ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްއެންޑީއެފް)

އެމްއެންޑީއެފް

ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރު މިލުކުވާ ގޮތް ހަމަަޖައްސަނީ

ރައީސް މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ގެންގުޅުއްވަނީ ދިގު މުއްދަތަށް ހިދުމަތްކުރާ ސިފައިން ރިޓައާކުރާ އިރު އާއިލާއާ އެކު އަނބުރުވެރި ދިރިއުޅުމެއް އުޅެވޭވަރު ކުރުން

ދިގު މުއްދަތަށް ސިފައިން ގޭގައި މަސައްކަތްކޮށް ރިޓަޔާކުރާ ސިފައިންނަށް ގެދޮރު މިލުކުކުރެވޭނެ ގޮތް ހަމަޖައްސަން ސަރުކާރުގެ ވިސްނުން ގެންގުޅޭ ކަމަށް ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ގައްސާން މިހެން ވިދާޅުވީ ގައުމީ ދިފާއީ ބާރާ އަލަށް ގުޅޭ ސިފައިން ތަމްރީންކުރަން ހިންގާ އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގަ އެވެ.

މިއަދު ހަވީރު ގިރިފުށި ޓްރެއިނިން ސެންޓަރުގައި ބޭއްވި އެ ރަސްމިއްޔާތުގައި، ގައްސާން ވަނީ ލަޝްކަރު ބަލައި ފާސް ކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ސިފައިންނަށް އިނާމް ހަވާލުކޮށްދެއްވައިފަ އެވެ.

ތަފްސީލް - އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުން ގައްސާން ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވިސްނުންފުޅު ގެންގުޅުއްވަނީ، ސިފައިންގެ ތެރޭގައި ދިގު މުއްދަތަށް ހިދުމަތްކުރާ ކޮންމެ މީހަކީ ވެސް ރިޓައާކުރާ އުމުރަށް އަޅާއިރު އާއިލާއާ އެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ހާލުގައި ރިޓައަކުރާ މީހަކަށް ހަދަން ކަމަށެވެ.

"އެކަން ކަށަވަރުކޮށްދެއްވަން ރައީސް ނިންމަވާފައި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލުކުވާނެ ގޮތެއް ހަމަޖައްސަވާދެއްވަން،" ގައްސާން ވިދާޅުވި އެވެ.

ސިފައިންގެ ކުރިމަގާ ގުޅޭ ގޮތުން ރައީސް މުއިއްޒު ގެންގުޅުއްވާ ވިސްނުންފުޅު އިތުރަށް ސާފުކޮށްދެއްވަމުން ގައްސާން ވިދާޅުވީ އެ މަނިކުފާނު ބޭނުންފުޅުވަނީ ސިފައިންގެ ހިދުމަތަކީ ޒުވާނުންނަށް 'ކެރިއާ ޕާތެއް'ގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ކަމަށެވެ.

އެގޮތުން ވިދާޅުވީ:

  • ސްކޫލު ދައުރު ނިންމައި ސިފައިންގެ ހިދުމަތާ ގުޅި އަސްކަރީ ނޫން އެހެން ދާއިރާތަކުން ކުރިއަށްދާން ސްކޮލާޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސް ވިސްނަވާ

  • ސިފައިންގެ ހިދުމަތުގައި ހިމެނޭ އިންޖިނިއަރިން ނުވަތަ މެޑިސިންގެ ދާއިރާއިން ސްކޮލަޝިޕްތައް ހޯދައިދިނުމުގެ މަސައްކަތް ވަނީ ފަށާފައި

ސިފައިންގެ ހިދުމަތާ އަލަށް ގުޅޭ ސިފައިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/އެމްއެންޑީއެފް)

އެނގުން މުހިންމު - އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން މިދިޔަ 28 އޮކްޓޫބަރުން ފެށިގެން ފަސް މަސް ދުވަހުގެ މުއްދަތަށް ހިންގި އަސާސީ ތަމްރީން ކޯހުން 98 ދަރިވަރުން މިއަދު ވަނީ ފާސްވެފަ އެވެ. އެއީ 89 ފިރިހެން ދަރިވަރުންނާއި ނުވަ އަންހެން ދަރިވަރުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް