މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި އޭސީސީގެ ބައެއް މެމްބަރުން ބައިވެރިވެ ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)

އޭސީސީ

ބޮޑު ހިޔާނާތުގެ ފައިސާ ހިމެނޭހެން 50 މިލިއަން ހޯދަން އެންގި؛ އެކަމަކު ނުހޯދުނު

އޭސީސީއިން ބުނީ ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް 10 ފަރާތަކަށް އަންގާފައިވާ ކަމަށް. އެކަމަކު މިހާތަނަށް އެއްވެސް ފަރާތަކުން ފައިސާ ހޯދާފައި ނުވާ ކަމަށް ބުނި

މިދިޔަ އަހަރު އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގައި، ދައުލަތަށް ލިބެން ޖެހޭ 50.3 މިލިޔަން ރުފިޔާ ހޯދަން އެންގި ނަމަވެސް މިހާތަނަށް އެ ފައިސާ ނުލިބޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ވީ ކިހިނެއް؟- އޭސީސީއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ އަހަރު އެ އިދާރާއިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދިހަ މައްސަަލައެއްގައި، ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައިވާނެ ކަމަށެވެ. އެގޮތުން:

  • މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އަށް 40.4 މިލިޔަން ރުފިޔާ ހޯދުމަށް އަންގާފައިވޭ

  • އެމްޓީސީސީއަށް 8.4 މިލިޔަން ހޯދަން އެންގި

  • ފެނަކައަށް 1.3 މިލިޔަން ރުފިޔާ ހޯދަން އެންގި

  • އަދި އެހެން އިދާރާތަކަށް ވެސް ފައިސާ ހޯދަން އެންގި ކަމަށް އޭސީސީން ބުނޭ

"އެކަމަކު މިދިޔަ އަހަރު ދައުލަތަށް ހޯދުމަށް އަންގާފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް ނުލިބެ އެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

އެތަނުން ބުނިގޮތުގައި:

  • ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ދައުލަތަށް ހޯދަން ޖެހޭ ފައިސާ ހޯދުމަކީ އޭސީސީގެ މަސްއޫލިއްޔަތެއް ނޫން

  • އެކަމަކު ކޮމިޝަނުން ތަހުގީގު ކުރާ މައްސަލަތަކުގައި، ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ހިމެނޭކަން ތަހުގީގަށް ފާހަގަކުރެވިއްޖެ ނަމަ އެ ފައިސާއެއް ހޯދުމަށް، ޒިންމާ އޮންނަ ފަރާތަކަށް ކޮމިޝަނުން އަންގަމުން ގެންދޭ

އޭސީސީން ބުނީ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާ، ހޯދުމަށްޓަކައި އިދާރާތަކުން މަސައްކަތްކޮށްފައިވާ މިންވަރު ބަލައި މޮނީޓާ ކުރުމަށް 2022 ވަނަ އަހަރު އެކަމަށް ހާއްސަ ނިޒާމެއް ކޮމިޝަނުގައި ގާއިމުކޮށްފައިވާ ކަމަށެވެ. އަދި މި ނިޒާމުގެ ތެރެއިން، އިދާރާތަކުން އަމަލުކޮށްފައިވާ މިންވަރު ބެލިބެލުމުގައި، އެތަންތަނުން އެކަށީގެންވާ މަސައްކަތެއް ކޮށްފައިނުވާތީ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް