ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ބޭރުގައި ބަޔަކު މަޑުކޮށްގެން. އެތެރޭގެ އުދުހުންތަކުގައި ދިޔާތަކެތި އުފުލޭނެ މިންވަރު ތަންފީޒުކުރަން މާދަމާ ފަށާނެ (ދައުރު ފައިލް ފޮޓޯ)
އެތެރޭގެ އުދުހުންތަކުގައި އަތްދަބަހުގައި ދިޔާތަކެތި އުފުލޭނެ މިންވަރު ހަރުކަށިކޮށްފި
އެތެރޭގެ އުދުހުންތަކުގައި އަތްދަބަހުގައި ދިޔާތަކެތި އުފުލޭނީ 100 މިލިލީޓަރަށް ވުރެ ބޮޑު ނޫން ކޮންޓެއިނާތަކުގައި ކަމަށާއި، މާދަމާ އިން ފެށިގެން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އަމަލު ކުރާނީ މިގޮތަށް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން ބުނެފި އެވެ.
ވީ ކިހިނެއް؟ - ނެޝަނަލް ސިވިލް އޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމްގެ 5 ވަނަ އެޑިޝަންގައި ކަނޑައަޅާފައިވާގޮތުން ރާއްޖޭގެ މަދަނީ ވައިގެ ބަނދަރުތަކުން ފުރާ މަދަނީ ވައިގެ އުޅަނދުފަހަރުގެ ތެރެއިން ބޭރު ގައުމުތަކުގެ އުޅަނދުތަކާއި އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އުޅަނދުތަކަށް އެރުވުން މަނާ ތަކެތީގެ މިންތައް ތަފާތުކޮށްފަ އެއް ނުވެ އެވެ.
ތަފްސީލް - ޑިފެންސް މިނިސްޓްރީ އިން މި މަހުގެ16 ވަނަ ދުވަހު ނެރެފައިވާ ސާކިޔުލާގައި ބުނެފައިވާގޮތުން ނެޝަނަލް ސިވިލްއޭވިއޭޝަން ސެކިޔުރިޓީ ޕްރޮގްރާމްގެ 5 ވަނަ އެޑިޝަންގެ އެޕެންޑިކްސް ހަތަރެއްގެ 2.4 އަދި2.5 އަށް މާދަމާ އިން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.
އަތްދަބަހުގައި ދިޔާ ތަކެތި ގެންދެވޭނެ ގޮތްތައް
— DASA - Regulator of Aviation Security in Maldives (@dasamaldives) May 16, 2024
• ދިޔާތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރ 100 އެމްއެލް އަށް ވުރެ ބޮޑުނުވުން
• ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލް ގެ 10 ކޮންޓެއިނަ
• ދަތުރު މަތީގައި ބޭނުންވާ ވަރަށް ކުޑަކުދިންގެ ދިޔާ ކާނާ އަދި ޑޮކްޓަރީ ބޭސް ގެންދެވޭނެ pic.twitter.com/A8jNNNSJ36
އެއާއެކު އަތްދަބަހުގައި ދިޔާތަކެތި ގެންދެވޭނީ
-
ދިޔާތަކެތި އަޅާފައި ހުންނަ ކޮންޓެއިނަރު 100 އެމްއެލް އަށް ވުރެ ބޮޑުނުވުން
-
ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން 100 އެމްއެލް ގެ 10 ކޮންޓެއިނަރު
-
ދަތުރު މަތީގައި ބޭނުންވާ ވަރަށް ކުޑަކުދިންގެ ދިޔާ ކާނާ އަދި ޑޮކްޓަރީ ބޭސް ގެންދެވޭނެ
އެތެރޭގެ އުދުހުންތަކުގައި ދަތުރުކުރުމަށް ފަސިންޖަރުންނަށް ޓިކެޓު ދޫކުރުމުގެ ކުރިން މި މައުލޫމާތު ހިއްސާކޮށް، އެއާޕޯޓުތަކުގައި މިކަމާ ގުޅޭ އެނައުންސްމެންޓުތައް ދިނުމަށާއި ފަސިންޖަރުންނަށް ފެންނާނެހެން ސައިނޭޖު ޖެހުމަށް ޑިފެންސް މިނިސްޓްރީގެ ސާކިޔުލާ އިން އެއާޕޯޓުތައް ހިންގާ ކުންފުނިތަކަށް އަންގާފައިވެ އެވެ.
މީގެ އިތުރުން އެއްވެސް ފަސިންޖަރަކަށް ތަފާތުކުރުމެއް ނެތި، އޭވިއޭޝަން ކޮމާންޑުން މިކަން ތަންފީޒު ކުރާނެ ކަމަށް ވެސް އެ ސާކިޔުލާގައި ބުނެފައިވެ އެވެ.