ބައިނަލްއަގުވާމީ އޮބްޒާވަރުންނާއި މޮނިޓަރުންގެ ޓީމު އީސީގެ ރައީސް ފުވާދު ތައުފީގާ އެކު. (ފޮޓޯ/އީސީ)

އިންތިހާބުގެ އިންތިޒާމުތަކާ މެދު އޮބްޒާވަރުންގެ ތައުރީފް އީސީއަށް

ބައިނަލްއަގްވާމީ އޮބްޒާވަރުންގެ ޓީމުން ފާހަގަކުރި ގޮތުގައި، މި އިންތިހާބަކީ އިންތިޒާމުތައް ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލާއިރު ވަރަށް ފުރިހަމަ އިންތިހާބެއް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އިންތިޒާމުތައް ވަރަށް ރަނގަޅު، ފުރިހަމަ އިންތިހާބެއް ކަމަށާއި އެ ގައުމުތަކުގެ އިންތިހާބުތަކުގައި ބޭނުންކުރެވިދާނެ ރަނގަޅު އާ އިންތިޒާމުތަކެއް ދަސްވެފައިވާ ކަމަށް ބުނެ، ބައިނަލްއަގުވާމީ އޮބްޒާވަރުން އިލެކްޝަން ކޮމިޝަން (އީސީ)އަށް މިއަދު ތައުރީފު ކޮށްފި އެވެ.

ވީ ކިހިނެއް؟ - އިއްޔެ ހެނދުނު 8 އިން 5:30އަށް ކުރިއަށް ގެންދިޔަ މަޖިލިސް އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ވަރަށް އަމާން އޮމާންކޮށް، ހަމަޖެހުމެއް ނެތި އެވެ. ވޯޓު ކަރުދާސް ދެއްކުމާއި ވޯޓުލާން ހުރަސް އަޅައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ތިން މީހަކު ގެންދިއުން ފިޔަވައި އިންތިހާބު ކުރިއަށް ދިޔައީ ވަރަށް ސުލުހަވެރިކޮށް ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.

މި އިންތިހާބު އޮބްޒާވްކުރި ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި މޮނީޓަރުންގެ ޓީމުން މިއަދު ހަވީރު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ޓީމުގެ ހުރިހާ މެމްބަރުން ވެސް ވަނީ އިންތިހާބުގެ ކަންކަން ކުރިއަށް ދިޔަ ގޮތާއި އީސީން އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަން ފާހަގަކޮށް އީސީއަށް ތައުރީފުކޮށް މަރުހަބާ ކިޔާފަ އެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ޓީމު: ޗީފް ޑރ. ޝަހާބުއްދީން ޔައުގޫބް ގުރައިޝީ (މ) ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

ތަފްސީލް - އޮބްޒާވަރުންނާއި މޮނިޓަރުންގެ ޓީމުގެ ޗީފް ޑރ. ޝަހާބުއްދީން ޔައުގޫބް ގުރައިޝީ ވިދާޅުވީ، އީސީން މި އިންތިހާބުގެ އިންތިޒާމުތައް ހަމަޖެއްސި ގޮތާ މެދު ވަރަށް ބޮޑަށް މުޅި ޓީމް ހިތްހަމަޖެހޭ ކަމަށާއި އިންތިޒާމުތަކާ މެދު އަދި އިންތިހާބު ކުރިއަށް ދިޔަ ގޮތާ މެދު ހިތްހަމަނުޖެހިގެން އެއްވެސް މީހެއްގެ ފަރާތުން ވެސް އެ ޓީމާ ހަމައަށް ޝަކުވާއެއް ވެސް ހުށަހަޅާފައި ނުވާ ކަމަށެވެ.

އިންޑިއާގެ ކުރީގެ އިލެކްޝަންސް ކޮމިޝަނުގެ ވެރިޔާގެ މަގާމު ވެސް ފުރުއްވާފައިވާ ޝަހާބުއްދީން ވިދާޅުވީ، އީސީން އިންތިޒާމުތައް ހަމަޖެއްސި ގޮތަށް ބަލައި އެ ގައުމުގެ އިންތިހާބުތަކުގެ އިންތިޒާމުތައް ހަމަޖައްސާއިރު ރަނގަޅުކުރެވިދާނެ ނުވަތަ ހިމެނިދާނެ ކަންކަން ވެސް ދަސްވެގެންދިޔަ ކަމަށެވެ.

އެ ޓީމަށް ފާހަގަކުރެވުނު ކަންކަމުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ:

  • ވޯޓުލުމަށް ހަަމަޖެހިފައިވާ ވަގުތަށް ވޯޓުލުން ފެށުމާއި ވަގުތަށް ވޯޓު ފޮށިތައް ބަންދުކުރުން

  • ޖަލުތަކުގައި ވެސް 10 ހާއިރު އެންމެން ކަހަލަ ގޮތަކަށް ވޯޓުލައި ނިންމާލުން؛ އެއީ އިންޑިއާއަށް އާ ކަމެއްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ގައުމުގައި ކުށްވެރިންނަށް އިންތިހާބުތަކަށް ކުރިމަތިލާ މިނިސްޓަރުންނަށް ވެވޭ ކަމަށާއި އެކަމަކު އިންތިހާބުތަކުގައި ވޯޓެއް ނުލެވޭ ކަމަށް

  • ވޯޓުލާ މަރުކަޒުތަކުގައި އިށީނުމުގެ ކަންކަމާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ

  • ވޯޓުލާ މަރުކަޒުތަކުގައި ބޫތުތައް ބަހައްޓާފައި ހުރި ގޮތާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ؛ މިއީ ވެސް އިންޑިއާގެ އިންތިހާބުތަކުގައި ބަދަލުކުރެވިދާނެ ރަނގަޅު އިންތިޒާމެއް

  • ވޯޓުލާއިރު އަންހެނުންނާއި ފިރިހެނުންގެ އަދަދު ވަކިކުރުމަށް އީސީގެ އޮފިޝަލުން ގެންގުޅޭ އިންތިޒާމުތަކާ މެދު ވެސް ވަރަށް ހިތްހަމަޖެހޭ؛ ދެ ޖިންސުގެ މީހުން ވަކި ކުލައަކުން ބެލެހެއްޓުމުން ފަސޭހައިން ވޯޓުލީ އަދަދު ދެނެގަނެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސާފައިވޭ

  • ޕޮލިސް ސްޓޭޝަންތަކުގެ ކަންކަން މޮނިޓާކުރަން ހަމަޖައްސާފައިވާ އިންތިޒާމުތައް ވެސް ވަރަށް ފުރިހަމަ؛ ރިއަލް ޓައިމުގައި މުޅި އޭރިއާ ބަލާލެވޭނެ ޓެކްނޮލޮޖީއާ އެކު އެ އިންތިޒާމުތައް ހަމަޖައްސާފައިވޭ

"މިއީ އިންތިޒާމުތައް ވަރަށް ރަނގަޅު، ވަރަށް ފުރިހަމަ އިންތިހާބެއް. އަހަރެމެން އަނބުރާ މިދަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން. އެންމެ ޝަކުވާއެއް ވެސް އިންތިހާބާ ގުޅިގެން އަޑުއަހަން ޖެހިފައި ނުވުމަކީ ވަރަށް އުފާކުރާ ކަމެއް،" ޝަހާބުއްދީން ވިދާޅުވި އެވެ.

އޮބްޒާވަރުންނާއި މޮނިޓަރުންގެ ޓީމު: ބޫޓާންގެ އީސީގެ އޮބްޒާވަރު ގޮވިންދާ (މ) ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/މުހައްމަދު އަޒްމީ އަހްމަދު)

އެ ޓީމުގައި ހިމެނޭ ބޫޓާންގެ އިލެކްޝަންސް ކޮމިޝަނުގެ އޮބްޒާވަރު ގޮވިންދާ ސުބިދާ ވެސް ވަނީ އިންތިހާބުގެ ކަންކަން އިންތިޒާމުކޮށްފައިވާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމެޖެހޭކަން ފާހަގަކުރައްވައި އީސީއަށް ތައުރީފް ކުރައްވާފަ އެވެ. އަދި އެ އިންތިޒާމުތައް ކުރިއަށް އޮތް އިންތިހާބުތަކުގައި ވެސް އެގޮތަށް ކުރިއަށް ގެންދިއުމަށް އޭނާ އީސީއަށް އިލްތިމާސްކުރެއްވި އެވެ.

"އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގައި ވޯޓުލާ ފަރާތްތަކަށް އިންތިޒާމުތައް ހަމަޖައްސާފައި ހުރި ގޮތާ މެދު ވަރަށް ބޮޑަށް ހިތްމަޖެހޭ. އޮންލައިންކޮށް ވޯޓިންގެ ރަޖިސްޓްރީ ހަމަޖައްސާފައިވުމަކީ ވެސް ވަރަށް އިމްޕްރެސިވް ކަމެއް. މިއީ އަހަރެމެންގެ ގައުމުގައި ވެސް ކުރެވިދާނެ، ރަނގަޅު އިންތިޒާމެއް ކަމަށް ދެކެން،" ގޮވިންދާ ވިދާޅުވި އެވެ.

ގޮވިންދާ އިތުރަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި:

  • ވޯޓުލާ މަރުކަޒުތަކުގައި ތިބޭ މޮނިޓަރުންނާއި އޮބްޒާވަރުން ދެނެގަތުމަށް ހަމަޖައްސާފައިވާ އިންތިޒާމުތައް ވެސް ވަރަށް ރަނގަޅު؛ ވަކިވަކި ފަރާތްތައް ދެނެގަތުމަށް ބައެއް ފަހަރު އޭނާގެ ގައުމުގައި ވެސް ދަތިވޭ، ނަމަވެސް ރާއްޖޭގައި އެކަން އިންތިޒާމުކޮށްފައިވަނީ ވަރަށް ފުރިހަމަކޮށް

  • ވޯޓުލާ މަރުކަޒުތަކުގައި އީސީގެ ފަރާތުން ހަރަކާތްތެރިވި ގިނަ އޮފިޝަލުންނަކީ އަންހެނުންކަން ފާހަގަކުރެވޭ؛ މިިއީ ވެސް ވަރަށް ބޮޑަށް ބަލައިގަންނަ ކަމެއް

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް