އީރާނުގެ ރައީސްގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށް އާދަމް ޝަރީފް އީރާނަށް ފުރާވަޑައިގަތުމަށް އެއާޕޯޓުގައި (ފޮޓޯ/ރައީސް އޮފީސް)

އީރާން

ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން އީރާނުގެ ރައީސްގެ ޖަނާޒާއަށް އާދަމް ޝަރީފު ފުރާވަޑައިގެންފި

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ވަނީ ނިންމާފައި

ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސާއެއްގައި އަވަހާރަވި އީރާންގެ ރައީސް ސައްޔިދު އިބްރާހީމް ރައީސީ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ހުސެން އާމިރު-އަބްދުއްލަހިޔާނުގެ ޖަނާޒާގައި ރައީސް މުހައްމަދު މުއިއްޒުގެ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެ ވަޑައިގަތުމަށް ލޯކަލް ގަވަމެންޓު މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ އީރާނަށް ފުރާވަޑައިގެންފި އެވެ.

ތަފްސީލް - ރައީސް އޮފީހުން ބުނިގޮތުގައި އާދަމް ޝަރީފު އީރާނަށް ވަޑައިގަންނަވަނީ އެ ގައުމުގެ ރައީސާއި ފޮރިން މިނިސްޓަރަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރައްވައި އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވުމަށެވެ.

ރައީސީ ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނީ އަވައްޓެެރި އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ މަގުމަތީގަ އެވެ.

ރައީސް މުއިއްޒު ވަނީ އީރާނުގެ އިންތިގާލީ ރައީސް މުހައްމަދު މުހްބަރަށް އިއްޔެ ތައުޒިޔާގެ މެސެޖެއް ފޮނުއްވައިފަ އެވެ.

އީރާނަށް ކުރިމަތިވެފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނާ އެކު ދިވެހި ސަރުކާރާއި ރައްޔިތުން ތިބި ކަމަށް ރައީސް ވިދާޅުވި އެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި، މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ރައީސް ވަނީ ނިންމަވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް