19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 8 ވަނަ ޖަލްސާ 17 ޖޫން 2019 (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

އިންތިހާބަށް ފަހު މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަނީ

މާދަމާގެ މަޖިލީހަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ދެ ބިލެއް ހުށަހަޅަން ވެސް ވަނީ ތާވަލުކޮށްފައި

ފަހު ދިހަޔަށް މެދުކަނޑާލި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މާދަމާ ފަށަން ތާވަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލީ ނިމިދިޔަ ރޯދަމަހުގެ ފަހު10 އެއް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައެޅުމުން މިމަހުގެ 1 ވަނަ ދުވަހު އެވެ. ޖަލްސާތައް އަލުން ފަށާނީ އީދު ބަންދަށްފަހު ކަމަށް އެދުވަހުގެ ޖަލްސާގަައި މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރި އެވެ.

އިއްޔެ ބޭއްވި މަޖިލިސް އިންތިހާބުގައި ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހި، އާ މަޖިލީހުގެ ސުޕަ މެޖޯރަޓީ ސަރުކާރަށް ލިބޭނެކަން ޔަގީންވުމަށް ފަހު ބާއްވާނެ މިއީ ފުރަތަމަ ޖަލްސާ އެވެ. 

ތަފްސީލް - މާދާމާގެ ޖަލްސާގައި، ހަތަރު ބިލެއްގެ ފުރަތަމަ ކިއުން އިއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ. އޭގެ ތެރޭގައި ގާނޫނު އަސާސީއަށް އިސްލާހުގެ ގެނައުމުގެ ދެ ބިލެއް ވެސް ހިމެނެ އެވެ. އެ ދެ ބިލަކީ:

  • މިދިޔަ މަޖިލިސް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީން ޓިކެޓު ލިބިވަޑައި ނުގަތުމުގެ ސަބަބުން 20ވަނަ ދައުރުގެ ގޮނޑި ގެއްލިފައިވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ މަޖިލީހުގެ %33 ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނު އަސާސީއަށް ގެންނަ އިސްލާހު 

  • މިދިޔަ މަޖިލިސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން 20ވަނަ ދައުރުގެ ގޮނޑި ގެއްލިފައިވާ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހަޅާފައިވާ ގާނޫނު އަސާސީއަށް ގެންނަ އެންޓި ޑިފެކްޝަންއާ ގުޅޭ އިސްލާހު

މަޖިލީހަށް ތައާރަފް ކުރަން ތާވަލުކޮށްފައިވާ އަނެއް ދެ ބިލަކީ:

  • އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހަޅުއްވާފައިވާ ރާއްޖޭގެ މަތީ ތައުލީމާ ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު

  • މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ހުށަހަޅުއްވާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު 

މީގެ އިތުރުން ނުނިމިހުރި މަސައްކަތުގެ ތެރެއިން ތިން ބިލެއްގެ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް މާދަމާގެ  ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް