ރާއްޖެއަށް އެތެރެކުރުމާ ބޭނުންކުރުން މަނާކުރި ދެ ބްރޭންޑުގެ ހަވާދުގެ ބާވަތް

ކެންސަރަށް މަގުފަހިވާ ކެމިކަލެއް ހިމެނޭތީ އިންޑިއާގެ ދެ ބްރޭންޑެއްގެ ހަވާދު ބޭނުންކުރުން މަނާކޮށްފި

ރާއްޖޭގައި މަނާކޮށްފައިވަނީ 'އެވަރެސްޓް' އާއި 'އެމްޑީއެޗް'ގެ ހަވާދުގެ ބާވަތްތައް؛ މި ބްރޭންޑުތަކުގެ ހަވާދުގައި އެތިލިން އޮކްސައިޑް ހިމަނޭކަން ވަނީ ހޯދިފައި

އިންޑިއާއިން އެތެރެކުރާ ދެ ބްރޭންޑެއްގެ ހަވާދުގައި ނުރައްކާތެރި ކެމިކަލެއް ބޭނުންކޮށްފައި ވާތީ އެ ބްރޭންޑުތަކުގެ ހަވާދުގެ ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން މިއަދު މަނާކޮށްފި އެވެ.

ވީ ކިހިނެއް؟ - މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރަޓީ (އެމްއެފްޑީއޭ) އިން ނެރުނު އެލާޓުގައި މަނާކުރީ:

  • އެވަރެސްޓް ބްރޭންޑުގެ ހަވާދުގެ ބާވަތްތައް

  • އެމްޑީއެޗް ބްރޭންޑުގެ ހަވާދުގެ ބާވަތްތައް 

ތަފްސީލް - އެމްއެފްޑީއޭއިން ބުނީ މި ބްރޭންޑުތަކުގެ ހަވާދުގެ ބައެއް ބާވަތްތަކުގައި 'އެތިލިން އޮކްސައިޑް' ހުރިކަމަށް ބުނެ ސިންގަޕޫރުގެ ފުޑް އެޖެންސީންނާއި، ހޮންކޮންގެ ފުޑް ސޭފްޓީ ސެންޓަރުން ވެސް އެ ބާވަތްތައް ބޭނުންނުކުރަން އިލްތިމާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ބްރޭންޑުތަކުގެ ހަވާދު ފިހާރަތަކުން ނަގަން ވަނީ އަންގައިފަ އެވެ.

އެމްއެފްޑީއޭއިން ބުނިގޮތުގައި އެތިލިން އޮކްސައިޑްއަކީ ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރަން ބޭނުން ކުރާ ކަމިކަލެކެވެ. ނަމަވެސް މިއީ އިންސާނުންނަށް ކެންސަރު ޖެހެން ވެސް މެދުވެރިވެދާނެ ބާވަތެކެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ވެސް މިހާރު ވަނީ އެ ބްރޭންޑްގެ އުފެއްދުންތައް ޓެސްޓްކުރަން ނިންމައިފަ އެވެ. މިއީ އެމެރިކާ އާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ވެސް ވަރަށް އާންމުކޮށް ބޭނުންކުރާ އުފެއްދުންތަކެކެވެ.

މިއީ ރާއްޖެއަށް ވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރާ ދެ ބާވަތެކެވެ. އެހެންކަމުން އެ އުފެއްދުންތަކުގެ ހިރާސް ދެނެގަތުމުގެ މަސައްކަތް އެ އޮތޯރަޓީން މިހާރު އަންނަނީ ކުރަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް