ގުރައިދުއަށް ރޭ ވެހުނު ވާރޭގައި ބޮޑުވި ފެން ހިންދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ކުރަނީ: ފޮޓޯ/ޑިޒަސްޓާ މެނޭޖްމެންޓް

ފެންބޮޑުވުން

ގެއްލުމުން އަރައިނުގަނެވި އުޅެނިކޮށް އަނެއްކާ ވެސް ގުރައިދުއަށް ވިއްސާރަގަނޑެއް

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ގުރައިދުއަށް ކުރި ވިއްސާރާގައި ރަށުގެ ގިނަ ގެތަކަށް ގެއްލުން ލިބި ސަރުކާރުން އެހީ ދޭން ޖެހުނު. މި ފަހަރު އެއަށް ވުރެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް އެ ރަށު ކައުންސިލުން ބުނޭ

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ކުރި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ލިބުނު ކ. ގުރައިދުއަށް، ރޭ ކުރި ވިއްސާރާގައި އަނެއްކާވެސް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

ވީ ކިހިނެއް؟- ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުން ދާ ވިއްސާާރައިގައި މި ފަހަރު އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ވެސް ގުރައިދު އަށެވެ. އެގޮތުން އެ ރަށުގެ 50 ގެއަކަށް ފެން ވަދެ، 15 ވަރަކަށް ގޭގެ ގިނަ ސާމާނުތަކެއް ހަލާކުވެފައިވެ އެވެ. އަދި ސްކޫލަށް ވެސް ބޮޑެތި ގެއްލުންތަކެއްވި އެވެ.

"ވަރަށް ކައިރި ކައިރީގައި ބޮޑު ދެ ވިއްސާރަގަނޑެއް މި ކުރީ. ކުރިއަށް ވުރެ ބޮޑު ގެއްލުމެއް މި ފަހަރު ވެއްޖެ،" ގުރައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ފަވާޒް ވިދާޅުވި އެވެ.

ގުރައިދުއަށް ރޭ ވެހުނު ވާރޭގައި ބޮޑުވި ފެން ހިންދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ކުރަނީ: ފޮޓޯ/ޑިޒަސްޓާ މެނޭޖްމެންޓް

އޭނާ ވިދާޅުވި ގޮތުގައި:

  • ރޭ ހަތެއް ޖެހިއިރުން ފެށިގެން ދެ ގަޑިއިރު ވާންދެން ބޯކޮށް ވާރޭވެހުނު؛ އަދި 11 ޖަހަންދެން އޮތީ ވެހިލަ ވެހިލާ

  • ގިނަ ގެތަކަކަށް ފެން ވަދެ، ބައެއް ގެތަކުގެ ހިފާ ގެންގުޅޭ ސާމާނު އެއްކޮށްހެން ހަލާކުވި. އޭގެ ތެރޭގައި އިލެކްޓްރިކް ސާމާނާއި ބެޑްރޫމްސެޓް ފަދަ އަގުބޮޑު މުދާ ހިމެނޭ

  • ސްކޫލުގެ ސްޓާފް ރޫމުގައި ވެސް ފެންބޮޑުވެ، ޓީޗަރުން ބޭނުން ކުރާ ހުރިހާ ސީޕީޔޫއެއް ހަލާކުވި 

  • އާ ދިރާސީ އަހަރަށް ދަރިވަރުންނަށް ބޭނުންވާ ގިނަ ފޮތްތައް ވެސް ފޯވެ، ހަލާކުވި ދަރިވަރުންނަށް ބެހުމަށް، އެ ފޮތްތައް ބަހައްޓާފައި ހުރީ ފޮށިގަނޑުތަކެއްގައި

  • ފެންގަނޑު ހިނދުނީ، މާލެއިން ދިޔަ ސިފައިންގެ ޓީމަކާއި ރަށުގެ ގިނަ ބަޔަކު ކުރި މަސައްކަތުން

  • މިދިޔަ 31 ޑިސެމްބަރުގައި ކުރި ވިއްސާރައިގައި، 20-25ގެއަކަށް ސަރުކާރުން އެހީވި އިރު، މި ފަހަރު އެއަށް ވުރެ ގިނަ ގެތަކަށް އެހީ ބޭނުންވާނެ

"ވަރަށް ބޮޑު ގެއްލުމެއް މި ފަހަރު ލިބިއްޖެ،" އެސްޖީ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ވިއްސާރައިގައި މިހާ ބޮޑު ގެއްލުމެއް، މީގެ ކުރިއަކުން ގުރައިދުއަކަށް ވެފައެއް ނެތެވެ. އެ ރަށުގެ ވެރިން ގަބޫލު ކުރައްވާ ގޮތުގައި ވިއްސާރައިގައި މިހާ ބޮޑު އަސަރެއް އެ ރަށަށް ކުރަން ފެށީ، 2021ގައި ރަށުގެ ބިން ހިއްކި ފަހުންނެވެ.

ގުރައިދުއަށް ރޭ ވެހުނު ވާރޭގައި ބޮޑުވި ފެން ހިންދުމުގެ މަސައްކަތް ރަށުގެ ރައްޔިތުންނާއި ކަމާ ގުޅޭ މުއައްސަސާތަކުން ކުރަނީ: ފޮޓޯ/ޑިޒަސްޓާ މެނޭޖްމެންޓް

ފަވާޒް ވިދާޅުވީ މިހާރު ބޯކޮށް ވާރޭ ވެހޭއިރު ފަސޭހައިން ފެން ނުހިނދޭ ކަމަށާއި އޭގެ ސަބަބުން ކުޑައިރުކޮޅެއްގެ ތެރޭގައި ރަށުގައި ފެންބޮޑުވާ ކަމަށެވެ. އެހެންވެ، އަބަދުވެސް ތިބެންޖެހެނީ ތައްޔާރީ ހާލަތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގުން މުހިއްމު- ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްކޮޅު ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނާ ގޮތުގައި މިހާރު މި ކުރަނީ، އިރުވައި މޫސުން ނިމި، ހުޅަނގު މޫސުން ފެށޭއިރު ކުރާ 'ދެ މޫސުން ބެދޭ ވިއްސާރަ' އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް