ގަދަ ވައިގެ ތެރޭގައި މާލޭގައި ބަޔަކު ހިނގާފައި ދަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އެންޑީއެމްއޭ

ހުޅަނގު މޫސުމުގެ ވިއްސާރާގައި މިހާތަނަށް 12 ރަށުން އެކިވަރުގެ ގެއްލުން ރިޕޯޓުކޮށްފި: އެންޑީއެމްއޭ

ހާދިސާތަކުގައި ލިބުނު ގެއްލުންތައް ކައުންސިލްތަކުން ވަޒަންކުރުމުން ދޭން ޖެހޭ މާލީ އެހީތެރިކަން އެންޑީއެމްއޭއިން ފޯރުކޮށްދޭނެ

މިހާރު ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ އާދަޔާހިލާފު ވިއްސާރާގައި 12 ރަށަކުން އެކިވަރުގެ ގެއްލުންތައް ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އުމަރު މޫސާ ފިކުރީ 'ދައުރު'އަށް ވިދާޅުވީ މިދިޔަ ދެ ހަފްތާގެ ތެރޭގައި މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށަށް އެކިވަރުގެ އަސަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން، މުޅިއެކު 12 ރަށަކުން މިހާތަނަށް އެކި ގެއްލުންތައް ރިޕޯޓުކޮށްފައިވާ އިރު، އެކަމާ ގުޅިގެން ފުރަން ޖެހޭ 'ޑެމޭޖް އެސެސްމަންޓް ފޯމު' ނުވަތަ ލިބުނު ގެއްލުން ވަޒަންކުރާ ފޯމުތައް ފުރުމުގެ ކަންކަން ކައުންސިލްތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެންޑީއެމްއޭއަށް މިހާތަނަށް ހާދިސާތައް ރިޕޯޓުކޮށްފައިވާ ރަށްތަކަކީ:

1. ހއ. ދިއްދޫ:

  • ވައި ގަދަވެ އެ ރަށުގެ 12 ގެއެއްގެ ފުރާޅަށް ގެއްލުން ލިބުނު. ހަ ގެއެއްގެ ފުރާޅު މުޅިން އެއްލާލި

  • ގެއްލުން ލިބުނު ފުރާޅުތައް ރަށު ރައްޔިތުންގެ އެހީއާ އެކު ވަގުތީ ގޮތުން ވަނީ މަރާމާތުކޮށްފައި

  • އެކަމަށް ބޭނުންވާ ޓިނު ގަތުމުން އެންޑީއެމްއޭ އިން ބަދަލު ދޭނެ

2. ތ. ތިމަރަފުށި:

  • ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ތިމަރަފުށީގައި ވަރަށް ބޮޑަށް ފެންބޮޑުވި

  • 50 ގޭބިސީއަކަށް ފެން ވަދެފައިވާ ކަމަށް ރިޕޯޓުކުރި؛ އޭގެ ތެރެއިން 32 ގެއަށް ލިބުނު ގެއްލުން ވަޒަންކުރުމުގެ މަސައްކަތް ކައުންސިލުން އަންނަނީ ކުރަމުން

3. ފ. ފީއަލި:

  • ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވި

  • އެކަމުގެ ސަބަބުން ލިބުނު ގެއްލުންތައް ވަޒަންކުރުމަށް ފަހު އެންޑީއެމްއޭއަށް ހުށަހަޅަން ކައުންސިލަށް ވަނީ އަންގާފައި

4. ހުޅުމާލެ:

  • ބޯކޮށް ވާރެ ވެހުމުގެ ސަބަބުން ހުޅުމާލޭގެ ގެއަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ސާމާނަށް ގެއްލުންވި ކަމަށް ރިޕޯޓުކުރި

5. އައްޑޫ މަރަދޫފޭދޫ:

  • ގަދަ ވަޔާ އެކު ގެއެއްގެ ފުރާޅުގެ އެއްބައި އެއްލައިލި؛ އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު އެ ފުރާޅު މިހާރު ވަނީ މަރާމާތުކޮށްފައި

  • ކައުންސިލުން ވަނީ އެ ހާދިސާގައި ލިބުނު ގެއްލުން ވަޒަންކުރުމަށްފަހު އެ މައުލޫމާތު އެންޑީއެމްއޭއަށް ފޮނުވާފައި

6. ޏ. ފުވައްމުލައް:

  • އެއް ގޭގެ ފުރާޅު އެއްލާލައިފައިވޭ؛ ކައުންސިލުން މިހާރު ވަނީ ފުރާޅު މަރާމާތުކޮށްފައި

7. ދ. ބަނޑިދޫ:

  • ގަދަ ވަޔާ އެކު އެއް ގޭގެ ފުރާޅު ވަނީ އެއްލާލާފައި؛ ރަށު ރައްޔިތުންގެ އެހީއާ އެކު ފުރާޅު މިހާރު ވަނީ ވަލުން އައްސާފައި

  • ކައުންސިލުން ވަނީ ލިބުނު ގެއްލުން ވަޒަންކުރުމުގެ ފޯމު ފޮނުވާފައި

8. ވ. ފުލިދޫ:

  • ވައި ގަދަވެގެން ފުލިދޫގެ ސެޓްލިންކް އިންޓަނެޓް ޓަވަރު ވަނީ ކައުންސިލްގެ އީ-ސެންޓަރުގެ ފުރާޅު މައްޗަށް ވެއްޓިފައި

  • މި ހާދިސާގައި އެއްވެސް މީހަކަށް އަދި ގޭބިސީއަކަށް ގެއްލުމެއް ނުވޭ

9. އައްޑޫ ފޭދޫ:

  • އެއް ގޭގެ ފުރާޅުން ޓިނުގަނޑެއް ވަޔާ އެއްލާލައިފައިވޭ؛ އެމްއެންޑީއެފް އިން މިހާރު ވަނީ ފުރާޅަށް ލިބުނު ގެއްލުން މަރާމާތުކޮށްފައި

10. ށ. މާއުނގޫދޫ:

  • ވައި ގަދަވުމުގެ ސަބަބުން ހެލްތު ސެންޓަރުގައި ހުރި ދެ ގަސް ވެއްޓިފައިވޭ

  • އެމްޓީސީސީ އާއި ފެނަކައިގެ އެހީތެރިކަމާ އެކު ގަސްތައް ނަގައި އެ ސަރަހައްދު ވަނީ ސާފުކޮށްފައި؛ ހެލްތު ސެންޓަރުގެ ހިދުމަތްތައް މިހާރު ކުރިއެކޭ އެއްގޮތަށް ދަނީ ފޯރުކޮށްދެމުން

  • ރަށުގެ އެހެން ހިސާބުތަކުން ވެސް ގަސް ވެއްޓުނު ކަމުގެ ރިޕޯޓުތައް ލިބުނު

11. ޅ. ނައިފަރު:

  • މީހުން ނޫޅޭ ގެއެއްގެ ފުރާޅުގެ ބައެއް އެއްލާލި

  • އެ ހާދިސާގައި ލިބުނު ގެއްލުންތައް ވަޒަންކުރާ ފޯމު ކައުންސިލުން ވަނީ އެންޑީއެމްއޭއަށް ފޮނުވާފައި

12. ބ. އޭދަފުށި:

  • ވައި ގަދަވުމުގެ ސަބަބުން ރަށުގެ އެކި ހިސާބުތަކުން ގަސް ވެއްޓުނު؛ މި ހާދިސާތަކުގައި އެއްވެސް ގެއަކަށް ގެއްލުމެއް ނުވޭ

  • ކުޑަކުދިންގެ ޕާކުގެ ފާހާނާގެ ފުރާޅާއި ކުނި މެނޭޖުކުރާ ސެންޓަރުގެ ފުރާޅު ވަނީ އެއްލާލާފައި

ފާހަގަކޮށްލެވޭ - މި އަހަރުގެ ހުޅަނގު މޫސުމުގައި އާދަޔާހިލާފަށް ވައި ގަދަ އެވެ. ބައެއް ހާލަތްތަކުގައި ގަޑިއަކު 60 މޭލަށް ވުރެ ބާރަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ އިދާރާއިން ގިނަ އަދަދެއްގެ އޮރެންޖު އެލާޓު ވެސް ނެރުނެވެ. އެހެންކަމުން ސަލާމަތީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް