މެއި 1، 2024: އެމްޑީޕީން އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު (ކ2) އާއި ޗެއާޕާސަން ފައްޔާޒު އިސްމާއިލް (ކ3) ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހުމަދު)

މި ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅަމުން: އެމްޑީޕީ

އެމްޑީޕީން ބުނީ ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި އެ ޕާޓީ ދެމިއޮންނާނެ ކަމަށް

މި ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓަައި ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށާއި ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރުން ކުރިއަށް ވުރެ އިތުރުކުރާނެ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެމްޑީޕީން މިހެން ބުނީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.

އެ ނޫސްބަޔާނުގައި ދުވަހުގެ ތަހުނިޔާ ނޫސްވެރިންނަށް ކިޔައި ބުނެފައިވަނީ، ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ނޫސްވެރިން އަދާކުރަމުންދަނީ ރާއްޖޭގެ ކުރިމަގަށް ބޭނުންތެރި، މުހިންމު މަސައްކަތްތަކެއް ކަމަށެވެ. އަދި، ބަސް ބުނުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހޯދުމަށް ދިވެހި އެތައް ރައްޔިތުންނަކާއި ޖެހިލުންކުޑަ ހިތްވަރުގަދަ ނޫސްވެރިންނާ އެކު އެ ޕާޓީން ފަހުރުވެރި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ބުނެފައި ވެ އެވެ.

ތަފްސީލް - އެމްޑީޕީން ބުނީ ފާއިތުވެދިޔަ އަހަރުތަކުގައި އެ ޕާޓީން ކޮށްފައިވާ ކަންކަމުގެ މައްޗަށް ބިނާކޮށް އެ ޕާޓީގެ ދެ ވެރިކަމުގައި ވެސް، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކަށަވަރު ކޮށްދީފައިވާނެ ކަމަށެވެ. ނަމަވެސް، މި އަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ދިވެހި ނޫސްވެރިންނާ ބައްދަލުކުރާއިރު، ނޫސްވެރިކަމުގެ ކުރިމަގާ މެދު ގިނަ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ބަޔާނުގައި ވެ އެވެ.

ބުނީ ކީކޭ؟ "ދެފުށް ފެންނަ ހާމަކަން ބޮޑު ސަރުކާރެއް ގާއިމުކުރާނެ ކަމަށާއި ނޫސްވެރިންނަށް ފުރިހަމައަށް މައުލޫމާތު ދިނުމުގެ ވައުދާއެކު ވެރިކަމާ ހަވާލުވި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގަސްތުގައި މައުލޫމާތު ހިފަހައްޓައި, ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް މި ޕާޓީން ގަބޫލުކުރަމެވެ،" ބަޔާނުގައި ވެ އެވެ.

އެގޮތުން އެމްޑީޕީން ފާހަގަކުރި ކަންކަމަކީ:

  • ސަރުކާރަށް ފާޑުކިޔާ ދެ ނޫހެއް ބްލޮކް ކޮށް ހިޔާލު ފާޅުކުރުމަށް ހުރަސް އަޅާފައިވުން 

  • ވަކިން ހާއްސަކޮށް ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ސަރުކާރުން ރާވައި އިންތިޒާމުވެގެން ރަސްމީ އިދާރާތަައް މެދުވެރިކޮށް ކަންކަމުގެ ހަގީގަތް ކަނޑައެޅިގެން އޮޅުވާލުމަށް މަސައްކަތްކޮށްފައިވާ ކަމަށް

  • ނޫސްވެރިންގެ މަސައްކަތްތަކަށް ހުރަސްއެޅުމަށް ނޫސްވެރިންނަށް ރައީސް އޮފީހަށް ފޯނު ނުވެއްދޭ ގޮތަށް އެ އޮފީހުގެ އުސޫލުތައް ކުއްލި ގޮތަކަށް ބަދަލުކުރުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް 

  • ފާއިތުވި ދުވަސްތަކުގެ ތެރޭގައި ނޫސްތަކަށާއި ޓީވީ ސްޓޭޝަންތަކަށާއި ވަކިވަކި ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މި އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށް

އެމްޑީޕީގެ ބަޔާން ނިންމާލަމުން ވަނީ، ލިބެމުންދާ އިންޒާރުތަކާއި ސަރުކާރުން އަޅަމުންދާ ހުރަސްތަކާ އެކު ވެސް ރައްޔިތުންނަށް ތެދު ހާމަކޮށްދިނުމުގައި ބުރަކޮށް މަސައްކަތް ކުރަމުންދާ  ނޫސްވެރިންނަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ދެމިތިބެ ވަރުގަދަ ނޫސްވެރިކަމެއް ކުރާނެ ކަމަށް އުންމީދުކުރާ ކަމަށް ބުނެފައިވެ އެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަކީ ތަންމިނަށް ހުޅުވިފައި އޮންނަން ވާނެ ހައްގެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެގޮތަށް ކަންކަން ފަހިކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ނޫސްވެރިކަމާއި ނޫސްވެރިންގެ ހައްގުގައި ކުރަމުންދާ ވަކާލާތު ކުރިއަށް އޮތް ތަނުގައި ވަރުގަދަކޮށް، ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދުލާއި ގަލަމުގެ މިނިވަންކަމުގެ ހިމާޔާތުގައި އެމްޑީޕީ ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެ ބަޔާނުގައި ދީފައިވެ އެވެ.

ފާހަގަކޮށްލެވޭ - މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުންދާ ކަމަށް ބުނެ އެމްޑީީޕީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިިދިޔަ އެމްޑީޕީ ސަރުކާރުގައި މަޖިލީހުގެ މެޖޯރިޓީ އޮވެ، ފާސްކޮށް ތަސްދީގުކޮށްފައިވާ ހެއްކާބެހޭ ގާނޫނުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ މިންގަނޑުގައި ރާއްޖެ މި އަހަރު ވަނީ ހަ ދަރަޖަ ފަހަތަށް ޖެހިފަ އެެވެ. 

ރިޕޯޓާސް ވިތައުޓް ބޯޑާސްއިން ކޮންމެ އަހަރަކު އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގައި މިހާރު ރާއްޖެ އޮތީ ނޫސްވެރިކަން ކުރަން އުނދަގޫ ގައުމުތަކުގެ ލިސްޓުގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް