އައްޑޫ ހިތަދޫގެ އުތުރު ފަރާތު ފުއްޓަރުން ރާޅު ޖަހައި، ދެ ގެއެއްގެ އިންފާރު ވެއްޓިފައި. (ފޮޓޯ/އިބްރާހިމް ޝިނާޒު)
ގޮނޑުދޮށް ހިމާޔަތްކުރުން ހުއްޓާލާފައި އޮއްވާ ހިތަދޫއަށް ރާޅު އަރައި 2ގެއެއްގެ އިންފާރު ވެއްޓިއްޖެ
ސ. ހިތަދޫގެ ފުއްޓަރު ފަރާތުން ބޮޑެތި ރާޅު އަރައި ދެ ގެއެއްގެ އިންފާރު ވެއްޓިއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު މެންދުރު ހިނގި އެ ހާދިސާގައި ވެއްޓުނީ ހިތަދޫ އުތުރުފަރާތު ފުއްޓަރު ފަރާތުގައި ހުންނަ އިވްނިން ޕާކް އަދި އޯކަމް ވިލެޖް ނަމަކަށް ކިޔާ ދެ ގެއެއްގެ އިންފާރެވެ.
ބުނީ ކީކޭ؟ - ހިތަދޫ ކޮރޮވައު ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝިނާޒު 'ދައުރު'އަށް މިއަދު ވިދާޅުވީ އެ ހާދިސާ ހިނގީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހުއްޓާލާފައި އޮއްވާ، އެ މަސައްކަތް ނުކޮށް އޮތް ހިސާބުން ކަމަށެވެ.
"ހިތަދޫ އުތުރު ފުއްޓަރު ފަރާތުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއެއް މިދިޔަ ސަރުކާރުގައި އެމްޓީސީސީއާ ހަވާލު ކުރެވި، މަސައްކަތުގެ %50 ވަނީ ނިމިފައި،" ޝިނާޒު ވިދާޅުވި އެވެ.
"ނިމިފައި އޮތް ސަރަހައްދުގެ ގެތަކަށް އެއްވެސް އަސަރެއް ނުކުރޭ. އެހެން ނަމަވެސް ނުނިމި، މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން މިއަދު ވަނީ އެ ސަރަހައްދުގެ ދެ ގެއަކަށް ގެއްލުންވެފައި."
އެ މަޝްރޫއު ހުއްޓުވީ، އޭނާ ވިދާޅުވި ގޮތުގައި ސަރުކާރު ބަދަލުވި ފަހުންނެވެ.
"އެދެނީ ވީހާ ވެސް އަވަހަކަށް މަޝްރޫއު ކުރިއަށް ގެންގޮސް ދާއިމީ ހައްލެއް ސަރުކާރުން ހޯދައިދިނުން،" ޝިނާޒު ވިދާޅުވި އެވެ.
އެނގުން މުހިންމު - ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު 11.6 މިލިއަން ރުފިޔާގެ އަގަކަށް އެމްޓީސީސީއާ ހަވާލުކުރީ 25 ނޮވެމްބަރު 2021 ގައެވެ. އަދި އަމަލީ މަސައްކަތް ފެށީ 5 އޮކްޓޫބަރު 2022 ގައެވެ.
އެ މަޝްރޫއުގެ ދަށުން:
-
ހިތަދޫގެ ހުޅަނގު ފަރާތުގައި 570 މީޓަރުގެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރާނެ
-
15×50 މީޓަރުގެ ސަރަހައްދެއް ފުންކުރާނެ
-
މޫދަށް އެރޭ ސަރަހައްދެއް ހަދާނެ
-
މޫދަށް އެރޭ ސަރަހައްދުގެ ބޭރުން، ބޮޑުހިލައިން 100 މީޓަރުގެ ބޭރުތޮއްޓެއް ލާނެ
ކޮމެންޓް (1)
އަލީ