ގަދަ ވަޔާއެކު ޕާކިން ޒޯނެއްގައި ހުރި ގަހެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެފައި. (ފޮޓޯ/ ސޯޝަލް މީޑިއާ)

ވައިގަދަވުން

ޕާކިން ޒޯނެއްގައި ހުރި ގަހެއް ވެއްޓި ސައިކަލުތަކަކަށް ގެއްލުންވެއްޖެ

ގަސް ވެއްޓިފައިވަނީ ސޯސަންމަގު ސިންދިތާ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ސައިކަލުތަކެއް މައްޗަށް

މިވަގުތު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގެ ގަދަ ވަޔާއެކު މާލޭގެ ޕާކިން ޒޯނެއްގައި ހުރި ގަހެއް ވެއްޓި ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތަކަކަށް ގެއްލުން ވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ވެއްޓިފައިވަނީ ސޯސަންމަގު ސިންދިތާ ކުރިމަތީގައި އޮންނަ ޕާކިން ޒޯނުގައި ހުރި ގަހެކެވެ.

ޕާކުކޮށްފައި ހުރި ސައިކަލުތައް މައްޗަށް ގަސް ވެއްޓިފައިވާ އިރު، ގަސް ދޮށުން ސައިކަލުތައް ނެގުމަށް މީހުން މަސައްކަތް ކުރަމުންދާ ތަން ވެސް ވީޑިއޯ އިން ފެނެ އެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭ ގޮތް ނުވާތީ މި ހާދިސާގައި ގެއްލުން ލިބުނީ ކިތައް ސައިކަލަށް ކަމެއް ޔަގީނެއް ނުވެ އެވެ. އަދި ގެއްލުމުގެ އަގު އަރާނެ މިންވަރު އަންދާޒާ ކުރެވިފައެއް ނުވެ އެވެ.

މީގެ އިތުރަށް ރައީސް އޮފީސް ކުރިމަތީ ޕާކިން ޒޯންގައި ހުރި އޮފިއެލޭ ގަސްތަކުން ގޮފިތައް ވެސް ވަނީ މަގުމައްޗަށް ވެއްޓިފަ އެވެ. އެތަކެތި ސާފުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލްގެ މުވައްޒަފުން ނިކުމެ ވަނީ ފަށައިފަ އެވެ. 

ފާހަގަކޮށްލެވޭ - މޫސުން ގޯސްވެ، އާދަޔާހިލާފަށް ވައި ގަދަ ވުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސްތައް ވެއްޓުމާއި ގޭގޭގެ ފުރާޅު އެއްލާލުމުގެ ގިނަ ހާދިސާތައް ދަނީ ހިނގަމުންނެވެ. ވިއްސާރަވެ ވައި ގަދަވާނެ ކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް