ހައްޖު ކޯޕަރޭޝަނުގެ އުމްރާ ދަތުރެއްގައި ކެއުމަށް ދިވެހި ރަހަތައް ތައްޔާރުކޮށްފައި (ފޮޓޯ/ހައްޖު ކޯޕަރޭޝަން)
މިނާގައި ތިބޭއިރު ހައްޖާޖީންނަށް ދިވެހި ކެއުން ފޯރުކޮށްދެނީ
ހައްޖުގެ އަޅުކަމުގައި އުޅޭ އިރު ދިވެހިންނަށްދޭ ކެއުމުގައި ދިވެހި ރަހަތައް ހިމަނަން ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މި އަހަރުގެ ހައްޖު މޫސުން ފެށިފައިވާ އިރު ރާއްޖޭން ހައްޖަށް ދާ މީހުންނަށް ހާއްސަ ހިދުމަތްތަކުގެ ތައްޔާރީތައް އެޑްވާންސް ޓީމުން ވަނީ ފަށައިފަ އެވެ.
ތަފްސީލް - ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ހައްޖުގެ އަޅުކަމުގައި އުޅޭއިރު މިނާ ޓެންޓްގައި ހޭދަކުރާ ދުވަސްތަކަކީ ދިވެހި ހާޖީން ކެއުމުގައި ބޮޑު ތަކުލީފުތަކެއް އުފުލަމުންދާ ދުވަސްތަކެއް ކަމަށެވެ.
"އެކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން މިނާގައި ތިބޭއިރު ދޭ ކެއުމުގައި ދިވެހި ރަހަތައް ހިމެނުމަށް ހައްޖު ކޯޕަރޭޝަނުން ނިންމައިފިން. އުންމީދަކީ މީގެ ސަބަބުން ކުރިން ދިވެހިން އުފުލަމުން އައި ތަކްލީފަށް ލުޔެއް ލިބިގެން ދިއުން،" ޝަކީލް ވިދާޅުވި އެވެ.
ހައްޖާޖީން މައްކާއަށް ދިޔުމުގެ ކުރިން ހައްޖު ކޯޕަރޭޝަނުން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މިނާގައި ތިބޭ ޓެންޓުތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރަމުންނެވެ.
ރާއްޖޭން މީހުން ހައްޖަށް ގެންދިޔުމަށް ލިބުނު 1،000 ކޯޓާ ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ.
ފާހަގަ ކުރެވޭ - ރާއްޖޭން ހައްޖަށާއި އުމްރާ އަށް ދާ މީހުން ހޮޓަލުގައި ތިބޭއިރު ހުރިހާ ގަޑިއެއްގެ ކެއުމަށް ވެސް ދިވެހި ރަހަތައް މިހާރު ވެސް ފޯރުކޮށްދެ އެވެ.