އުޒްބަކިސްތާނުގެ ސަމަރްކަންޑް އިންޓަނޭޝަނަލް އެއާޕޯޓް: ޑްރޯން ގެންދިޔަ ދަރިވަރު ހިފެހެއްޓީ ފުރަން އުޅެނިކޮށް

ޑްރޯންއެއް ގެންދިޔަ ދިވެހި ދަރިވަރަކު އުޒްބަކިސްތާނުގައި ތާށިވެފައި

ކްލިކް ކޮލެޖްގެ ފަރާތުން އުޒްބަކިސްތާނަށް ދިޔަ އެ ދަރިވަރު އެކޮޅުގައި ތާށިވެފައި ހުންނަތާ 10 ދުވަސް ވެއްޖެ

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އުޒްބަކިސްތާނަށް ދިޔަ ދިވެހި ދަރިވަރަކު ޑްރޯނެއް ގެންދިއުމުން ޕާސްޕޯޓް ހިފެހެއްޓުމާ އެކު އެ ގައުމުގައި 'ތާށިވެއްޖެ' އެވެ.

ވީ ކިހިނެއް؟ ކްލިކް ކޮލެޖްގެ އެ ދަރިވަރު ހިފެހެއްޓީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، މިދިޔަ މަހު 30ގައި އުޒްބަކިސްތާނުގެ ސަމަރްކަންޑް އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

އެނގުން މުހިންމު: ޑްރޯންއަކީ އުޒްބަކިސްތާނުގައި އާންމުން ގެންގުޅުން މަނާ އެއްޗެކެވެ. ޑްރޯން އެތެރެކުރުން ވެސް މަނަ އެވެ.

ތަފްސީލް: މިދިޔަ 23 އެޕްރީލްގައި ކްލިކް ކޮލެޖްގެ 'ލާނިން އެކްސްޕެޑިޝަން'ގައި އުޒްބަކިސްތާނަށް ދިޔަ ދަރިވަރު 'ދައުރު'އާ ވާހަކަ ދައްކަމުން ބުނީ އެ ގައުމަށް ޑްރޯން އެތެރެކުރުން މަނާކަން ނޭނގޭ ކަމަށެވެ.

"މިކޮޅުން އަބޫދާބީއަށް ގޮއްސަ އުޒްބަކިސްތާނަށް ދިޔައިރު ވެސް ނޭނގޭ އެކޮޅުގައި ޑްރޯން ބޭނުންކުރުން މަނާކަމެއް. މުޅި ދަތުރުގެ ފޮޓޯ ނެގުން ހަވާލުކޮށްފައި އޮތީމާ ގެންދިޔައީ،" އޭނާ ބުންޏެވެ.

"އެކަމަކު އޭތި އެރުވުމުގެ ކުރިން އަޅުގަނޑުމެންގެ ގައިޑް ގާތުގައި އެހީމާ ބުނީ މަނާ އެއްޗެކޭ ޑްރޯންއަކީ. އެހެންވެ އޭތި އޮތް ގޮތަށް ފޮށީގައި އޮންނާނީ ނުވެސް ނަގައި."

އޭނާ ބުނީ އޭނާ ހިފެހެއްޓީ 23 އޭޕްރިލް އިން 30އަށް އޮތް ދަތުރު ނިންމާލުމަށް ފަހު މާލެ ދާން ފުރަން ގޮސް ހުއްޓާ އެއާޕޯޓުން ކަމަށެވެ.

'އެތާ އެއާޕޯޓް ސެކިއުރިޓީ ވަރަށް ވަރުގަދަ، ހުރިހާ ތަނަކުން ކްލިއާވެގެން ޑިޕާޗާ ހޯލަށް ވަންނަން ކުރި ސްކޭނުން އެމީހުންނަށް ޑްރޯން ފާހަގަވީ. ދެން އެތަނުން ހިފަހައްޓާފައި ސުވާލުކުރި. ބުނިން ޑްރޯން ބޭނުމެއް ނުކުރަމޭ، އެމީހުން މެމޮރީ ކާޑާއި ހުރިހާ އެއްޗެއް ބެލި،" ނަން ނުޖަހާާ ގޮޮތަށް ވާހަކަދެއްކި ދަރިވަރު ބުންޏެެވެ.

އޭނާ ބުނި ގޮތުގައި ފުރުން މަނާކޮށް ޕާސްޕޯޓް ހިފެހެއްޓީ 'އެކްސްޕާޓުން ޑްރޯން ބަލައި' މައްސަލަ ތަހުގީގުކުރަން ކަމަށް ބުނެ އެވެ.

'ބަންދުކޮށްފައެއް ނޫން. ތަހުގީގު ނިމެންދެން ބޭނުން ތަނަކު ހުންނާށޭ ބުނީ،" އޭނާ ބުންޏެވެ.

ދަރިވަރު ބުނީ އެ މައްސަލަ ކްލިކް ކޮލެޖްގެ ފަރާތުން ހަޔާ އެޑިއުކޭޝަން އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި ފޮރިން މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ބުނިގޮތުގައި މިހާތަނަށް އެދެވޭ ނަތީޖާއެއް ނުލިބެެ އެވެ.

'ކޮލެޖުން އެބަ ވަރަށް މަސައްކަތްކުރޭ،" އޭނާ  ބުންޏެވެ.

ތަހުގީގުގައި ދިން ބަޔާން ވެސް ރާއްޖެއަށް ފޮނުވި ކަމަށާއި ނަމަވެސް ރަސްމީ ފަރާތްތަކުން ހަބަރެއް ނުވަނީ، ދަރިވަރު ދެކޭގޮތުގައި، 'ވަރަށް ބޮޑަށް މިސްކޮމިއުނިކޭޝަންއެއް ހިނގައިގެން އުޅޭތީ' އެވެ.

"މި ކޮޅުގައި 10 ދުވަސް ވީއިރު އެއްވެސް ހަބަރެއް ނެތް. ޕާސްޕޯޓަށް ވެފައި އޮތް ގޮތެއް ވެސް ނުބަލާ،'' އޭނާ ބުންޏެވެ.

ފޮރިން މިނިސްޓްރީ ބުނީ އުޒްބަކިސްތާނުގައި ޑްރޯންއެއް ހިފައިގެން ހަރަކާތްތެރިވި ދިވެއްސެއްގެ މައްސަލަ އެ ގަައުމުގެ ކަމާ ބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާ ކަމުގެ މައުލޫމާތު މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. އަދި މިނިސްޓްރީން އުސްބަކިސްތާން މިޝަންއާ ގުޅިގެން އެެކަން ބަލަމުން އަންނަ ކަަަަަަމަށް ވެސް ބުންޏެވެ.

ކޮމެންޓް (10)

profile-image-placeholder

ރަދީފްއޮފިޝަލް

9 މޭ 2024
އުޒްބެކް އެއީ ހުދުމުޙްތާރުވެރިކަމެއް އޮންނަ ތަނެއް.އެހެންވީމަ އެމީހުން ތިޔަކަހަލަ މައްސަލަ ތަކުގަ ވަރަށް ހަރުކަށިވާނެ. މެދުތެރޭ އޭޝިޔާގެ ގައުމުތަކުގަ މިނިވަންކަން އޮންނަނީ ވަރަށް ބޮޑަށް ހިފެެހެއްޓިފަ.

ބައިބާ

9 މޭ 2024
ގައުމަކަށް އެގައުމަށް އެތެރެކުރުން މަނާ ތަކެތި ބަލަންޖެހޭނެ. ކޮންމެ ގައުމަކީ ދިވެހިރާއްޖެއެއް ނޫން. ބޭރުމީހުން ދިވެހިރާއްޖެއަށް ގޮސް އެއަރޕޯޓްގެ ސެކިޔުރިޓީ މުއައްޒަފުގެ ކަންފަތްމަތީ ވިހެލާފައި އެނބުރި އެމީހެއްގެ ގައުމަށް ދާކަށް.

ޖައިސާމް

10 މޭ 2024
@ބައިބާ ބަލަންވާނެ. މީ އެކަމު އިނޮސެންޓް މިސްޓޭކެއްހެން ހީވަނީ.

ޙަކީމް

9 މޭ 2024
ފެއިލްޑް ފޮރިން ޕޮލިސީ، ޗައިނާ ނަމަވެސް ވާނީ ހަމައެވަރު! ކިތަންމެ ގާތޭ ކިޔާގެން އުޅުނަސް

ސުނާރު

9 މޭ 2024
ސަމަރުގަންދުން ދަމާނެރެގެން، ކަމަރު ބަންދުން ދަމާ ބަނދެގެން، ތިބޭއިރު ކުއްނުވާކަމުގައި ހިތާކައްވާ ނުވެސްވާނޭ.

އަލްޑީ

9 މޭ 2024
ކޮއްކޮ މެން ޅައީ!! ގޫގުލް ކުރިއަސް މަނާ ތަކެތި ފެންނާނެ. ސްކޭން ކުރާއިރު ޑުރޯން ވައްތަރުވަނީ ބޮމަކާ. އެހެންވެ ވަކިން ސްކޭން ކުރަން ޖެހޭނީ

ޗިއު

10 މޭ 2024
@އަލްޑީ ބޭބެ މާ ބޮޑަށް ހަރީ.….ދެން ކިއްވެތަ އެގައުމަށް ވަންނަން ކުރި ސުކޭން ގަ ބޮން ނުފެންނަނީ…. ދުނިޔޭގެ ގިނަ ގައުމުތަކައް ގެންދެވޭ އެތްޗެއް މިގައުމަށް ނުގެންދެވޭ ކަމަކަށް ނުވިސްނާނެ ދޯ!

ފަރުހާން

9 މޭ 2024
ސަރުކާރަށް މިކަހަލަ ކަމަކުވެސް ދިވެހި ރައްޔިތަކަށް އެހީނުވެވެނީބާ!

އުޒްބެކް

9 މޭ 2024
ފޮރިން މިނިސްޓްރީ މީ ކޮންކަމަކު ހުންނަ ތަނެއްބާ؟ ޢެހީވާން ހާލުގަ ޖެހުނީމަ އެހީއެއް ނުވެވޭ. ބަރާބަރަށް ދުނިޔޭގެ އެކި ތަންތަނަށް ބުރު އެޅުން މިމިނިސްޓްރީގެ ކަމަކީ

ވާނުވާ

10 މޭ 2024
@އުޒްބެކް ބުރޯ އެހެން ގައުމަކަށް ވެއްދުން މަނާ އެއްޗެއް ވެއްދީމަ އެމީހުން ތަހުގީގު ކުރަންދެން ތިބެންޖެހޭނި. އޭނަ ދަމާ ރާއްޖެއް ނުގެނެވޭނެ. ވާނުވާ ނޭގުނަސް ބޮޑުވަރުތީ 😂

އިތުރު އާޓިކަލް

އިތުރު އާޓިކަލް