ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މި ސަރުކާރުން ސިލްސިލާކޮށް ބާއްވާ 'އަހާ ފޯރަމް'ގައި ބައިވެރިވެވަޑައިގެން ރައީސް މުހައްމަދު މުއިއްޒު ސުވާލުތަކަށް ޖަވާބު ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

ރައްޔިތުންގެ ސުވާލުތައް ރައީސަށް ވީޑިއޯ މެދުވެރިކޮށް ފޮނުވޭނެ ނިޒާމެއް ގާއިމް ކުރަނީ

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވީހާވެސް ހާމަކަން ބޮޑުކޮށް ފޯރުކޮށްދީ ނޫސްވެރިންނަށް ފަސޭހައިން މައުލޫމަތު ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް މަސައްކަތް ކުރާކަމަށް ހީނާ ވިދާޅުވި

ރައްޔިތުންގެ ސުވާލުތައް ވީޑިއޯ މެދުވެރިކޮށް ރައީސް މުހައްމަދު މުއިއްޒަށް ފޮނުވޭނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތައް ރައީސްއާ ހިއްސާ ކުރުމުގެ ފުރުސަތު ދިނުމަށް ރައީސް އޮފީހުން ވަނީ ރައީސްގެ ޖަވާބުގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮގްރާމުގައި ވީޑިއޯ މެދުވެރިކޮށް ރައްޔިތުން ކުރާ ސުވާލުތަކަށް ރައީސް ޖަވާބު ދެއްވި އެވެ.

ތަފްސީލް - ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިހާތަނަށް ރައީސް ޖަވާބު ދެއްވި ސުވާލުތަކަކީ ރެންޑަމްކޮށް ރައީސް އޮފީހުގެ ކެމެރާމަނުން މަގުމައްޗަށް ނިކުމެ ނަގާފައިވާ ސުވާލުތަކާޢި ރައީސް އޮފީހުން ރަށްރަށަށް ކުރާ ދަތުރުތަކުގައި ނަގާފައި ހުރި ސުވާލުތައް ކަމަށެވެ.

ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް އެ ސިލްސިލާ އަށް ބަދަލު ގެނެސް ވީޑިއޯ މެދުވެރިކޮށް ސުވާލު ފޮނުވޭނެ ނިޒާމެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހީނާ މިއަދު ވިދާޅުވި އެވެ.

"ހަމަހަމަ ފުރުސަތުތައް ހުރިހާ ފަރާތްތަކަށް ހޯދައިދިނުމުގެ ގޮތުންނާއި އަދި ހަމައެއާ އެކު ވީހާ ވެސް ގިނަ ފަރާތްތަަކަށް ރައީސް އާ ސުވާލު ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މިހާރު މި މަސައްކަތް ކުރަނީ ސުވާލުތައް ވެސް ވީޑިއޯ މެދުވެރިކޮށް ވެސް ރައީސް އޮފީހަށް، ކޮންމެ ބޭފުޅަކަށް ވެސް ފޮނުވޭނެ ނިޒާމެއް ގާއިމް ކުރުމަށް،" ހީނާ ވިދާޅުވި އެވެ.

ރައީސްގެ ޖަވާބު ޕްރޮގްރާމުގައި އެންމެ ފަހުން ރައްޔިތެއްގެ ސުވާލަކަށް ރައީސް ޖަވާބު ދެއްވީ މިދިޔަ މާޗު މަހުގެ 25 ވަނަ ދުވަހު އެވެ.

ކެބިނެޓު ނިންމުންތައް ހާމަކުރުމަށް ނިޒާމެއް ގާއިމް ކުރަނީ

 މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ކެބިނެޓުން ނިންމާ ކަންތައްތައް ހާމަކަން ބޮޑުކޮށް ނޫސްވެރިންނާ ހަމައަށް ގެނެސްދިނުމަށް އެ ނިންމުންތައް އާންމު ކުރާނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ކުޑަ ދުވަސްކޮޅެއްގެ ތެރޭ ލައިވް ކުރާނަން ރައީސް އޮފީހުގެ ވެބްސައިޓާ ލިންކު ކުރެވޭ ގޮތަށް ކެބިނެޓުގެ ނިންމުންތައް، ރައީސް މުއިއްޒުގެ ވެރިކަމުގެ ކޮންމެ ކެބިނެޓު ބައްދަލުވުމެއްގެ ނިންމުންތައް ނޫސްވެރިންނަށް ފެންނާނެ ގޮތަށް އެ ނިންމުންތަކާ ބެހޭ މައުލޫމާތާ އެކު،" ހީނާ ވިދާޅުވި އެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ ސަރުކާރުގެ ހުރިހާ އޮފީސްތަކާއި ކުންފުނިތަކުން ހިންގާ ކަންތައް އެއްތަނަކުން ފެންނާނެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށެވެ. އެއާ އެކު ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މަސައްކަތްތަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ އަދި ހަބަރުތައް އެއްތަނަކުން ފެންނާނެ ނިޒާމެއް މި މަސް ނިމުމުގެ ކުރިން ގާއިމް ކުރާނެ ކަމަށް ހީނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ މިއީ ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ވީހާ ވެސް ހާމަކަން ބޮޑުކޮށް ފޯރުކޮށްދީ ނޫސްވެރިންނަށް ފަސޭހައިން މައުލޫމަތު ލިބޭނެ ނިޒާމެއް ގާއިމްކުރުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް