އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ހެލިކޮޕްޓަރު އޮޕަރޭޓްކުރުމުގައި އިންޑިއާގެ ސިފައިންނާ އެކު ދިވެހި ސިފައިންގެ މީހަކު ހަރަކާތްތެރިވަނީ. އިންޑިއާ ސިފައިންގެ ބަދަލުގައި އެ މަސައްކަތަށް އެ ގައުމުގެ މަދަނީން ވަނީ ގެނެސްފައި (ފައިލް ފޮޓޯ)

ރާއްޖެ-އިންޑިއާ

އިންޑިއާ ސިފައިންގެ ފަހު ގްރޫޕް ރާއްޖެއިން ފުރައިފި؛ ދެން ތިބޭނީ މަދަނީން

އިންޑިއާ ސިފައިންގެ ބަދަލުގައި މިހާތަނަށް ރާއްޖެ އައިސްފައިވަނީ މަދަނީންގެ ކިތައް މީހުންކަމެއް ސަރުކާރުން ނުބުނޭ، އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ގޮސް ނިމުމުން ރާއްޖެ އައި މަދަނީންގެ އަދަދު ހާމަކުރާނެ ކަމަށް ރައީސް އޮފީހުން ބުނެފައިވޭ

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ފޮނުވާ މަދަނީން ރާއްޖެ ފޮނުވާ ނިމިއްޖެ ކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ޑޯނިއާ އާއި ދެ ހެލިކޮޕްޓަރުގެ އޮޕަރޭޝަންތަކަށް ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ފޮނުވާލާ އެމީހުންގެ ބަދަލުގައި މަދަނީން ގެންނަން ވަނީ ނިންމައިފަ އެވެ. ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ މިއަދުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ހުރިހާ އެންމެން ފައިބާނެ ކަމަށެވެ.

ތަފްސީލް - އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީ އިން ކޮންމެ ހަފްތާ އަކު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުންތަކުގެ ތެރެއިން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެން ފައިބައިފިތޯ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން އެ މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ، ރާއްޖެއަށް އިންޑއިާ އިން ހަދިޔާކޮށްފައިވާ ޑޯނިއާ އާއި ދެ ހެލިކޮޕްޓާރު އޮޕަރޭޓު ކުރުމުގެ ކަންތައް ކުރިއަށް ގެންދެވިދާނެ ގޮތްތަކާ ގުޅޭގޮތުން ދެ ގައުމުން ގިނަ މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. އެ މަޝްވަރާ ތަކުގެ ނަތީޖާއެއްގެ ގޮތުން، ދެ ޕްލެޓުފޯމެއްގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބައިފައިވާ ކަން ރަންދީރު ފާހަގަ ކުރެއްވި އެވެ.

"މިހާދު ޔަގީންކަމާއެކު އަޅުގަނޑަށް ދެންނެވޭނީ ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ބަދަލުގައި އޭވިއޭޝަން ޕްލެޓުފޯމުތަކުގައި ހަރަކާތްތެރިވާނެ ހުރިހާ މަދަނީން ރާއްޖެ ގޮސް އެމީހުންގެ ޒިންމާތަކާ ހަވާލުވެފައިވާކަން،" ޑޯނިއާ އާއި ހެލިކޮޕްޓަރުތަކުގެ އެހީގައި ރާއްޖޭގައި މެޑިވެކްގެ ހިދުމަތްތައް އިންޑިއާގެ އެހީތެރިކަމާއެކު ދެމުންދާކަމަށް ރަންދީރު ވިދާޅުވި އެވެ.

ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ ކިތައް މީހުންކަމެއް އަދި އެމީހުންގެ ބަދަލުގައި ރާއްޖެ ފޮނުވީ ކިތައް މަދަނީން ކަމެއް ރަންދީރު ވިދާޅެއްނުވެ އެވެ.

ގުޅުން ހުރި - މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައ އެ އޮފީހުުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން51 މީހަކު އެދުވަހާއި ހަމައަށް ފައިބައިފައިވާ ކަމަށެވެ.

އިންޑިއާ ސިފައިންގެ ބަދަލުގައި މިހާތަނަށް ރާއްޖެ އައިސްފައިވަނީ މަދަނީންގެ ކިތައް މީހުންކަމެއް ސަރުކާރުން ނުބުނެ އެވެ. ހީނާ ވިދާޅުވީ އިންޑިއާގެ ހުރިހާ ސިފައިން ރާއްޖެއިން ގޮސް ނިމުމުން ރާއްޖެ އައި މަދަނީންގެ އަދަދު ހާމަކުރައްވާނެ ކަމަށެވެ.

 ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު އަދިވެސް މުޅިން ސާފުނުވާ ކަމަަށާއި މިހާތަނަށް ބެލި ލިޔެކިޔުންތަކުން 77 އާއި 89އާ ދެމެދުގެ އަދަދުތަކެއް ފާހަގަކުރެވިފައިވާ ކަމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

އެކަމަކު ކެމްޕެއިން ތެރޭގައި އޭރުގެ އިދިކޮޅު ބައެއް އިސް ވެރިން ވިދާޅުވަމުން ގެންދެވީ އިންޑިއާ ސިފައިންގެ އަަދަދު ހާހުން ވެސް ގުނޭނެ ކަމަށެވެ.

ކޮމެންޓް (1)

އަޒާން

10 މޭ 2024
ކޮބާ އަދި ވެސް ރާއްޖޭގައި ތިބި އިންޑިޔާ ސިފައިންގެ އަދަދު ހިސާބު ނުކުރެވޭތަ؟ ފުރި މީހުންގެ އަދަދު ވެސް އިމިގްރޭޝަން ރެކޯޑްތަކަށް ވެސް ހަމަ ނާރާ ބަޔަކީތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް