އަކްރަމް(ކ)، މުސްތަފާއަށް ދައްކަން ޖެހޭ މިލިއަނެއްހާ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި

ސިވިލް ކޯޓު

އަކްރަމް، ކުރީގެ މެންބަރު މުސްތަފާއަށް މިލިއަނެއްހާ ރުފިޔާ ދައްކަން ހުކުމްކޮށްފި

މުސްތާފާ އެދިފައި ވަނީ 1.8 މިލިއަން ރުފިޔާ ނަގައިދނުމަށް

ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން، ކުރީގެ ތިމަރަފުށި ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާއަށް ދައްކަން އޮތް މިލިނެއްހާ ރުފިޔާގެ ދަރަނި ދެއްކުމަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފި އެވެ.

ވީ ކިހިނެއް؟ - ނޮވެމްބަރު 2019ގައި މުސްތަފާ، އަކްރަމްއާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އަނބުރާ ދޭ ގޮތަށް ފައިސާ ނެގުމަށް ފަހު، އެ ފައިސާ އަނބުރާ އަދާ ކުުރުމުގެ ގޮތުން އަކްރަމް ދީފައިވާ ޗެކްތަކަށް ފައިސާ ލިބިފައި ނުވާ ކަމަށް ބުނެ އެވެ. އެގޮތުން މުސްތަފާ އެދުނީ:

  • ދަރަނި އަދާ ކުރުމަށް އަކްރަމް ދިން ހަތަރު ޗެކްގެ ފައިސާ ހޯދުމަށް؛ އެއީ 1.71 މިލިއަން ރުފިޔާ

  • ޝަރީއަތަށް މައްސަލަ ހުށަހަޅަން ޖެހުމުން ހަރަދުވި 100،000ރ. ހޯދުމަށް

  • އެކު ޖުމްލަ 1.8 މިލިއަން ރުފިޔާ ހޯދުމަށް

ތަފްސީލު - ހުކުމުން އެނގޭ ގޮތުގައި، އަނބުރާ ދައްކަން ޖެހޭ ގޮތަށް މުސްތަފާ އަތުން ފައިސާ ނެގި ކަމަށް އަކްރަމް ވަނީ އެއްބަސްވެފަ އެވެ. ނަމަވެސް ދެ ފަރާތުގެ ދެމެދު ހިލާފު އެފެދުނީ މުސްތަފާ އަތުން އަކްރަމް ނެގި ފައިސާގެ މިންވަރާ މެދު ކަމަށް ހުކުމްގައި ބުނެ އެވެ.

އެގޮތުން އަކްރަމް އެއްބަސްވެފައިވާ ފައިސާގެ އަދަދަކީ:

  • 400،000ރ. އާއި 50،000 ޑޮލަރު (771،000 ދިވެހި ރުފިޔާ)

އޭގެ ތެރެއިން 400،000ރ. އަނބުރާ ރައްދުކޮށްފައިވާ ކަމަށް އަކްރަމް ކޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެ ފައިސާ ދެއްކި ކަމުގެ ހެއްކެއް ނެތް ކަމަށް ހުކުމުގައި ބުނެ އެވެ.

މި މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ ފައްޔާޒު ޝާތިރު ހުކުމް ކުރެއްވީ، 400،000ރ. އާއި 50،000 ޑޮލަރަކީ މުސްތަފާ އަތުން ނެގި ފައިސާ ކަމަށް އަކްރަމްގެ އިއުތިރާފުވެފައިވާތީވެ، އެއީ ދައްކަން ޖެހޭ ފައިސާކަމަށް ސާބިތުވާ ކަމަށެވެ.

އެހެންކަމުން، އަންނަ ޖުލައި 19ގެ ކުރިން އެ ފައިސާ ދެއްކުމަށް ގާޒީ ހުކުމް ކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް