ފޮނަދޫ ދާއިރާގެ އަބްދުއްރަހީމް އަބްދުﷲ މިއަދުގެ މަޖިލީހުގެ ޖަލްސާގައި (ފޮޓޯ/މަޖިލިސް)
އަބްދުއްރަހީމް މަޖިލިސް ރައީސަކަށް އިންތިހާބުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިންތިހާބުކޮށްފި އެވެ.
ވީ ކިހިނެއް؟ - މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 1 ވަނަ ޖަލްސާގައި މަޖިލީހުގެ ރައީސް ކަމަށް އަބްދުއްރަހީމް އިންތިހާބުކޮށްފައިވަނީ މެންބަރުންގެ މެދުގައި ނެގި ސިއްރު ވޯޓަކުންނެވެ.
ތަފްސީލް - މަޖިލީހުގެ ރައީސް ހޮވުމަށް ނެގި ވޯޓުގައި އަބްދުއްރަހީމް އާ ވާދަކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
މަޖިލިސް ރައީސް ހޮވުމަށް ނެގި ވޯޓުގައި:
-
އަބްދުއްރަހީމް އަށް ލިބިވަޑައިގަތީ 71 ވޯޓް
-
ނާޒިލް އަށް ލިބިވަޑައިގަތީ 14 ވޯޓް
-
7 ވޯޓް ބާތިލްވި
މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް ނަގާ ސިއްރު ވޯޓުގެ ކަންތައް ކުރިއަށް ގެންދަނީ މަޖިލީހުގައި ހިމެނޭ ޕާޓީތަކުން، ކޮންމެ ޕާޓީއަކުން އެއް މެންބަރަކު ހިމެނޭގޮތަށް ނަގާފައިވާ 5 މެންބަރުންގެ ވަގުތީ ކޮމެޓީ އަކުންނެވެ.
އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ:
-
ޕީއެންސީގެ ފަރާތުން ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ
-
އެމްޑީޕީގެ ފަރާތުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ
-
ޖުމްހޫރީ ޕާޓީގެ ފަރާތުން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް
-
އެންއެންޕީ ގެ ފަރާތުން މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
-
އެމްޑީއޭ ގެ ފަރާތުން ވެލިދޫ ދާއިރާ ގެ މެންބަރު މުހައްމަދު އަސްބާސް
ދެން މިއަދު އޮންނާނީ މަޖިލީހުގެ ނައިބު ރައީސް އިންތިހާބު ކުރުމެވެ. މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަނީ:
-
ޕީޕީއެމްއިން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް
-
އެމްޑީޕީން މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ