ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްލާއިލް ވޯޓު ލައްވަނީ (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)

އެމްޑީޕީ

މިއަދުގެ ނަތީޖާއިން މާޔޫސް ވިޔަސް، މުޖުތަމައުއާ ގާތުން މަސައްކަތްކުރާނަން: ފައްޔާޒު

ފައްޔާޒު ވިދާޅުވީ، މުޖުތަމައުއާ އެކު މިހާރަށް ވުރެ ގާތުން މަސައްކަތްކޮށް ވައުދުތައް އަލުން ކަށަވަރުކޮށްދޭންޖެހޭ ކަމަށް

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ނަތީޖާއިން މާޔޫސްވި ނަމަވެސް އަލުން ވައުދުތައް ކަށަވަރުކޮށްދީ، މުޖުތަމައުއާ ވީހާ ވެސް ގާތުން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލީހުގެ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި މިހާތަނަށް އެންމެ ގިނަ ގޮނޑި ކާމިޔާބުކުރައްވައިގެން މަޖިލީހުގެ ސުޕަ މެޖޯރަޓީ ހޯއްދަވާނެ ކަމަށް ބެލެވެނީ ސަރުކާރުގެ ކެންޑިޑޭޓުންނެވެ. އެގޮތުން މިހާތަނަށް ސަރުކާރަށް 71 ގޮނޑި ލިބިފައިވާއިރު އެމްޑީޕީއަށް ލިބިފައިވަނީ 12 ގޮނޑި އެވެ.

ތަފްސީލް -  ފައްޔާޒު ވިދާޅުވީ ޑިމޮކްރެޓިކް އަސާސްތައް ކުރިއެރުވުމަށާއި ޒިންމާދާރު އިދިކޮޅު ފަރާތެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން މަސައްކަތް ކުރަން އެ ޕާޓީ ތައްޔާރަށް އޮންނާނެ ކަމަށެވެ.

"މިއަދުގެ ނަތީޖާއަކީ މާޔޫސްކުރުވަނިވި ނަތީޖާއަކަށް ވިއަސް މިއީ އަޅުގަނޑުމެންގެ ވައުދުތައް ކަށަވަރުކޮށް، މުޖުތަމައުއާ މިހާރަށް ވުރެ ގާތުން މަސައްކަތްކުރަން ޖެހޭ ދަނޑިވަޅެއް،" ފައްޔާޒު ވިދާޅުވި އެވެ.

އިންތިހާބުގައި ލިބުނު ނާކާމިޔާބީއާ ގުޅިގެން އެމްޑީޕީން މިރޭ ނެރުނު ބަޔާނުގައި ވެސް ބުނީ ރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ހައްގުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދު ވެސް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަދި 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ރާއްޖޭގެ ތަރައްގީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމަށް އެދޭ ކަމަށް ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމަށާއި މިއަދުގެ އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުން ވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރަމުން ގެންދަވާނެ ކަމުގައި އެ ޕާޓީން ޔަގީންކުރާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

އެނގުން މުހިންމު - 19 ވަނަ މަޖިލީހުގެ ސުޕަ މެޖޯރަޓީއާ އެކު 20 ވަނަ މަޖިލީސް އިންތިހާބާ ކުރިމަތިލި އިރު، މިދިޔަ ރިޔާސީ އިންތިހާބުގެ ދުވަސް ވަރު ދިމާވި ނާކާމިޔާބީއާ ގުޅިގެން ޕާޓީން ގިނަ މެމްބަރުންތަކެއް ވަނީ ވަކިވެފަ އެވެ. އަދި ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމީޔާބީއަށް ފަހު ވެސް ޕާޓީން މެމްބަރުންތަކެއް ވަކިވެ، ޕާޓީ ވަނީ އިތުރަށް ހީނަރުވެފަ އެވެ.

ކޮމެންޓް (1)

profile-image-placeholder

އަންނި

22 އޭޕްރީލު 2024
އެމްޑީޕީ އޮތީ ފޫވަށް ވެއްޓިފައި.

އިތުރު އާޓިކަލް

އިތުރު އާޓިކަލް