ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު (ކ) އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ

ކޮރަޕްޝަން

ކޮރަޕްޝަންގެ ތުހުމަތުކުރެވޭތީ ޖިހާދާއި އަބްދުﷲ ދީދީ ވަކިކުރަން ހަތަރު ޖަމިއްޔާއަކުން ގޮވާލައިފި

ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ ބޭފުޅުން، ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަންކުރުމަކީ ސަރުކާރުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާނެ ކަމެއްކަން ފާހަގަކުރި

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާމަނަކަށް އައްޔަން ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދާއި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މިފަހުން އައްޔަނު ކުރެއްވި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފާއިސާ ލިބުނުކަމަށް ތުހުމަތުވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ މަގާމުން ވަކިކުރަން ހަތަރު ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

ވީ ކިހިނެއް؟ - ' އެސޯސިއޭޝަން ފޯ ޑިމޮކްރެސީ އިން މޯލްޑިވްސް' އާއި 'ޓްރާންސްޕޭރެންސީ މޯލްޑިވްސް' އާއި 'ސޭވް މޯލްޑިވްސް' އަދި 'ޒީރޯ ވޭސްޓު މޯލްޑިވްސް' ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ ދެ ބޭފުޅަކު ސަރުކާރުގެ އިސް ދެ މަގާމަށް އައްޔަންކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ތަފްސީލު - އެފަދަ ތުހުމަތުތައް ކުރެވޭ ބޭފުޅުން، ސަރުކާރުގެ އިސް މަގާމުތަކަށް އައްޔަން ކުރުމަކީ ސަރުކާރުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ކުޑަވާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކުރި އެވެ.

އަބްދުﷲ ދީދީއަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނާ މައްސަލައިގައި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ނިންމައި، ދައުވާކުރަން މިދިޔަ ޑިސެމްބަރު މަހު ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް އޮތީ ފޮނުވައިފަ އެވެ. އެ މައްސަލައިގައި އޭނާއަށް ދައުވާ ކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ޕީޖީ އިން ވަނީ ބުނެފަ އެވެ.

ފުށިދިއްގަރުފަޅު ސްޕެޝަލް އެކޮނޮމިކް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލާގައި އޭނާގެ މައްޗަށް ކުރާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާގެ މައްސަލަ ކޯޓުގައި އަދިވެސް އެބަ އޮތެވެ.

ޖިހާދާއި އަބްދުﷲ ދީދީގެ އިތުރުން ވެސް ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ އިތުރު ބޭފުޅުން ސަރުކާރުގެ މަގާމުތަކަށް އައްޔަނު ކުރަމުން ދާތީ، އެ ޖަމިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންގެ ތެރޭގައި ވެސް އެފަދަ ބޭފުޅުން ހިމެނޭ ކަމަށާއި މިއީ ސަރުކާރުގެ ސިސްޓަމަށް އޮންނަ އިތުބާރު ގެއްލޭނެ ކަމެއްކަން އެ ބަޔާނުގައި ފާހަގަކުރި އެވެ.

އެ ބަޔާނުގައި ގޮވާލީ ކޮރަޕްޝަނުގެ ތުހުމަތުތައް ކުރެވޭ، ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަގާމުން ވަކިކުރުމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފިޝަލުންނަށް ކުރެވޭ ތުހުމަތުތައް ބަލާނެ ހަރުދަނާ ދެފުށް ފެންނަ ނިޒާމަކާއި އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުގެ މަސައްކަތް ޒިންމާދާރުކުރުވާ ޖަވާބުދާރީ ކުރުވޭނެ ނިޒާމެއް ގާއިމްކުރަން ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

ކޮމެންޓް (3)

އަޅި އަލީ

10 މޭ 2024
"'ސޭވް މޯލްޑިވްސް' އަދި 'ޒީރޯ ވޭސްޓު މޯލްޑިވްސް' މިއީ ތިމާވެށި ހިމާޔަތް ކުރުމުގެ ނަމުގަ ހަދާފައޮތް ޖަމިއްޔާ ތަކެއް! ބްރޯ ކޮންމައްސަލަ! ކުރާނެ ކަމެއް ނެތިއްޔާ ބާރަށު ގޮނޑުދޮއް ސާފުކޮއްލަން ހިންގާބަލަ!
0 0

އެދުރު

10 މޭ 2024
މިހާަރު މަޑުމަޑުން ގޯސްހަދަމުން ދަނީ. އެއްކޮށް އިތުބާރު ގެއްލެންމާގިނަ ދުވަހެއްނޫވާނެ މިހެންވާނަމަ. ތުހިމަތު އޮތްމީހުން ވަކިކުރޭ
0 0

ހޯހޯ އަލިފު

10 މޭ 2024
ރައީސް ބުނެދީފާނަންތޯ ދީދީ އަށް ވަޒީފާދޭންޖެހޭ ސަބަބު؟ މިހާރު ތިޔަހައްދަވަން ފެއްޓީ ގޯސް. މަނިކުފާނުގެ ފުރަތަމަ ޱުބާއީ ދަތުރުމަތިން ހަނދާން އެބަހުރިތޯ އެރޭ ތިޔަ ޖިހާދު އުޅުނު ކިބުރުވެރިގޮތް؟
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް