އައްޑުއަށް ރޭ ކުރި ވިއްސާރައިގައި މަގުތަކުގައި ބޮޑުވި ފެންގަނޑު ހިންދަން ހަރަކާތްތެރިވަނީ
އައްޑޫގެ ބައެއް ހިސާބުތައް ފެނު އަޑީގައި، ފޭދޫގެ 30 ގެއަކަށް ގެއްލުން ވެއްޖެ
މިހާރު އައްޑުއަށް ކުރަމުން ދާ ގަދަ ވިއްސާރައިގައި އެކި ހިސާބުތައް އޮތީ ފެނު އަޑީގަ އެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު ރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެހާ ތަނަށް ފޭދޫގެ 30އަށް ވުރެ ގިނަ ގޭގެއަށް އެކި ވަރުގެ ގެއްލުން ލިބިއްޖެ ކަމަށެވެ. އަދި އެމްއެންޑީއެފް އާއި ފުލުހުންނާއި ފޭދޫ އަވަށު އޮފީސް ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން ރޭ ދަންވަރު ނިޒާރު ކުރެއްވި އެހެން ޕޯސްޓެއްގައި ވިދާޅުވީ ބައެއް ގޭގޭގައި މީހުންނަށް ދިރިނޫޅެވޭ ވަރަށް ފެން ބޮޑުވެފައިވާ ކަމަށެވެ.
އެ "އާއިލާތަކަށް ދެވެން އޮތް އެންމެ ރަގަޅު ޚިދުމަތް ކައުންސިލުން ފޯރުކޮށްދޭނެ،" އޭނާގެ ޕޯސްޓްގައި ވިދާޅުވި އެވެ.
މެޓް އޮފީހުން ރޭ ވަނީ ފުވައްމުލަކާއި އައްޑުއަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެގޮތުން ރޭ 8:30 އިން ފެށިގެން 12:30އަށް ނެރުނު އެ އެލާޓްގައި ބުނެފައިވާ ގޮތުގައި ގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ އެވެ.
އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00އަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވާރޭ ވެހުނު މިންވަރު އަންގައިދޭ ޗާޓުން ފެންނަ ގޮޮތުގައި ސ. ގަމަށް 167 މިލިލީޓަރުގެ ވާރޭ ވެހުނެވެ.
ރާއްޖެއަށް ކުރާ ވިއްސާރައިގައި ކުރިއާ ހިލާފަށް ކުއްލިއަކަށް މާ ބޯކޮށް ވާރޭ ވެހި އެކި ރަށްރަށުގައި ފެން ބޮޑުކޮށްލަ އެވެ. މިއީ މޫސުމީ ބަދަލުތަކުގެ އެއް ނިޝާން ކަމަށް، ތަޖުރިބާކާރުން ބުނެ އެވެ.
މެޓުން ލަފާކުރާ ގޮތުގައި މިއަދު ވެސް މެދުރާއްޖެތެރެ އާއި ދެކުނުގެ ހިސާބުތަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ އެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފަކޮށްފައިވެ އެވެ.
ރާއްޖޭގެ ހުޅަނގު މޫސުމް މިހާރު ވަނީ ފެށިފަ އެވެ. މިއީ ހުޅަނގު މޫސުމުގެ ދެވަނަ ނަކަތް ކަމަށްވާ ބުރުނު އެވެ. މި ނަކަތް ފެށޭނީ ގަދަ ވިއްސާރަ އާއި ގަދަ ވައިގެ ތެރޭގައި ކަމަށް ލަފާކޮށްފައިވެ އެވެ. އޭގެ ފަހުން މޫސުން ރީތިވެ އެވެ.