ހދ. ވައިކަރަދޫގެ ފަޅު ތެރޭގައި މުށިމަސް ކުނިވެގެން މައްޗަށް އަރާފައި.

ހދ. ވައިކަރަދޫ

ގަދަ ހޫނާ އެކު ވައިކަރަދޫ ފަޅުތެރޭ ލައްކައެއްހާ މުށިމަސް މަރުވެ ކުނިވެއްޖެ

އިރުވައި މޫސުމުގެ ހޫނު ގަދަވާ ދުވަސްވަރު ވައިކަރަދޫގައި އާންމުކޮށް މި މައްސަލަ ދިމާވަނީ އެ ރަށުގެ ބަނދަރު ތަރައްގީކޮށްފައިވާ ގޮތުން، އޮއި ދައުރު ނުކުރާތީ ކަމަށް ކައުންސިލުން ބުނޭ
26 އޭޕްރީލު 2024

އިރުވައި މޫސުމުގެ ގަދަ ހޫނާ އެކު ހދ. ވައިކަރަދޫ ފަޅުތެރޭ ލައްކައެއްހާ މުށިމަސް މަރުވެ ކުނިވެގެން އުކާލާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ތަފްސީލް - ވައިކަރަދޫ ކައުންސިލް މެމްބަރު މުހައްމަދު ނުހާމް 'ދައުރު'އަށް ވިދާޅުވީ އެކަން އެންމެ ފުރަތަމަ ފާހަގަވީ އިއްޔެ ބަނދަރު ސަރަހައްދުގައި މުށިމަސް ބާނަން އުޅުނު މީހުންނަށް ކަމަށެވެ.

"ކޮންމެ ދުވަހަކު އިރުއޮއްސޭއިރަށް މުށިމަސްތައް ނުކުންނާނެ ބަނދަރުން. އިއްޔެ މަސް ބާނަން ތިބި މީހުންނަށް ފާހަގަވީ މުށިމަސްތައް މާ ބަލިކޮށް އުޅޭކަން [މައްޗަށް އަރާފައި އެނބުރޭތީ]،" ނުހާމް ވިދާޅުވި އެވެ.

"އަތުން ހިފޭ ވަރަށް ބަލިވެފައި ތިބީ. މި ރަށު [އެންމެ] ގެއަކަށް ހާހެއްހާ މަސް ހިފައިގެން ގެންދިޔަ. އެގޮތަށް ނުހިފުނު ބައި މަރުވެގެން އަޑިއަށް ގޮސްފައި ކުނިވެގެން މައްޗަށް އަރަން ފެށީ [މިއަދު] ހެނދުނު."

ހދ. ވައިކަރަދޫ ފަޅު ތެރޭގައި ކުނިވެފައި ހުރި މުށިމަސް ނެގުމުގެ މަސައްކަތް ކުރަނީ.

ނުހާމް ވިދާޅުވީ ކައުންސިލާއި ރައްޔިތުން ގުޅިގެން، ކުނިވެފައި ހުރި މަސްތައް ނެގުމުގެ މަސައްކަތް ފެށީ ހެނދުނު ކަމަށެވެ. ގިނަ އަދަދެއްގެ މަސް ކުނިވެގެން އަރާފައި ހުރުމުން މުޅި ބަނދަރު ސަރަހައްދުގައި ދުވަނީ، އޭނާ ވިދާޅުވި ގޮތުގައި، ކުނި ވަހެވެ.

"ގާތްގަނޑަކަށް ޑަމްޕަރުގެ ދަތްގަނޑު ފުލްކޮށް، 10 ލޯޑު ނެގި. [މަރުވި މަހުގެ އަދަދު] ލައްކައަކާ ގާތްކުރާނެ ކަމަށް ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.

މިހެން ދިމާވަނީ ކީއްވެ؟

މިއީ ވައިކަރަދޫގައި މީގެ ކުރިން ވެސް އާންމުކޮށް އިރުވައި މޫސުމުގެ ހޫނުގަދަ ދުވަސްވަރަށް ދިމާވާ ކަމެކެވެ. މިހެން ދިމާވާ ސަބަބަކީ، ނުހާމް ވިދާޅުވި ގޮތުގައި، އެ ރަށު ބަނދަރު ހަދާފައިވާ ގޮތެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ތަރައްގީކުރި ވައިކަރަދޫ ބަނދަރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ބަނދަރު ކޮންމެވެސް ވަރަކަށް މަރާމާތުކުރި އެވެ.

"ފުރަތަމަ ބަނދަރު ހެދިއިރު ހުޅަނގާ ވީ ކޮޅުން ހުންނާނެ އޮއި ދައުރުވާ ގޮތަށް ޖާގައެއް ކަނޑާފައި. އެކަމަކު ބަނދަރުގެ އެތެރެއަށް މާ އޮއި ގަދަވާތީ، މަރާމާތު ކުރިއިރު އެ ޖާގަ ބެއްދީ. އޭގެ ފަހުން ރަނގަޅަށް އޮއި ދައުރެއް ނުކުރޭ،" ނުހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރަނގަޅަށް އޮއި ދައުރުނުކުރާތީ ބަނދަރު ތެރޭގައި އަދި ވަކިން ހާއްސަކޮށް ހޫނުގަދަވާ ދުވަސްވަރު ހުންނަނީ ވަރަށް ގަދައަށް ފެހި ޖަހާފައި ކަމަށެވެ.

ހދ. ވައިކަރަދޫގެ ފަޅު ތެރޭގައި މުށިމަސް ކުނިވެގެން މައްޗަށް އަރާފައި.

"މައިކްރޯ އަލްގޭ (ފެހި) އަކީ ވެސް އޮކްސިޖަން ބޭނުންވާ އެއްޗެއް. މުށިމަސް ވެސް ވަންނަ މިންވަރު ގިނައީ. ދެން ރަނގަޅަށް އޮއި ދައުރު ނުކުރާތީ އެ ހުރިހާ އެއްޗަކަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބޭ،" އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ވަނީ ބަނދަރުގެ މައްސަލަ މީގެ މަހެއްހާ ދުވަސްކުރިން ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން އެމަނިކުފާނަށް ވެސް ހުށަހަޅައިފަ އެވެ. ކައުންސިލަށް މިވަގުތު އޮތް އެންމެ ބޮޑު އުންމީދަކީ، މި އަހަރަށް ފާސްކުރި ބަޖެޓުގައި ތޮށިގަނޑު މަރާމާތުކުރަން ހިމަނާފައި އޮތުމެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް