ރައީސް މުއިއްޒު މިއަދުގެ ސިޑްސް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ސިޑްސް ކޮންފަރެންސް: ކުދި ގައުމުތަކަށް އެހީ ހޯދުމަށް ރައީސް 3 ހައްލެއް ހުށަހަޅުއްވައިފި

ތަރައްގީގެ ދެން އޮތް ހަރުފަތަށް ދިޔުމަށް ބޭނުންވާ އެހީގެ ފައިސާ ލިބުން މަދުވެފައިވާކަމުގެ ކަންބޮޑުވުން ރައީސް މުއިއްޒު ފާޅު ކުރެއްވި

ކުދި ޖަޒީރާ ގައުމުތަކުން ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ފައިސާ ނުލިބުމުގެ މައްސަލައަށް ހައްލު ގެނެސްދޭނެ ތިން ކަމެއް ރައީސް މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް މިގޮތަށް ހިޔާލު ދެއްވީ، އެންޓީގާ އެންޑް ބާބުޑާގައި ކުރިއަށްދާ ކުދި ޖަޒީރާ ގައުމުތަކަށް ހާއްސަ، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ހަތަރުވަނަ ކޮންފަރެންސްގެ ހަވާސާގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަފްސީލު - ރައީސް ވިދާޅުވި ގޮތުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ބޭރުން ލިބޭ އެހީ، ފާއިތުވި 20 އަހަރަށް ބަލާއިރު ހުރީ ދަށަށް ދާ ޓްރެންޑެއްގަ އެވެ. އަދި ސަމޯއާގައި 2014ގައި އަދި ޕެރިހުގައި 2015ގައި ބޭއްވި ބައްދަލުވުމުގައި ވެސް ކްލައިމެޓް ފައިނޭންސް އިތުރު ކުރުމަށް ބައިނަލްއަގުުވާމީ މުޖްތަމައުއިން ވައުދުވެފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.

"އަދި [މިފަހަރު] މިތާނގައި، އެންޓީގާގައި، އަޅުގަނޑުމެން އެއަށް ވުރެ ވެސް އުއްމީދީ ވައުދުތައް ވަމުން މި ގެންދަނީ، ސިޑްސްއަށް ފަންޑިން އިތުރުކުރުމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި:

  • "މެދު ފަންތީގެ އާމްދަނީގެ ދަންތުރައިން ނެއްޓި" ތަރައްގީގެ ދެން އޮތް ހަރުފަތަށް އެ ގައުމުތައް ދިޔުމަށްޓަކައި، ކޮންސެޝަނަލް ގޮތުގައި ނުހަނު މަތީ މިންވަރަކަށް ފައިނޭންސިން ބޭނުންވޭ

  • ރާއްޖޭ ހިމެނޭ ގޮތަށް ސިޑްސްގެ ގިނަ ގައުމުތައް، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމަތަކުގެ ކެޓަގަރީން ނެއްޓިފައިވީ ނަމަވެސް އެ ކުރިއެރުން އައީ "ބޮޑު އަގެއްގައި"

  • އެހެން ގައުމުތައް އަތުން ދަރަންޏަށް ފައިސާ ނެގުމުގެ ހަރަދު ބޮޑުވެ، އެ ދައްކަން ޖެހޭ މުއްދަތު ވަނީ ކުރުވެފައި

"އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ މާލީ ހާލަތު ހައްތަހާ ގޯސްވެއްޖެ. އަޅުގަނޑުމެން ދަރަނީގެ ދެމެހެއްޓެނިވި މަގަކާ ދުރަށް ގެންގޮސް މަތީ ދަރަޖައަކަށް ދަރަނިވެރިވާން މަޖުބޫރު ކުރުވައި، އަޅުގަނޑުމެންގެ ކްރެޑިޓް ރޭޓިން ދަށްކޮށްފި،" ރައީސް ވިދާޅުވި އެވެ.

"އަދި މޫސުމީ ކާރިސާގެ ސަބަބުން އަޅުގަނޑުމެންނަށް ވަނީ އުނދަގޫ ނިންމުންތަކެއް ނިންމަން މަޖުބޫރުވެފައި. ފައިސާ ހަރަދު ކުރާނީ އާ ސްކޫލްތައް ގާއިމުކުރުމަށްތޯ ނޫނީ ކަނޑުތޮށި ލުމަށްތޯ އިހްތިޔާރު ކުރަން މި ވަނީ މަޖުބޫރުވެފައި. އިންވެސްޓް ކުރާނީ ސާފު ފެނުގެ ނިޒާމް ގާއިމްކުރަންތޯ، ނޫނީ ނަރުދަމާގެ ނިޒާމަށާއި ރަށް ގިރުން ހުއްޓުވަންތޯ އިހްތިޔާރު ކުރަން މިވަނީ މަޖުބޫރުވެފައި."

ރައީސް މުއިއްޒު، ސިޑްސްގެ މަތީ ފެންވަރުގެ ބައްދަލުވުމެއްގެ ކޯ-ޗެއާގެ ހައިސިއްޔަތުން ވާހަަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

އެއީ އިހްތިޔާރު ކުރަން މަޖުބޫރުވެގެން ނުވާނެ ކަންކަން ފާހަގަކުރައްވައި، ރާއްޖެ ފަދަ ކުދި ގައުމުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ރައީސް ހުށަހެޅުއްވި ހައްލުތަކަކީ:

  • 1-

    ބައިނަލްއަގުވާމީ މާލީ ނިޒާމް އިސްލާހުކުރުން

  • 2-

    ތަރައްގީވެފައިވާ ގައުމުތަކުން މަލްޓިލެޓަރަލް ޑިވެލޮޕްމަންޓް ބޭންކްތަކާއި ޕްރައިވެޓް ސެކްޓާއާ ގުޅިގެން، ސިޑްސްއަށް ޕްރައިވެޓް ފައިނޭންސް އިތުރުކުރުން

  • 3-

    ސިޑްސްގެ ވިސްނުން ފުޅާ ކުުރުން

"އަޅުގަނޑުމެންނަކީ ކުދި ގައުމުތަކަކަށް ވީމަ، އަޅުގަނޑުމެންގެ ފުރުސަތުތައް ހަނިކުރާކަށް ނުޖެހޭނެ،" މިސްރާބު ހިފަންވީ މަތީ އަމާޒުތަކަކަށްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.

"ހީވެސް ނުކުރާ ވަރަށް ވުރެ ކުރިއަށް ދާން މަސައްކަތް ކުރަންވީ. މިފަދަ ތަސައްވުރެއް ހާސިލުކުރުމުގައި އަޅުގަނޑުމެންގެ އަމިއްލަ ގާބިލުކަން ބިނާކުރަންޖެހޭނެ. ދައުލަތުގެ ގާބިލްކަން [އަދި] އުފެއްދުންތެރިކަމުގެ ގާބިލްކަން [ވެސް]."

އިތުރު އާޓިކަލް

އިތުރު އާޓިކަލް