ހާއްސަ އެހީއަށް ބޭނުންވާ ކުދިންތަކެއް ވިލިމާލޭ އިރުމަތީ ފަރާތު ކުޅިވަރު ކުޅެނީ. އެފަދަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ހުރިހާ ރަށަކުން ލިބޭނެ އިންތިޒާމުތައް ހަމަޖައްސަން ވަނީ ގޮވާލާފައި

ނުކުޅެދޭ މީހުންނަށް ހާއްސަ ތެރަޕީތައް ހުރިހާ ރަށަކުން ލިބޭގޮތް ހަދަން މަޖިލީހުން ގޮވާލައިފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ ދޭތެރޭ މުޖުތަމައިން ދެކޭގޮތް އިތުރު ކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް ވެސް ވަނީ ގޮވާލާފައި

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ތެރަޕީތައް މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ލިބޭގޮތް ހަދަން ގޮވާލައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހައްގުތައް ރައްކާތެރިކޮށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުން މިގޮތަށް ގޮވާލީ، 8 މާޗު 2021 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާ އަށް މަޑުއްވަރީ ދާއިރާގެ އޭރުގެ މެންބަރު އަދި މިހާރުގެ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ހުށަހެޅުއްވި ގަރާރާ މެދު މަޖިލީހުގެ ޖެންޑާ އެންޑް ހިޔުމަން ރައިޓްސް ކޮމިޝަނުން ނިންމި ގޮތުގެ ރިޕޯޓުގަ އެވެ. 

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި 46 މެންބަރުންގެ ވޯޓާ އެކު އެ ރިޕޯޓު ވަނީ ފާސްކޮށްފަ އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު ކަމުގައި ހުންނެވިއިރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

ތަފްސީލް - ތިން އަހަރު ފަހުން، ގަރާރު ފާސްކުރި އިރު ކޮމެޓީ މަރުހަލާގައި ފާހަގަކުރެވުނު މުހިއްމު ކަންތައް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި:

  • ކުދިންގެ ޅަފަތުގައި، އެ ކުއްޖެއްގެ ކިބާގައި ނުކުޅެދުންތެރިކަމެއް ހުރިކަން ދެނެގަނެ، ފަރުވާ ދެވޭނެ ނިޒާމެއް ރާއްޖޭގެ ރަށްރަށުގައި ގާއިމް ކުރެވިފައި ނުވާކަމާއި އޭގެ ސަބަބުން ފަރުދުންނަށާއި އާއިލާތަކަށް ކުރާ އަސަރު ކުރާކަން

  • ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އޮކިޔުޕޭޝަނަލް ތެރަޕީ އާއި ސްޕީޗު ތެރަޕީ ފަދަ ހިދުމަތްތައް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ވެސް ލިބެން ހުންނަނީ ވަރަށް މަދު ރަށްރަށުގައިކަން

  • ނުކުޅެދޭ މީހުންނަށް ވަޒީފާ ދެނީ އެކަމަށް އެކަށީގެންވާ ވަރަށް ތައްޔާރު ނުވެ ކަން. އެގޮތުން ވަޒީފާ އަދާކުރަން ޖެހޭ މާހައުލަކީ އެފަދަ މީހުންގެ ނުކުޅެދުންތެރިކަމަށް ބަލައި، އެންމެ އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެހިފައިވާ މާހައުލަކަށް ނުވާތީ އެފަރާތްތަކަށް އިތުރު ތަކުލީފުތަކާ ކުރިމަތިލާން ޖެހޭކަން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރު ކުރުމަށް ހަރުދަނާ ކުރުމަށް އެފަރާތްތަކާ މެދު މުޖުތަމައިން ދެކޭގޮތް ބަދަލު ކުރަން ޖެހޭކަން

މީގެ އިތުރުން ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުެގ ހައްގުތައް ކަށަވަރު ކުރުމަށް ގައުމީ ފެންވަރުގައި ހޭލުންތެރިކަން ކުޑަކަން ފާހަގަކޮށް ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމުތައް ހިންގަންޖެހޭ ކަން ވަނީ ފާހަގަކޮށްފަ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ރާއްޖޭގައި ގިނަ ދަތިތައް ކުރިމަތިވާކަން ފާހަގަކޮށް، އެ ކަންތައް ހައްލު ކުރުމަށް ވެސް ކޮމެޓީ އިން ވަނީ ގިނަ ކަންތައްތަކެއް ހުށަހަޅައިފަ އެވެ.

އެގޮތުން:

  • ދެމެހެއްޓެނިވި ޕްލޭނެއްގެ ދަށުން ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ، ފަރުވާ ދެވޭނެ ނިޒާމެއް ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ގާއިމް ކުރުން

  • ސްޕީޗު ތެރަޕީ އާއި އޮކިޔުޕޭޝަނަލް ތެރަޕީ ފަދަ ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަށް ބޭނުންވާ ހާއްސަ ފަރުވާތައް، ލާމަރުކަޒީ ނިޒާމުގެ ދަށުން ހުރިހާ ރަށަކުން ވެސް ލިބޭނެ އިންތިޒާމު ހަމަޖެއްސުން

  • ކޮންމެ ތަނަކީ ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެއްވެސް ތަކުލީފަކާ ނުލާ ވަޒީފާ އަދާކުރެވޭނެ ފަދަ އިންތިޒާމުތައް ހަމަޖެހިފައިވާތަނެއް ކަން ކަށަވަރު ކުރުމަށް ވަޒީފާ ދޭ ތަންތަނުގައި އެންމެ މަދުވެގެން ހުންނަންޖެހޭ މިންގަނޑުތައް ބަޔާންކުރާ އުސޫލުތައް ތަންފީޒު ކުރުން

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުން ހަރުދަނާކުރުމަށް އެ ފަރާތްތަކާ ދޭތެރޭ މުޖުތަމައިން ދެކޭގޮތް ބަދަލު ކުރުމަށް ގައުމީ ފެންވަރުގައި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަން ޕްރޮގްރާމުތައް ހިންގުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް