ފާތިމަތު ސައުދާ: އޭނާ މަޖިލީހުގެ ނައިބު ރައީސަކަށް ގެނައުމަށް ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިނެއް ހިންގަމުން.
ސައުދާ މަޖިލީހުގެ ނައިބު ރައީސަކަށް ގެންނަން ކެމްޕެއިނެއް؛ ވިދާޅުވީ ގުޅުމެއް ނެތް ކަމަށް
ނިލަންދޫ ދާއިރާގެ އިންތިހާބީ މެންބަރު އަދި ރައީސް މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަކަށް ގެންނަން ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފެށުމުން، އެ އެކައުންޓާ އޭނާއާ އެއްވެސް ގުޅުމެއް ނެތް ކަމަށް ސައުދާ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 'ސައުދާ ފޯ ޑެޕިއުޓީ'ގެ ނަމުގައި އެކްސްގައި ހަރަކާތްރިވަމުންދާ އެކައުންޓުން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން މިގޮތަށް ކެމްޕެއިން ކުރަމުންދާތީ، ސައުދާގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ވަނީ ޕޯސްޓެއް ލިޔުއްވައިފަ އެވެ.
ބުނީ ކީކޭ؟ - "މި އެކްސް އެކައުންޓަކީ އަޅުގަނޑާ އެއްވެސް ގުޅުމެއް އޮތް އެކައުންޓެއް ނޫން. އަޅުގަނޑު މަސައްކަތް ތަރުތީބު ވެގެންދަނީ އަދި ދާނީ ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕްގެ ވިސްނުމާ އެއްގޮތަށް،" އެ މަގާމަށް ޝައުގުވެރިވޭތޯ ނޫންތޯ ވިދާޅުނުވެ، އެ ޕޯސްޓުގައި ސައުދާ ލިޔުއްވާފައިވެ އެވެ.
އެއާއެކު ސައުދާ އެދިވަޑައިގެންނެވީ އޭނާގެ ނަމުގައި އެފަދަ ކަންކަން ނުކުރުމަށެވެ.
Mi X account akee alhugandaa evves gulhumrh oiy account eh noon.
— fathimathsaudha (@fathimathsaudha) May 6, 2024
Alhuganduge masaiykaiythah tharutheebu vegen dhanee adhi dhaanee PPM PNC ge leadership ge visnumaa ehgothah.
Alhuganduge namugai mifadha kan kan nukurumah varah bodah edhen. pic.twitter.com/hN9PIsRDZT
ފާހަގަކޮށްލެވޭ - ކުރިއަށް އޮތް 20 ވަނަ މަޖިލީހުގެ މެންބަރުން މި މަހު 28ގައި ހުވާ ކުރައްވަން ހަމަޖެހިފައިވާ އިރު، މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ގެންނާނެ ބޭފުޅުންނާ ބެހޭގޮތުން، އެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ހޯދާފައިވާ ޕީއެންސީން މިހާތަނަށް ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ނަމަވެސް އެ ޕާޓީގެ ތެރެއިން އަޑު ފެތުރިފައިވާ ގޮތުގައި އަންހެނަކު ނައިބު ރައީސަކަށް ގެންނަ ނަމަ، ލިސްޓުގެ ކުރީގައި ސައުދާގެ ނަން ހިމެނޭނެ އެވެ.
އެނގުން މުހިއްމު - ކުރިއަށް އޮތް 93 މެންބަރުންގެ މަޖިލީހަށް ކުރިމަތިލެއްވި 45 އަންހެން ކެންޑިޑޭޓުންގެ އިންތިހާބުވެވަޑައިގަތީ އެންމެ ތިން ބޭފުޅުންނެވެ. އެއީ ޕީއެންސީގެ ފަރާތުން ވާދަ ކުރެއްވި ހަމައެކަނި ދެ އަންހެން ކެންޑިޑޭޓުން ކަމަށްވާ ސައުދާ އާއި މާފަންނު މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދުގެ އިތުރުން، ހުރާ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވައިގެން އިންތިހާބުވުމާ އެކު ޕީއެންސީއަށް ސޮއި ކުރައްވާފައިވާ ކުރީގެ މެންބަރު އަނާރާ ނައީމް އެވެ.
ގުޅުންހުރި - މަޖިލީހުގެ ރައީސްކަމަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ބެލެވިފައިވާ ބައެއް ބޭފުޅުން:
-
ފޮނަދޫ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ
-
ދިއްގަރު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް