މިހާރު ކުރަމުންދާ ބޯ ވިއްސާރައިގައި ބާރު ވަޔާ އެކު ހުޅުމާލޭ މަގުމައްޗަށް މިރޭ ގަހެއް ވެއްޓިފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މޫސުން

ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި

ވައި ބާރުވެ ކަނޑު ގަދަވާނެތީ، މިވަގުތު ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރަން ވަނީ އިލްތިމާސްކޮށްފައި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

ތަފްސީލް - މެޓް އޮފީހުން ޔެލޯ އެލާޓު ނެރެފައިވަނީ ބ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށެވެ. އެ އިދާރާއިން ލަފާ ކުރާ ގޮތުގައި، މިރޭ 8 އިން ފެށިގެން 12 ޖަހަންދެން މި އަތޮޅުތަކަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ އެވެ. އެގޮތުން:

  • ބޯކޮށް ވާރޭ ވެހޭނެ

  • ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ

  • ކަނޑުތައް ވަރަށް ގަދަވާނެ

ހުޅަނގު މޫސުން ފެށުމާ އެކު މިދުވަސްކޮޅު ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާތީ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ކަމާބެހޭ އިދާރާތަކުން ދަނީ ގޮވާލަމުންނެވެ.

އެނގުން މުހިއްމު - ޔެލޯ އެލާޓު ނެރެފައިވާ ހާލަތުގައި ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ދިވެހި ރެޑް ކްރެސެންޓުން ފާހަގަކޮށްފައިވަނީ:

  • މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދައި ބެލުން

  • ގަދަ ވަޔާ އެކު އުސް އިމާރާތްތަކުން ވެއްޓިދާނެ ނުވަތަ ވަޔާ އެކު އެއްލައިގެންދާނެ ފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިވުން

  • ގޭގެ އާއި އިމާރާތްތަކުގެ ފުރާޅުގެ ހާލަތު ބަލައި ގަދަ ވަޔާ އެކު އެއްލާނުލާނެ ފަދަ ގޮތަކަށް ރައްކާތެރިކުރުން

  • ކަނޑު ދަތުރުނުކުރުން

  • ބޯކޮށް ވާރޭވެހި ފެންބޮޑުވުން ފަދަ ހާލަތްތަކަށް ތައްޔާރުވެ، އިމާރާތްތަކަށް ފެން ނުވަންނަ ގޮތްތައް ހޯދުން

  • ވައިގަދަ ގަޑިތަކުގައި ވިއްސާރަ ކުޑަ ނުގެންގުޅުން

  • އެއްގަމު އުޅަނދު ދުއްވުމުގައި (ހާއްސަކޮށް ބްރިޖާއި ހައިވޭ ފަދަ ތަންތަނުގައި) ރައްކާތެރިވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް