އިންޑިއާގެ ހެލިކަޕްޓަރު (ފައިލް ފޮޓޯ/ އަވަސް)

ހުއްދަ ނެތި ހެލިކޮޕްޓަރު އޮޕަރޭޓް ކުރިކަމަށް މިނިސްޓްރީން ބުނި ވާހަކަ އިންޑިއާއިން ދޮގުކޮށްފި

އިންޑިއާ އެމްބަސީން ބުނި ގޮތުގައި ރާއްޖޭގައި އޮތް އެގައުމުގެ ވައިގެ އުޅަނދުތައް އަބަދު ވެސް އޮޕަރޭޓް ކުރަނީ އެމްއެންޑީއެފްގެ ހުއްދައާ އެކު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި 2019 ވަނަ އަހަރު އެމްއެންޑީއެފްގެ ހުއްދަ ނެތި ރާއްޖޭގައި އޮތް އިންޑިއާގެ ހެލިކޮޕްޓަރު، އެމްއެންޑީއެފްގެ ހުއްދަ ނެތި ދަތުރެއް ކުރި ކަމަށް ޑިފެންސް މިނިސްޓްރީން ދެއްކި ވާހަކަތައް ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ދޮގުކޮށްފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާގެ ވައިގެ އުޅަނދުތައް އޮޕަރޭޓުކުރުމަަށް ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ބޭލުމާ ގުޅޭ ގޮތުން މިދިޔަ ހޮނިހިރު ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވިދާޅުވި ގޮތުގައި:

  • އޭނާ ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ހައިސިއްޔަތުން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓުގައި އިންނެވި އިރު، އެ ކޮމިޓީގެ ފަރާތުން ބެލި މައްސަލަތަކުގެ ތެރޭގައި އެމްއެންއެޑީއެފްގެ ހުއްދަ ނެތި އިންޑިއާގެ ހެލިކޮޕްޓަރު އޮޕަރޭޓް ކުރި މައްސަލަ ހިމެނޭ ކަމަށް

  • "އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގައި މިދިޔަ ފަސް އަހަރު މަސައްކަތް ކުރިއިރު، 241 ކޮމިޓީން އޮންނާނެ ބަލާފައި ދިވެހިންގެ ހުއްދަ ނެތި ފްލައިޓެއް އަޅާފައި އޮތްކަން،" ޑިފެންސް މިނިސްޓަރު ގައްސާން ވިދާޅުވި އެވެ.

އޮކްޓޯބަރު 9، 2019ގައި ކުރި އެ ދަތުރާ ގުޅޭ  ގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

ބުނީ ކީކޭ؟ - "ރާއްޖޭގައި އޮތް އިންޑިއާގެ ވައިގެ އުޅަނދުތައް އަބަދު ވެސް އޮޕަރޭޓް ކުރަމުންދަނީ އެއްބަސްވެފައިވާ އިޖުރާއަތްތަކުގެ މަތިން އަދި އެމްއެންޑީއެފްގެ ހުއްދަ ލިބިގެން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ތަފްސީލު - ތިމަރަފުއްޓަށް ހެލިކޮޕްޓަރު ޖެއްސި ދަތުރަކީ ވެސް އެމްއެންޑީއެފްގެ ހުއްދަ ލިބިގެން ކޮށްފައިވާ ދަތުރެއްކަން ފާހަގަކޮށް، އެ ބަޔާނުގައި ބުނީ، އެއީ ހީވެސް ނުކުރާ ފަދަ ކުއްލި ހާލަތެއް މެދުވެރިވެގެން އުޅަނދުގެ ކުރޫއިންގެ ސަލާމަތަށް ޓަކައި ކުރި ލޭންޑިންއެއް ކަމަށެވެ. 

އެ ދުވަހު ހެލިކޮޕްޓަރު ތިމަރަފުއްޓަށް ޖެއްސީ ވެސް އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ)ގެ ހުއްދަ ލިބިގެން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގާއްސާން ވާހަކަ ދައްކަވަނީ (ފޮޓޯ/ ރައީސް އޮފީސް)

ފާހަގަކޮށްލެވޭ ކަމެއް - ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައްސާންގެ އިތުރުން،  އެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް، މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ ވެސް ވަނީ އެތަނުގެ ހުއްދަ ނެތި ހެލިކޮޕްޓަރު އޮޕަރޭޓް ކުރި ކަމަށް ވިދާޅުވެފަ އެވެ.

"ފާއިތުވި އަހަރު ތެރޭގައި އެފަދަ ހާދިސާއެއް ހިނގާފައި އެބަ އޮތް. [އެއީ] ތ. އަތޮޅު ތިމަރަފުށި އެއާޕޯޓަށް ހެލިކޮޕްޓަރު ޖެއްސި ޖެއްސުން. އެއާ ގުޅިގެން، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުނު،" 2019 ވަނަ އަހަރު ހިނގި ހާދިސާއަށް އިޝާރަތް ކުރައްވައި ހިލްމީ ވިދާޅުވި އެވެ.

"އެކަމާ ގުޅިގެން [އިންޑިއާގެ] ހެލިކޮޕްޓަރު އަދި ޑޯނިއާ ވެސް އުދުއްސޭނީ ދިވެހި އަސްކަރިއްޔާގެ ހުއްދަ ލިބިގެން ކަމުގައި ކަނޑައެޅިގެން އެފަރާތަށް ވެސް އެންގުނު."

މި ހާދިސާގެ ވާހަކަ ނޮވެމްބަރު 2021ގައި އޭރު ރާއްޖޭގެ ބައެއް މީޑީއާތަކުގައި ވެސް ރިޕޯޓުކޮށްފައިވެ އެވެ.

ކޮމެންޓް (2)

ސިކުނޑި

15 މޭ 2024
ސިޔާސީ ގޮތުން ޅަ ވީމަ މިކަހަލަ ކަންކަން ދިމާވާނެ! ނުފިރުކެނީސް ދުވަން އުޅުނީމާ ވެއްޓޭނެވެސްމެ! ވެއްޓިގެން ރަނގަޅުވެސް ވާނީ! ވަޒީރު ހިތްވަރު ކޮށްލާ! ވެރިކަަަމަށް 3 ވަނަ އަހަރުގައި ފުރާ ފުރިހަމަ ވެފައިވާ ދިފާޢީ ވަޒީރެއް ފެންނާނެ ކަމުގެ އުންމީދުގައި ހުރިން!
0 0

މަރުދުރު

14 މޭ 2024
ހީވޭ ކަމެއް ހެން. މި ކަމުން ސަލާމަތެއް ނުވާނެ. ދިވެހި ސަރުކާރުގެ ވެސް އުރަތްޕެއް ނެތް. 50 މިލިއަން ޑޮލަރު ރޯލް އޯވާ ކުރަން ސަލާން ޖަހަން ޖެހޭ ހިސާބު އޮވެގެން ކޮން ވާހަކައެއް ދެއްކޭނީ؟ މަޑުން ތިބެން ޖެހޭނީ. ނިކަން މޮޅީއާ ދިފާއުގައި އެއްޗެއްް ބުނެބަލަ. އެ އޮތީ އަނގައަށް 50 މިލިން ޑޮލަރު ޖަހައި އަނގަ ބަންދުކޮށްލާފައި.
2 3

އިތުރު އާޓިކަލް

އިތުރު އާޓިކަލް