ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ 'ފިޔަވަތި': ދައުލަތުން މި ވަގުތު ވެސް 164 ކުދިން ބަލާ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން ބަލައިދޭނެ އާއިލާތަކާ ހަވާލުކުރަން ޕްރޮގްރާމެއް ފަށައިފި
ދައުލަތުން ހިންގާ މަރުކަޒުތަކުގައި ބައިތިއްބައިގެން ކުދިން ބެލުން ނިމުމަކަށް ގެނެސް، ކޮންމެ ކުއްޖަކީ ވެސް އާއިލާއެއްގެ ތެރޭގައި ބޮޑުވާ ކުއްޖަކަށް ހެދުމަށްޓަކައި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ކުދިން، އެފަދަ ކުދިން ބަލަން ބޭނުންވާ އާއިލާތަކާ ހަވާލުކޮށްގެން ނުވަތަ ފޯސްޓާކޮށްގެން ބެލުމުގެ ޕްރޮގްރާމެއް ސޯޝަލް މިނިސްޓްރީން ފަށައިފި އެވެ.
އެނގުން މުހިއްމު - މީގެ ކުރިން ވެސް ކުދިން އެ ގޮތަށް ކުދިން ބަލަން ބޭނުންވާ އާއިލާތަކަށް އެ ފުރުސަތު އޮތީ ހުޅުވާލާފަ އެވެ. ނަމަވެސް، އާއިލާތަކުން ގިނައިން ތުއްތު ކުދިން ބޭނުންވާތީ، އުމުރުން ދޮށީ ކުދިންނަށް އެ ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ.
ވީ ކިހިނެއް؟ - އެއްވެސް ކުއްޖަކު ތަފާތު ކުރުމެއް ނެތި، ހުރިހާ ކުދިން ވެސް އާއިލާތަކާ ހަވާލު ކުރުމުގެ އަމާޒާ އެކު 'ކޮންމެ ކުއްޖަކަށް އާއިލާއެއް'ގެ ނަމުގައި މިނިސްޓްރީން ފެށި ޕްރޮގްރާމާ ބެހޭ މައުލޫމާތު، ރޭ ޕީއެސްއެމް އިން ގެނެސްދިން 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވަނީ ފޯރުކޮށްދީފަ އެވެ.
އެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސޯޝަލް މިނިސްޓަރުގެ ނައިބު އާމިނަތު ނަމްޒާ ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި މިހާރު ވެސް 164 ކުދިން އެބަތިބި ކަމަށެވެ.
ބުނީ ކީކޭ؟ - "އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ ކޮންމެ ކުއްޖަކަށް އާއިލާއެއް ލިބޭ ހިސާބުންނޭ، އަޅުގަނޑުމެންނަށް އެ ކުދިންނަށް ކަންތައްތަކެއް ހަގީގަތުގައި ކޮށްދެވޭނީ،" ޕްރޮގްރާމްގެ މަގްސަދާ ބެހޭ ގޮތުން ނަމްޒާ ވިދާޅުވި އެވެ.
އާއިލާގެ ތެރޭގައި އޮންނަ ގުޅުންތަކާއި އާއިލީ ވެށީގެ ތެރެއިން ދަސްވާ ކަންކަމުގެ މުހިއްމުކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ކުއްޖަކަށް ބޭނުންވަނީ އުޅޭނެ ތަނަކާއި އަންނައުނާއި ކާބޯތަކެތި ފަދަ އަސާސީ ކަންކަން އެކަނި ނޫން ކަމަށެވެ.
"އަސާސީ ކަމެއް ހަގީގަތުގައި [އާއިލާއެއްގެ ފަރާތުން ލިބޭ] ލޯތްބަކީ. އެއީ ޒަރޫރަތެއް އެ ކުދިންނަށް،" ނަމްޒާ ވިދާޅުވި އެވެ.
"ކޮންމެ ކުއްޖަކަށް އާއިލާއެއް ހޯދައިދިނުމުގެ މަގްސަދަކީ، ބޭނުމަކީ، އަޅުގަނޑުމެންގެ ކުދިންނަކީ އާއިލާއެއްގެ ތެރޭގައި ބޮޑުވުމުގެ ރައްކާތެރިކަން، އުފާވެރިކަން ލިބިގެންދާ ކުދިންތަކަކަށް ހެދުން."
ތަފްސީލް - މިނިސްޓްރީގެ ސީނިއާ ލީގަލް ކައުންސެލަރު އާއިޝަތު އިފާދާ ވިދާޅުވި ގޮތުގައި، ކުޑަކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަނީ ވަގުތީ ގޮތުން، އާއިލާ ބިނާކުރުމަށް ފަހު ނުވަތަ މައްސަލަތައް ހައްލު ކުރުމަށް ފަހު، ކުއްޖާ އާއިލާއާ އަލުން ހަވާލުކުރާ ގޮތަށެވެ.
ނަމަވެސް، އެކި ކަހަލަ ހާލަތްތައް މެދުވެރިވެގެން އާއިލާއަށް އަނބުރާ ނުދެވޭ ކުދިން ދިގު މުއްދަތަކަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭކަން އޭނާ ފާހަގަކުރެއްވި އެވެ. 'ކޮންމެ ކުއްޖަކަށް އާއިލާއެއް' ހޯދައިދިނުމުގެ އަމާޒަކީ، އޭނާ ވިދާޅުވި ގޮތުގައި، އެފަދަ ކުދިން ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން ބަލަން ބޭނުންވާ އާއިލާތަކަށްް އެ ފުރުސަތު ފަހިކޮށްދިނުމެވެ.
އިފާދާ ފާހަގަކުރެއްވި ގޮތުގައި:
-
ވަގުތީ ގޮތުން ކުއްޖަކު ބެލުމާ ހަވާލުވާ ނަމަ، ކުއްޖާ ހަވާލުކުރާނީ ވަކި މުއްދަތެއް ކަނޑައެޅުމަށް ފަހު؛ މިސާލަކަށް ދެ އަހަރަށް
-
އެ ދުވަސްވަރުގެ ތެރޭގައި، އުފަން އާއިލާއަށް އެ ކުއްޖާއަށް އަނބުރާ ދެވޭނެ މަގު ފަހިވޭތޯ ބަލައި އެކަން ކުރުމަށް މިނިސްޓްރީން މަސައްކަތް ކުރާނެ
-
އުފަން އާއިލާއަށް ނުދެވޭ ކަމަށްވާ ނަމަ، ކުއްޖާ ބަލަމުން އަންނަ އާއިލާއަށް އެ ކުއްޖާ ދާއިމީކޮށް ބެލުމުގެ ފުރުސަތު ލިބޭނެ ނުވަތަ ގާނޫނީ ބެލެނިވެރިކަން ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ
ކުއްޖާ ބެލުމުގެ ތެރޭގައި ކުއްޖާގެ މަސްލަހަތު ރައްކާތެރި ކުރުމަށާއި، ކުއްޖާއަށް އެ ކަމުގެ ސަަބަބުން ގެއްލުމެއް ކުރިމަތިނުވާނެކަން ޔަގީން ކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން އަމަލު ކުރާނެ އުސޫލުތަކެއް ކަނޑައަޅާފައިވާކަން އިފާދާ ފާހަގަކުރެއްވި އެވެ. އެގޮތުން:
-
ކުއްޖާ ފޮސްޓާ ކުރަން އާއިލާއަކާ ހަވާލުކުރާނީ ޝަރުއީ ކޯޓަކުން އިއްވާ ހުކުމަކާ އެކުގައި
-
މިނިސްޓްރީގެ ފަރާތުން ކުއްޖާގެ ކަންކަން ގަވައިދުން ބަލާނެ
-
ކުއްޖާ އުފަން އާއިލާއާ ބައްދަލުކުރުމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައަޅާނެ
-
ބައްދަލުކުރަން ބޭނުންވާ ހާލަތުގައި އުފަން އާއިލާއަށް އެ ފުރުސަތު ލިބޭނެ؛ ނަމަވެސް، ދޭ ފުރުސަތުތަކުގެ ބޭރުން ބައްދަލު ކުރާ ނަމަ، އެކަން ހުއްޓުވައި ފިޔަވަޅު އަޅާނެ
-
އުފަން އާއިލާއިން ކުއްޖާ ބޭނުންވާ ނަމަ، ޝަރުއީ ކޯޓަކަށް މައްސަލަ ހުށަހަޅައި އެއީ ކުއްޖާއަށް އެންމެ ރަނގަޅު ގޮތްކަން ސާބިތުކޮށްދޭން ޖެހޭނެ
-
އެ ހާލަތުގައި މައްސަލަ ނިންމާއިރު ކޯޓުތަކުން އެންމެ އިސްކަން ދޭނީ ކުއްޖާގެ މަސްލަހަތަށް
އެނގުން މުހިއްމު - ކުދިން ބެލުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކަމާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީގެ ފަރާތުން ވަރަށް އަވަހަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ސެޝަންތަކެއް ބާއްވާނެ ކަމަށް ނަމްޒާ ވިދާޅުވި އެވެ.