ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ (ވ) އާއި ދިރާގުގެ ޑިރެކްޓަ، ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ އެއްބަސްވުމުގައި ސޮއިކުރައްވަނީ

ދިރާގު

ދިރާގާއި ޑީއެންއާރުގެ އެއްބަސްވުން: ސްކޭމް ކޯލްތައް ހުއްޓުވަން ލިބޭ އެހީތެރިކަމެއް

މި އެއްބަސްވުމުގެ ދަށުން ޑީއެންއާރުގައި ހުރި ދިވެހިންގެ މައުލޫމާތު ވަކި އުސޫލުތަކެއްގެ ދަށުން ދިރާގަށް ފޯރުކޮށްދޭނެ
25 އޭޕްރީލު 2024

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން އާއި ދިރާގާ ދެމެދު މިއަދު ވީ އެއްބަސްވުމަކީ އޮޅުވާލައިގެން ދިރާގުގެ ސިމް ކާޑު ނެގުމާއި ސްކޭމް ކޯލްތައް ހުއްޓުވަން އެހީތެރިވެދޭނެ އެއްޗެއް ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

ވީ ކިހިނެއް؟ - ދިރާގާއި ޑީއެންއާރާ ދެމެދު ވީ އެއްބަސްވުމުގައި ޑީއެންއާރުން ބަލަހައްޓަމުން އަންނަ ދިވެހިންގެ މައުލޫމާތު ދިރާގާ ހިއްސާކުރަން ދެ އިދާރާއިން ގެންގުޅެން ޖެހޭ އުސޫލުތައް ވަނީ ކަނޑައަޅައިފަ އެވެ.

އެއްބަސްވުމުގައި ދިރާގުން ސޮއިކުރެއްވީ ޑިރެކްޓަ، ކަސްޓަމާ ސާވިސަސް އެންޑް ރީޖަނަލް އޮޕަރޭޝަންސް، މަސްއޫދު އަލީ އެވެ. ޑީއެންއާރްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާލީ އެވެ. 

ތަފްސީލް - ހޯމްލޭންޑް މިނިސްޓްރީން ބުނީ ޑީއެންއާރުން ބަލަހައްޓަމުން އަންނަ ދިވެހިންގެ މައުލޫމާތު އެ ޑިޕާޓްމަންޓްގެ އޭޕީއައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ދިރާގާ ހިއްސާކުރާނެ ކަމަށެވެ. 

ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ ހިދުމަތްތަކަށް އެދޭ އިރު ހުށައަޅާ ގައުމީ އައިޑީގެ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުން، މި އެއްބަސްވުމުގެ ދަށުން، މިހާރަށް ވުރެ ބޮޑަށް ހަރުދަނާ ވާނެ އެވެ.

ދިރާގުގައި އޮތް ރަސްމިއްޔާތުގައި ސޮއިކުރެއްވުމަށް ފަހު އާލީ ވިދާޅުވީ މިއީ ދިރާގު ކަސްޓަމަރުންނަށް އިތުރު ސަލާމަތްތެރިކަން ލިބޭނެ އެއްބަސްވުމެއް ކަމަށެވެ.

"މި ފުރުސަތުގައި ޑީއެންއާރްގެ ފުރިހަމަ އެއްބާރުލުން ދިރާގަށް އަބަދުވެސް ލިބިގެންދާނެކަމުގެ ޔަގީންކަން ދެން،" އޭނާ ވިދާޅުވި އެވެ. 

މަސްއޫދު ވިދާޅުވި ގޮތުގައި ޑީއެންއާރުއާ އެކު ޑިޖިޓަލް ދާއިރާއިން މިކަހަލަ މަސައްކަތެއް ފެށުމަކީ ވަރަށް ބޮޑު އުފަލެކެވެ.

"މީގެ ސަބަބުން ކަސްޓަމަރުންނަށް ހިދުމަތް ދޭ އިތުރު ޗެނަލްތައް ގާއިމްވެ، އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ މަގުތައް ހުޅުވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ޑީއެންއާރުން ބަލަހައްޓާ މައުލޫމާތު ދިރާގާ ހިއްސާކުރުމުގެ އަނެއް ނަތީޖާއަކަށް ވާނީ، މިނިސްޓްރީން ބުނި ގޮތުގައި، ރާއްޖޭގައި މިހާރު އާންމުވެފައިވާ ސްކޭމް ކޯލްތައް ހުއްޓުވަން ވެސް އެހީތެރިވުމެވެ.

"އެއީ ކޮންމެ މީހަކު ވެސް ސިމް ކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ޚިދުމަތެއް ނަގާ ނަމަ އެ ފަރާތެއްގެ މައުލޫމާތު ޑީ.އެން.އާރުގައި ހުރި މައުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެތީ އެވެ. އަދި އޮޅުވާލައިގެން ސިމް ކާޑު ނެގުން ވެސް މީގެން ހުއްޓުވިގެން ދާނެތީ އެވެ،" ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް