ސިޑްސްގެ ހަވާސާގައި ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ޒަމީރު ވާހަކަ ދައްކަވަނީ (ފޮޓޯ/ފޮރިން މިނިސްޓްރީ)

މޫސާ ޒަމީރު

ކުދި ގައުމުތަކުގެ ތަރައްގީއަށް އަމިއްލަ ވިޔަފާރިތަކަށް ފަހިކޮށްދޭން ރާއްޖޭން ގޮވާލައިފި

ސިޑްސް ގައުމުތަކުގައި އިންވެސްޓަރުން އިންވެސްޓު ކުރާ ކޮންމެ ޑޮލަރަކީ އޭގެ ބޮޑު ފައިދާއެއް އިންވެސްޓަރުންނަށް ލިބޭނެ އެއްޗެއް ކަމުގެ ޔަގީންކަން ޒަމީރު ދެއްވި

ގައުމުތަކުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ކުރިއެރުން ހޯދުމަށް އަމިއްލަ ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމް ކުރަން ޖެހޭ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިހާރު އެންޓިގުއާ އެންޑް ބާބުޑާގައި ކުރިއަށްދާ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަ، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރު ވަނަ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި ޕްރައިވެޓް ސެކްޓާ ރައުންޑް ޓޭބަލްގައި ވާހަކަ ދައްކަވަމުންނެވެ.

ތަފްސީލް - މިނިސްޓަރު ވިދާޅުވީ ސިޑްސްގެ ހަވާސާގައި ކުރިއަށް ދިޔަ ވާހަކަތަކަށް ބަލާއިރު، ކުދި ޖަޒީރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގިނަ ގައުމުތަކަކީ ސަރުކާރާއި އަމިއްލަ ވިޔަފާރިތައް ގުޅިގެން ކުރެވޭނެ މަސައްކަތްތަކުން ލިބޭނެ ތަރައްގީން މަހުރޫމުވެފައިވާ ގައުުމުތައްކަން ފާހަގަވެފައިވާ ކަމަށެވެ.

މާޒީގައި ޕްރައިވެޓް ސެކްޓާގައި ކުރެއްވި ތަޖުރިބާއާ އެކު މިނިސްޓަރު ވަނީ ޖަޒީރާ ގައުމުތަކުގެ ތަރައްގީގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިދާނެ ތިން ކަމެއް ހުށަހަޅުއްވައިފަ އެވެ. އެގޮތުން:

  • އެއް ކަމެއްގެ ގޮތުގައި ޒަމީރު ހުށަހެޅުއްވީ އިގްތިސޯދުތަކުގަައި އިންވެސްޓު ކުރުމަށް ޕްރައިވެޓް ސެކްޓާއަށް ދޭ ފުރުސަތުތައް އިތުރުކުރުން

  • އެކަން ހާސިލް ކުރުމަށް ވިޔަފާރިތަކަށް ފަހި މާހައުލެއް ގާއިމްކޮށް، އަމިއްލަ ވިޔަފާރިތަކަށް ހުންނަ ގޮންޖެހުންތައް ނައްތާލައި ރަނގަޅު ގާނޫނީ އޮނިގަނޑެއް އެކުލަވާލަން ޖެހޭނެ

"ސިޑްސްގެ ހުރިހާ ރަށަކީ ޕްރައިވެޓް ސެކްޓަރަށް ފަހި ތަންތަނަށް ހަދައި ޕްރައިވެޓް ސެކްޓަރަށް ދައުވަތު ދޭން ޖެހޭ،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގައުމުތަކުގައި ހަދާފައި ހުންނަ ގާނޫނުތަކަކީ ވިޔަފާރިތަކަށް ކުރިއަށް ގެންދަން އުނދަގޫ ގާނޫނުތަކަށް ވެގެން ކުރިއަށް ނުދެވޭނެ ކަމަށެވެ.

"ސިޑްސްގެ ގައުމުތަކުގެ ތެރޭގައި އެބަހުރި، މި ފިޔަވަޅުތަކާ އެކު އިގްތިސޯދު ކުރިއަރާ ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ހިމެނިފައިވާ ގައުމުތައް. އެ ގައުމުތަކުގެ ތަޖުރިބާ އިން އިބުރަތް ހޯދާ އާ ސްޓްރެޓެޖީ ތަކާއެކު އިގްތިސޯދު ސިންދަފާތު ކުރުމަށް މަސައްކަތް ކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ ސިޑްސްގެ ގިނަ ގައުމުތަކަކީ މަސްވެރިކަމާއި ޓޫރިޒަމަށް ބަރޯސާވާ ގައުމުތައް ކަމަށާއި ބޭރުން އަންނަ ލޮޅުންތަކުގެ ސަބަބުން އެއްވެސް ސިނާއަތެއްގެ ކުރިއެރުން މަޑުޖެހިއްޖެ ނަމަ ގައުމުތަކުގެ އިގްތިސޯދީ ދިވެލި މަޑުޖެހިދާނެ ކަމަށެވެ.

"އެހެންކަމުން އިގްތިސޯދު ސިންދަފާތު ކުރެވިއްޖެ ނަމަ، ބޭރުން އަންނަ ލޮޅުންތަކުގެ ސަބަބުން އިގްތިސޯދަށް އަންނަ ލޮޅުންތަކުން ސަލާމަތް ހޯދިދާނެ. އަދި އިގްތިސޯދު ކުރިއަރުވައި އާ ސިނާއަތްތަތް ތައާރަފު ކުރުމަށް ވެސް މިއީ ފުރުސަތަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.

ޒަމީރު ވިދާޅުވީ، ސަރުކާރުތަކަށް އަމިއްލަ ވިޔަފާރިތަކާ އެކު ކުރެވޭނީ:

  • އިންފޮމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލަޖީ (އައިސީޓީ) 

  • އިއާދަކުރަނިވި ހަކަތައިގެ ދާއިރާތައް

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯނުގައި އިންވެސްޓު ކުރުމަށް ލިބުނު ފުރަތަމަ ހުށަހެޅުމަކީ ވެސް އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ އިންވެސްޓުމެންޓެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ފޮރިން އިންވެސްޓުމެންޓުތަކަށް ރައްކާތެރި، ފަހި މާހައުލެއް ގާއިމްކޮށްދިނުމަށް އާ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން،" އޭނާ ވިދާޅުވި އެވެ.

ދެ ވަނަ ކަމެއްގެ ގޮތުގައި ޒަމީރު ވަނީ ޕްރިވެޓް ސެކްޓާ ވިޔަފާރިތަކަށް، ކުދި ޖަޒީރާ ގައުމުތަކުގައި އިންވެސްޓު ކުރުމަށް ގޮވާލައްވައި ދައުވަތު ދެއްވައިފަ އެވެ.

"ސިޑްސް ގައުމުތަކުގެ ސަރުކާރުތަކަކީ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ސަރުކާރުތަކެއް. މި ގައުމުތަކުގެ ސަރުކާރުތައް ފިޔަވައި ޕްރައިވެޓް ސެެކްޓަރާ އެކު ކުރިއަށްދާން ބޭނުން. އެ ފުރުސަތުތައް ފަހިކޮށްދޭން ތިބި ގައުމުތައް ފެނުމަކީ ނާދިރު ކަމެއް،" ޒަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުދި ޖަޒީރާ ގައުމުތަކާ އެކު ކުރިއަށްދާނެ ވިޔަފާރިތައް މަދުވުމަކީ ކުރިއަށް ދިއުމުގައި އެ ގައުމުތަކަށް އޮތް ގޮންޖެހުމެއް ކަމަށާއި ގިނަ ހިރާސްތަކެއް ހުރި ބޮޑު ދުނިޔެއެއްގައި ގިނަ ކަންތައްތަކުގައި މި ގައުމުތައް އޮތީ އެކަނި ކަމަށެވެ.

"ތަރައްގީއަށް ބޭނުންވާ ކަންކަމަށް ފައިސާ ހޯދުން ފަދަ ކަންތައްތަކަކީ ދަތި، އުނދަގޫ ކަމެއް. ބައިނަލްއަގުވާމީ ދުނިޔެއާ އެކު އެކި މަޝްރޫއުތަކަށް އިންވެސްޓު ކުރާނެ ފައިސާ ހޯދުމަށް ކުދި ޖަޒީރާ ގައުމުތަކުން ކުރަން ޖެހެނީ ދަތި އުނދަގޫ ދަތުރެެއް،" ޒަމީރު ވިދާޅުވި އެވެ.

ސިޑްސް ގައުމުތަކުގައި އިންވެސްޓަރުން އިންވެސްޓު ކުރާ ކޮންމެ ޑޮލަރަކީ އޭގެ ބޮޑު ފައިދާއެއް އިންވެސްޓަރުންނަށް ލިބޭނެ އެއްޗެއް ކަމުގެ ޔަގީންކަން ޒަމީރު ދެއްވި އެވެ.

"އެ އިންވެސްޓުމެންޓާ އެކު މި ގައުމުތަކަކީ ވިލުންވެރި، ތަރައްގީ ގައުމުތަކެއްގެ ގޮތުގައި ފެންނާނެ. އިންވެސްޓަރުން އިންވެސްޓު ކުރާ ފައިސާގެ ބަދަލު ރަނގަޅު ބަދަލެއްގެ ގޮތުގައި ލިބޭނެ. އެއް އަމާޒަކަށް ވާސިލް ވުމަށް އެކުގައި މަސައްކަތް ކުރަން އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.

ތިން ވަނަ ކަމެއްގެ ގޮތުގައި ޒަމީރު ވަނީ ކޮންމެ ގައުމަކީ ވެސް ތަފާތު ގައުމަކަށް ވާއިރު އެ ގައުމަކަށް ބޭނުންވާ ތަރައްގީ އާއި ކުރިއެރުން ހޯދައި އުފެއްދުންތެރިކަން އިތުރު ކުރުމަށް އެ ގައުމަކަށް ބޭނުންވާ ދާއިރާތަކުން އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފަ އެވެ.

ރިސޯސް މޮބިލައިޒޭޝަން އާއި އިންވެސްޓުމެންޓް ފްލޯ މޮނީޓަރިން އަދި ޑޭޓާ އެއްކޮށް، އެނަލައިޒް ކުރުމުގެ ދާއިރާތައް ވަރުގަދަ ކުރަން ޖެހޭ ކަމަށާއި މިއީ އިންވެސްޓަރުން ހޯދުމަށް ކޮންމެހެން ގައުމުތަކުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ޒަމީރު ފާހަގަކުރެއްވި އެވެ.

"ސިޑްސްގެ ގައުމުތަކުން ބޭނުންވާ ކަންތައް ގައުމުތަކަށް އެނގޭ. އެކަން ހާސިލް ކުރުމަށް ކުރަން ޖެހޭ ކަންތައް ވެސް އެބަ އެނގޭ. މި އެދެނީ އެ ކަންތައް ހާސިލް ކުރުމަށް އެހީތެރިކަން ފޯރުކޮށްދީ ތަރައްގީ އަށް ކުރާ ދަތުރުގައި އެއްބާރުލުން ދިނުމަށް. ސަރުކާރުތަކާއި ޕްރައިވެޓް ސެކްޓާ ގުޅިގެން ކުރާ މަސައްކަތްތަކުގައި މި ކުރިއެރުން ހޯދޭނެެ،" ޒަމީރު ވިދާޅުވި އެވެ.

މިއީ އިންވެސްޓުމެންޓު ގެޕްތައް ކުޑަކޮށް، ތަރައްގީއަށް ވާސިލް ވެވޭނެ ގޮތްތައް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް