ހުޅުމާލޭގައި މީހަކު ސައިކަލު ދުއްވާފައި ދަނީ: ރާއްޖޭގައި ވެސް ލައިންސް ދެނީ 18 އަހަރު ވުމުން (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

16 އަހަރު ވުމުން ލައިސަން ދޫކުރަން ދިރާސާއެއް ހެދިދާނެ، އެކަމަކު ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ބަލަނީ 18 އަހަރަށް: އަމީން

ޓްރާންސްޕޯޓް މިނިސްޓަރު ވިދާޅުވީ ޑްރައިވިން ލައިންސްގެ އިތުރުން އެހެން ކަހަލަ ލައިސަންސް ދޫކުރުމުގައި ވެސް ބައެއް ގައުމުތަކުން ބަލާ މިންގަނޑަކީ 18 އަހަރު ކަމަށް

ބަދަލުވަމުންދާ މާހައުލަށް ބަލައި، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރާ އުމުރު 18 އަހަރުން 16 އަހަރަށް ބަދަލުކުރަން ދިރާސާއެއް ހަދާފައިވާ ކަމަށާއި ސަރަހައްދުގެ އެހެން ގައުމުތަކުގައި ވެސް ލައިސަންސް ދޫކުރަނީ 18 އަހަރު ވުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ ހުރި ސުވާލުތައް ސީދާ ވަޒީރުންނާ ކުރުމުގެ ފުރުސަތު ދީގެން ކުރިއަށް ގެންދާ 'އަހާ ފޯރަމް'ގެ ދެވަނަ ޕްރޮގްރާމްގައި ސްކޫލު ދަރިވަރަކު ޓްރާންސްޕޯޓު މިނިސްޓަރާ ސުވާލުކުރީ ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރާ އުމުރު 18 އަހަރުން 16 އަހަރަށް ދަށްކުރުމާ ގުޅޭ ގޮތުންނެވެ.

ތަފްްސީލް - އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ ލަައިސަންސް ދޫކުރާ އުމުރަކީ 18 އަހަރު ކަމަށް ކަނޑައަޅާފައިވަނީ ގާނޫނުން ކަމަށެވެ.

"ހަގީގަތަކީ 18 އަހަރު ނުފުރުނަސް 16 އަހަރުގެ ކުދިން ވެސް ސައިކަލު ދުއްވާ އުޅޭ. އެކަމަކު ގާނޫނީ ގޮތުން އުމުރުފުރައެއް ކަނޑައެޅިފައި އެބަ އޮތް. އެއީ 18 އަހަރު. އެހެންވީމާ ޓްރާންސްޕޯޓު މިނިސްޓްރީން ވެސް ލައިސަންސް ދޫކުރުމުގައި އެއީ މިންގަނޑެއް ކަމުގައި ބަލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަމީން ވިދާޅުވީ ބަދަލުވަމުންދާ މާހައުލުގައި، ލައިސަންސް ދޫކުރާ އުމުރަކީ 16 އަހަރާ ހަމައަށް ކަމަށް ގާނޫނެއްގައި ނިންމައިފި ނަމަ އ ގޮތަށް ކުރިއަށް ދާނެ ކަމަށެވެ. ނަމަވެސް މިވަގުތު ގާނޫނީ ހާލަތަކީ ލައިސަންސް ދޫކުރާ އުމުރަކީ 18 އަހަރު ކަމަށް ވިދާޅުވި އެވެ.

ލައިސަންސް ދޫކުރާ އުމުރު 16 އަހަރަށް ބަދަލުކުރުމާ ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގައި ވެސް ބަހުސްކުރި ކަމަށާއި އެކަމާ ގުޅިގެން ދިރާސާއެއް ކުރިއަށް ގެންދިޔަކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ހަމައެކަނި ގާނޫނީ މިންގަނޑެއް ނޫން. ސައުތު އީސްޓް އޭޝިއާގައި ވެސް ކަނޑައަޅާފައި އޮންނަ އުމުރަކީ ހަމަ 18 އަހަރު. ހަމައެކަނި ޑްރައިވިން ލައިސަންސެއް ނޫން. އެހެން ބާވަތުގެ ބައެއް ލައިސަންސް ދޫކުރުމުގައި މިންގަނޑުތަކެއް ކަނޑައަޅާފައި އޮންނައިރު މި އޮންނަނީ 18 އަހަރު،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހާލަތު ބަދަލުވަމުން ދާއިރު، އިތުރު ދިރާސާއެއް ހަދައި އުމުރުފުރާ ބަދަލު ކުރުމަކީ އޭނާ ވެސް ބަލައިގަންނާނެ ކަމެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް