ނޭޝަނަލް ޑްރަގް އެޖެންސީ: ރާއްޖޭގައި ފަހަކަށް އައިސް ގިނަވަމުންދާ ނުރައްކާތެރި ޑްރަގްތަކަށް އަދިވެސް ފަރުވާ ދެވޭނެ ގޮތެއް ނެތް. (ފޮޓޯ/ ޕީއެސްއެމް)
މެތަށް ވަރަށް އަވަހަށް ފަރުވާގެ ޕްރޮގްރާމެއް ފަށަން ޖެހޭ: ހޯމް މިނިސްޓްރީ
ރާއްޖޭގައި ފަހަކަށް އައިސް އާންމުވެފައިވާ ނުރައްކާތެރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތަމްފެޓަމިން (މެތު)އަށް ވަރަށް އަވަހަށް ފަރުވާގެ ޕްރޮގްރާމެއް ފަށަން ޖެހޭ ކަމަށާއި އެކަމަށްޓަކައި އ.ދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ)އާ ވާހަކަ ދައްކަމުން އަންނަ ކަމަށް ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ހިންގުމުގެ ބެލެނިވެރި ފަރާތް، ހޯމް މިނިސްޓްރީން ބުނެފި އެވެ.
އެނގުން މުހިއްމު - ފަހަކަށް އައިސް ރާއްޖެއަށް އާ ބާވަތްތަކުގެ މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރުން ވަނީ އާންމުވެފަ އެވެ. މިފަދަ މަސްތުވާތަކެތީގެ ތެރޭގައި މެތަމްފެޓަމިން ފަދަ ބާރުގަދަ ސްޓިމިއުލަންޓް ކެޓަގަރީއަށް ފެތޭ މަސްތުވާތަކެތި ހިމެނެ އެވެ.
އެފަދަ މަސްތުވާތަކެތި ބޭނުންކުރުން އާންމުވެ، ދެވިހިފާފައިވާ ފަރާތްތައް ގިނަވަމުންދާ ނަމަވެސް މިހާތަނަށް އެފަދަ މަސްތުވާތަކެއްޗަށް ދެވިހިފާފައިވާާ މީހުންނަށް ފަރުވާ ދެވޭނެ ހާއްސަ ޕްރޮގްރާމެއް ރާއްޖޭގައި އެކުލަވާލާފައެއް ނެތުމުން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވީ ކިހިނެއް؟ - އެކަމާ ބެހޭގޮތުން 'ދައުރު'އިން ސުވާލު ކުރުމުން އެފަދަ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވީ، މިއަދު ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު އެވެ.
ބުނީ ކީކޭ؟ - ރާއްޖޭގައި އާންމުވަމުންދާ އާ ބާވަތްތަކުގެ މަސްތުވާތަކެތީގެ ސަބަބުން މިހާރު ކުރިމަތިވެފައިވާ ހާލަތައް އަލިއަޅުވާލައްވަމުން ލުބްނާ ފާހަގަކުރެއްވި ގޮތުގައި:
-
މެތަމްފެޓަމިން ފަދަ ސިންތެޓިކް ޑްރަގްސް މިހާރު ވަރަށް ގިނައިން ބޭނުންކުރަމުންދާކަން ފާހަގަކުރެވޭ
-
މީގެ އިތުރުން މަލްޓި-ޑްރަގް ޔޫޒް ނުވަތަ އެކި ބާވަތުގެ މަސްތުވާތަކެތި އެއްކޮށްގެން ބޭނުންކުރުން އާންމުވެފައިވާކަން ވެސް އެންޑީއޭއަށް ވަނީ ފާހަގަކުރެވިފައި
-
މަސްތުވާތަކެތީގެ ގާނޫނުގައިވާ ތާވަލުގައި ނުހިމެނޭ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ދަނީ ރާއްޖެ އެތެރެކޮށް ބޭނުންކުރަމުން
-
ގާނޫނުގައި ނުހިމެނޭތީ މަސްތުވާތަކެތީގެ ބައެއް ބާވަތްތަކަށް ޓެސްޓު ކުރެވޭކަށް ވެސް ނެތް
ލުބްނާ ވިދާޅުވީ، މެތަމްފެޓަމިން ފަދަ ތަކެތި ބޭނުންކުރާ ފަރާތްތަކަށް ވަރަށް އަވަހަށް އެކަށީގެންވާ ޓްރީޓްމެންޓް ޕްލޭނެއް ތައްޔާރުކޮށް ފަރުވާ ފަށަންޖެހޭކަން ކަމާބެހޭ އިދާރާތަކަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
"މެތަމްފެޓަމިން އަދި ސައިކޮޓްރޮޕިކް، ސައިކެޑެލިކް ސަބްސްޓެންސެސް ރާއްޖޭގައި ބޭނުންކުރަމުން ގެންދާތީ އަޅުގަނޑުމެން ވަނީ ޔޫއެންއޯޑީސީއާ [އެކު] މެތަމްފެޓަމިން ފަދަ މަސްތުވާތަކެއްޗަށް ފަރުވާ ލިބޭނެ ގޮތެއް ސްޓްރަކްޗާ ކުރަން ވާހަކަދެކެވިފައި،" ލުބްނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ގާނޫނުގައި ނުހިމެނޭ މަސްތުވާތަކެތި ގާނޫނަށް އިތުރުކުރަން ޖެހޭ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އަދި ވަށާޖެހޭ ގޮތަކަށް އެކަން ކުރެވޭނެ ގޮތެއް ދެނެގަތުމަށް ފުލުހުންނާއި އެންޑީއޭ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ (ޕީޖީ) އޮފީހާއި އެޓާނީ ޖެނެރަލްގެ (އޭޖީ) އޮފީސް ހިމެނޭ ގޮތަށް މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ފަހުގެ އަހަރުތަކުގައި ރާއްޖެއަށް އާ ބާވަތްތަކުގެ މަސްތުވާތަކެތި އެތެރެކުރުން އިތުރުވެފައިވާ އިރު، ގާނޫނަށް އިސްލާހު ގެނައުން ލަސްވުމާއި، އެ ބާވަތްތަކުގެ މަސްތުވާތަކެއްޗަށް ފަރުވާގެ ޕްރޮގްރާމްތައް ތައާރަފު ކުރުން ލަސްވުމުގެ ސަބަބުން މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ބުނެ އެ ދާއިރާގައި މަސައްކަތް ކުރައްވާ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.