭނެ މާހައުލެއް އޮތް ގާބިލު އާއިލާއެއް ނަމަ، ކުދިން ފޮސްޓާ ކުރުމަށެވެ. ހާއްސަކޮށް ބޮޑެތި ކުދިން ވަގުތީ ގޮތުން ފޮސްޓާކުރަން އޭނާ ހިތްވަރުދެއްވި އެވެ.
އެނގުން މުހިއްމު - ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ޕްރޮގްރާމްގެ ދަށުން ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ބަލަން ބޭނުންވާ އާއިލާތަކަށްް އެ ފުރުސަތު ފަހިކޮށްދެ އެވެ. އެގޮތުން:
-
ވަގުތީ ގޮތުން ކުއްޖަކު ބެލުމާ ހަވާލުވާ ނަމަ، ކުއްޖާ ހަވާލުކުރާނީ ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހު؛ މިސާލަކަށް ދެ އަހަރަށް
-
އެ ދުވަސްވަރުގެ ތެރޭގައި، އުފަން އާއިލާއަށް އެ ކުއްޖާއަށް އަނބުރާ ދެވޭނެ މަގު ފަހިވޭތޯ ބަލައި އެކަން ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ
-
އުފަން އާއިލާއަށް ނުދެވޭ ކަމަށްވާ ނަމަ، ކުއްޖާ ބަލަމުން އަންނަ އާއިލާއަށް އެ ކުއްޖާ ދާއިމީކޮށް ބެލުމުގެ ފުރުސަތު ލިބޭނެ ނުވަތަ ގާނޫނީ ބެލެނިވެރިކަން ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ