ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކުރި މުއްނިމް އަނީސް. (ފޮޓޯ/ރައީސް އޮފީސް)

'އޮޅިގެން' ލެވުމުން ވަކިކުރި މުއްނިމްއަށް އަލުން ސްޓޭޓް މިނިސްޓަރުކަން ދީފި

ފުރަތަމަ އައްޔަންކުރި ފަހަރު މުއްނިމް މަގާމުން ވަކިކުރީ 3 ދުވަހުގެ ތެރޭގައި

މި ސަރުކާރުން ވެރިކަމާ ހަވާލުވެ، ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް 'އޮޅިގެން' އައްޔަން ކުރެވުނީތީ ކުޑަ ދުވަސްކޮޅެއް ފަހުން ވަކިކުރި މުއްނިމް އަނީސް އަލުން އެ މަގާމަށް އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް - މުއްނިމް އަލުން އެ މަގާމަށް އައްޔަންކުރުމުން މިއަދު ޓޫރިޒަމް މިނިސްޓްރީން ވަނީ 'އެކްސް'ގައި މަރުހަބާގެ ޕޯސްޓެއް ހިއްސާކޮށްފަ އެވެ.

ތަފްސީލު - މި ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މުއްނިމް އައްޔަންކުރުމަށްފަހު މަގާމުން ވަކިކުރީ އޭގެ ތިން ދުވަސް ފަހުންނެވެ.

އޭނާ އޭރު މަގާމުން ވަކިކުރީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި މެލޭޝިއާ އެމްބަސީގެ ސިޔާސީ މަގާމެއް އަދާކުރެއްވި ކަމަށް ބުނެ، ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ފާޑުކިޔަމުން ދަނިކޮށެވެ.

މުއްނިމް ހުންނެވީ މެލޭޝިއާ އެމްބަސީގެ ފަސްޓް ސެކްރެޓަރީގެ މަގާމުގަ އެވެ.

އޭގެ އިތުރަށް ނިމިދިޔަ ރިޔާސީ އިންތިހާބުގައި މިހާރުގެ ސަރުކާރާ އިދިކޮޅު ކެންޑިޑޭޓުގެ ކެމްޕޭނުގައި މުއްނިމް އުޅުނުކަމަށް ވެސް ސޯޝަލް މީޑިއާގައި ބައެއް މީހުން ދިޔައީ ބުނަމުންނެވެ.

ރައީސް އޮފީހުން އޭރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމުގެ ތަފްސީލަށް 'ދައުރު'ން އެދުމުން ރައީސް މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެހެން ދިމާވީ ބަލަން ޖެހޭ ބައެއް ކަންކަން ރަނގަޅަށް ނުބަލައި މަގާމަށް އައްޔަންކުރެވުމުންނެވެ.

"އަޅުގަނޑު އައްޔަން ކުރި ދެތިން ބޭފުޅަކު ވަޒީފާއިން ވަކިކުރިން، އާދެ. އެއީ އިދާރީ ގޮތުން އަޅުގަނޑުމެންނަށް ހެދިފައި އޮތް ގޯހެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް (1)

profile-image-placeholder

އަލީ

23 އޭޕްރީލު 2024
މުއްނިމަކީ ފުވައްމުލަކު މެދި ދާއިރާއަށް އިންތިހާބުވި ޕީއެންސީ މެމްބަރުގެ ޅިޔަނު.

އިތުރު އާޓިކަލް

އިތުރު އާޓިކަލް