ފަތުރުވެރިންނަށް ހިދުމަތް ދޭން އެއާޕޯޓުގައި ގާއިމްކޮށްފައި ހުރި ކައުންޓަރެއް: އަބަދުވެސް ފެންނަނީ ބިޒީކޮށް (ދައުރު ފޮޓޯ/އަޒްމީ)

'އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ނަމަވެސް މަސައްކަތްތެރިންގެ ހާލަތު ބަދަލެއް ނުވޭ'

މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރުކޮށްދިނުމަށް ޓްރޭޑް އެސޯސިއޭޝަނުން ވަނީ ގޮވާލާފައި

ރާއްޖޭގައި މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ނަމަވެސް މަސައްކަތްތެެރިންގެ ހާލަތަށް އެންމެ އެކަށީގެންވާ ހެޔޮ ބަދަލު އައިސްފައި ނުވާ ކަމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނުގައި ބުނީ، މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރަނީ ގައުމުގެ ކުރިއެރުމުގައި މަސައްކަތްތެރިންގެ ދައުރާއި އެމީހުންގެ ގުރުބާނީގެ އަގުވަޒަން ކުރުމަށް ކަމަށެވެ.

ތަފްސީލް - އެ ބަޔާނުގައި ބުނި ގޮތުގައި ރާއްޖެއަކީ މަސައްކަތެރިންނަށް އެކަށީގެންވާ މުސާރައެއް ނުދެވޭ ގައުމެކެވެ. މަސައްކަތުގެ މާހައުލަށް ވެސް އެކަށީގެންވާ ހެޔޮ ބަދަލުތަކެއް ރާއްޖޭގައި އައިސްފައިނުވާ ކަމަށް ވެސް ބުންޏެވެ.

މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތާލައި، އެކަށީގެންވާ މުސާރައެއް ދިނުމަށް ކުރީގެ ސަރުކާރުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅި ނަމަވެސް އޭގެ ސަބަބުން މަސައްކަތްތެރިންގެ ހާލަތަށް އެންމެ ހެޔޮ ބަދަލު އައިސްފައިނުވާ ކަމަށް ޓްރޭޑް އެސޯސިއޭޝަނުގެ ބަޔާނުގައި ބުންޏެވެ.

އެ ޖަމިއްޔާއިން ފާހަގަކޮށްފައިވާ ގޮތުގައި އެންމެ ކުޑަ އުޖޫރައެއް ގާނޫނުން ކަނޑައަޅާފައި އޮތް ނަމަވެސް އެކަން އެންމެ އެކަށީގެންވާ ގޮތުގައި ތަންފީޒެއް ނުކުރެވެ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނީ؛

  • އަދިވެސް ވަޒީފާތަކުގައި ބޮޑު މުސާރަ ލިބޭ ގޮތަށް ބިދޭސީން ގެންގުޅޭ

  • ރިސޯޓުތަކުގައި މަސައްކަތް ކުރާ އެތައް ހާސް މުވައްޒަފުންގެ ކެއިން ބުއިމާއި އެކޮމޮޑޭޝަން އަދި އެމީހުންނަށް ސާވިސް ޗާޖު ލިބިދިނުން ފަދަ ކަންތަކުގައި އިހުމާލު ހުރި ކަމުގެ ޝަކުވާ މަސައްކަތްތެރިން ކުރޭ

  • ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނަށް އެމީހުންގެ ތައުލީމާއި ތަޖުރިބާއާ އެކަށީގެންނުވާ ބޮޑު މުސާރަ ލިބޭ ކަމަށާއި އޭގެ ސަބަބުން އިޖުތިމާއީ އިންސާފު ގެއްލެން ފަށާފައިވާ ކަމަށް

"މަސައްކަތްތެރިންނާ މެދު ބޮޑެތި އިހުމާލު ހުރި އިރު މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތު ކުރުމުގެ ބަދަލުގައި ސިޔާސީ ފަރާތްތަކުން އެފަރާތްތަކުގެ ސިޔާސީ މަސްލަހަތު އެކަނި އިސްކޮށް، ގައުމުގެ ހަގީގީ އިންޖީނު ކަމުގައިވާ މަސައްކަތްތެރިންގެ ގުރުބާނީތަކުގެ މަތިން ހަނދާން ނައްތާލައިގެން ތިބޭ ތިބުމަކީ މިފަދަ ދުވަހެއްގައި ހިތާމައާ އެކު ފާހަގަކުރަން ޖެހޭ ކަމެކެވެ،" އެ ބަޔާނުގައި ބުންޏެވެ.

ޓްރޭޑް އެސޯސިއޭޝަނުގެ ބަޔާނުގައި ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ފުރިހަމަކޮށްދިނުމަށް ވަނީ ގޮވާލައިފަ އެވެ. އަދި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި މަސައްކަތްތެރިންނަށް ހައްގުވާ މުސާރަ ކަށަވަރުކޮށްދިނުމަށް ވެސް ގޮވާލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް