ލ. ގަމުގެ މަގެއް، ވާރޭވެހި ފެންބޮޑުވެފައި.

ލ. ގަން

މި މަގު ފެންނަ މީހުންނަށް މާލޭގެ ފާލަން މަރާމާތު ކުރުމަކީ ޖޯކެއް

ކިރިޔާ ވާރޭ ވެހޭއިރަށް ގަމުގެ ގިނަ މަގުތަކުގައި ފެންބޮޑުވެ، އެ މައްސަލަ ހައްލުނުކޮށްދީ، މީގެ ނުވަ އަހަރު ކުރިން ތަރައްގީކުރި މާލޭގެ ރަސްމީ ފާލަން، 12 މިލިއަން ރުފިޔާއަށް މަރާމާތު ކުރުމަކީ އެ ރަށު ބައެއް މީހުންނަށް ބޮޑު ޖޯކެއް

"މިއީ އެއްވެސް ހާލެއްގައި ވޯޓާ ތީމް ޕާކެއް ނޫނެވެ. ނުވަތަ އެމޭޒަން ޖަންގަލީގެ ކޯރެއް ވެސް ނޫނެވެ،" ބޯކޮށް ވާރޭވެހި ލ. ގަމުގެ މަގެއްގައި ފެން ބޮޑުވެފައިވާ މަންޒަރު ފެންނަ ފޮޓޯއެއް ފޭސްބުކްގައި ހިއްސާކުރަމުން މީހަކު ލިއުނެވެ.

ފޮޓޯގެ ކެޕްޝަންގައި އޭނާ ބުނެދިން ވާހަކަތަކުން އެއީ އެތައް ބަޔަކަށް ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވާ ކަމެއްކަން އެނގެ އެވެ. އެއީ ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު ސްކޫލަށާއި އޮފީހަށް ނުވަތަ ޒަރޫރީ އެހެން ކަމެއްގައި ވެސް ދާން ބޭނުންކުރާ، އެ ރަށުގެ މައި މަގެކެވެ.

ބޮޑުވެފައިވާ ފެންގަނޑާ ހެދި އެ މަގުން ނުފެންނަ މައްސަލަތައް ވެސް ހިއްސާކުރަމުން އޭނާ ބުނީ "އުނދަގުލަސް، ނުރައްކަލަސް، ޗަކަޔަސް އަދި ކިތަންމެ ފުން ވަޅުގަނޑުތަކެއް ހުއްޓަސް މި މަގު ބޭނުންނުކޮށް ވާކަށް" ނޯންނަ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެއީ ކިރިޔާ ވާރޭ ވެހޭއިރަށް އެ މަގު ނޫނަސް، ގަމުގެ %99 މަގުތަކުގެ ހާލަތު އޮންނަ ގޮތެވެ.

އެ ޕޯސްޓަށް ކޮމެންޓުކުރި ގިނަ މީހުން އޭނާގެ އެ ވާހަކައަށް ތާއީދުކުރެ އެވެ. ރާއްޖޭގެ ގިނަ ރަށްރަށް ހުރީ މިފަދަ ގޮތަކަށް އަޅާނުލައި ދޫކޮށްލާފައި ކަމަށް އެއްބަޔަކު ބުންޏެވެ. އެކަކު ބުނީ "ސަރުކާރަށް ހީވަނީ މުޅި ރާއްޖެއަކީ މާލެ" ކަމަށެވެ.

"ތިޔައީ މި ތިން ލައްކަ މީހުންގެ ރާއްޖޭގެ ގިނަ ރަށްރަށުގެ އާންމު ހާލަތު. ދެން ދިވެހި ދައުލަތާ ހަވާލުވާ ސަރުކާރުތަކުން މި ކުރީ ކީއް؟" އެހެން މީހަކު ސުވާލު އުފެއްދި އެވެ.

ސަރުކާރުތަކަށް ދައުލަތު މާލިއްޔާ ހިތުހުރި ގޮތަކަށް ބޭނުންކުރުމުގެ ފުރުސަތު ފަހިކޮށްދެނީ ވެސް، އޭނާ ބުނި ގޮތުގައި ރައްޔިތުންނެވެ. އޭނާގެ ނަޒަރުގައި "ސަރުކާރުތަކަށް ސަނާ ކިޔުމާއި 'ގޮޅަ ރިހަ' ކައްކާފައި ކާން ދިނުމަކީ"، ރައްޔިތުން ގަބޫލުކުރާ ގޮތުގައި، އެ މީހުންގެ ޒިންމާއެކެވެ.

އެހެން މީހަކު ބުނީ އިންތިހާބުތައް ނިމިއްޖެ ކަމަށާއި މަގުތަކުގެ ވާހަކަ ދައްކާނެ ބަޔަކު އަނެއްކާ ވެސް ޖެހޭނީ ހޯދަން ކަމަށެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ތާރު ނޭޅީ ކީއްވެތޯ ވެސް މީހަކު ސުވާލު އުފެއްދި އެވެ.

އެ ޕޯސްޓު ހިއްސާކުރި މީހާ އެކަން ކުރި ސަބަބު ވެސް ކިޔައިދިނެވެ.

"އޮފީސް ބޫޓު އަތަށް ނަގައިގެން އައިސް އޮފީހަށް ވަދެ، ފޭސްބުކް ހުޅުވާލި ތަނާ ފެނުނު ހަބަރެއްގެ ސުރުހީ ފެނުނީމަ އައީ ނުލަފާ ހިންޏެކެވެ. '11.7 މިލިއަން ރުފިޔާގެ ބޮޑު ބަޖެޓަކާ އެކު ފުރަމާލޭގެ އެއް ނަންބަރު ފާލަން 1950ގެ ސިފަޖައްސާލަނީ'،" އޭނާ ބުންޏެވެ.

"1950 ބަލާލަން ބޭނުމިއްޔާ ގަމުގެ މަގުތައް ބަލާލަން އައުން ރަނގަޅުވާނެ އެވެ."

މީގެ ނުވަ އަހަރު ކުރިން ތަރައްގީކުރި މާލޭގެ ރަސްމީ ފާލަން އަލުން މަރާމާތުކުރަން 'ޖެހުނީ' ބާވެ ހަލާކުވަމުންދާތީ އެވެ. އެއްގޮތަކުން ބަލާ ނަމަ ރަށެއްގެ މަގަކާއި މާލޭގެ އެއް ނަންބަރު ފާލަމާ ގުޅުވެން ނޯންނާނެ ކަމަށް ބައެއް މީހުން ބުނާނެ އެވެ. އެއީ ދުވާލަކު އެތައް ސަތޭކަ ޓޫރިސްޓުންނާއި އެހެން މީހުން ބޭނުންކުރާ ތަނެކެވެ. އަނެއްކާ ރާއްޖެ ވަޑައިގަންނަވާ އިއްޒަތްތެރިން ވެސް ބައެއް ފަހަރަށް މާލެ ފައިބައިވަޑައިގަންނަވަނީ އެ ފާލަމުންނެވެ.

އެކަމަކު ބައެއް އާންމުންނަށް އެ ފާލަމުގެ މުހިންމުކަން ނުވިސްނެނީ ހަގީގަތުގައި އެ ރައްޔިތުންނަށް އުފުލަން ޖެހޭ ބުރަ އާއި އުނދަގޫ ވެސް ބޮޑުކަމުން ކަން، ޕޯސްޓް ހިއްސާކުރި މީހާގެ ވާހަކަތަކުން އެނގެ އެވެ.

ތިއީ އެމޭޒަން ޖަންގަލި ނުވަތަ ވޯޓާ ތީމް ޕާކެއް ނޫންހޭ ބުނާ މިންވަރަށް ފެންބޮޑުވެފައި އޮތް ގަމުގެ އެ މަގު ކޮންމެ ދުވަހަކު ބޭނުންކުރާ މީހުންނަށް، އެހާ ފަހުން ހެދި މާލޭގެ ރަސްމީ ފާލަން، 12 ވަރަކަށް މިލިއަން ރުފިޔާ ހަރަދުކޮށްގެން އާކުރާ ވާހަކަ ފެނުމުން މަލާމަތްކުރެވިދާނެ ކަމަށް ބެލެވެ އެވެ. އެ މީހުން ބުނާ ގޮތުގައި 12 މިލިއަން ހަރަދުކޮށްގެން 1950ގެ ޑިޒައިނަށް ފާލަން ނުހެދިޔަސް، ގަމަށް ދިއުމުން އެ ޒަމާން ތަޖުރިބާ ކޮށްލެވިދާނެ އެވެ.

ކޮމެންޓް (5)

އައްޒުވީ

17 މޭ 2024
ތި މަގުގައި މާ ބޮޑު މައްސަލައެއް ނެތް. އިންތިހާއަށް ބޯކޮށް ވާރޭ ވެހުނީ ތި ގޮތަށް ވޭ ކޮންމެ ގޮތަކަށް ހަދާފަ އޮތަސް. ތި މަގުން ވެސް ފެން ހިނދިދާނެ ވާރޭ ވެހުން ހުއްޓި 1 ދުވަސް ވީމާ.
0 0

އީޑީޒް އިޖިޕްޓީ

16 މޭ 2024
މޯލްޑިވްސް - ދަ ޕެރެޑައިސް އޮން އާރތު
4 0

ހަނީފް

16 މޭ 2024
@އީޑީޒް އިޖިޕްޓީ ރަނގަޅު ގޮތަކީ މޯލްޑިވްސް ރިސޯޓްސް - ޕެރެޑައިސް އޮން އަރތް. ރައްޔިތުން އުޅެނީ ތިބުނާ ޕެރެޑައިސްއަކު ނޫން
3 0

ސައިމާ

16 މޭ 2024
ބަލަ އެއީދޯ އެބުނާ އީކޯ ޓޫރިޒަމްއަކީ. މިދިޔަ 5 އަހަރުގެ ކޮންސެޕްޓްދޯ. އެވެރިން ބޭނުންވީގޮތް
3 3

މިޒޫ

16 މޭ 2024
@ސައިމާ އޭގެ ކުރީ ފަސް އަހަރު ކީއްބާ ކުރީ. ގައިމު މިދިޔަ ފަސް އަހަރު ކިހާ މަގުތަކެއް އެކި ރަށްރަށުގަ ހެދި. އައްޑޫގަ ހެދި ފޯއްމުލަކުގަ ހެދި. ތިނަދޫގަ ހެދި. ކުޅުދުއްފުއްޓާ ހަނިމާދޫއާ ދިއްދޫގަ ހެދި. ހޯރަފުށީގަ ހެދި. އޭދަފުށީގަ ހެދި. ދުވާފަރުގަ ހެދި. އަދިވެސް ކިތަންމެ ރަށެއް. ފަސްއަހަރުން ހުރިހާ ރަށެއްގެ މަގުތަކެއް ނެހެދޭނެތާ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް