ކުރީގެ ރައީސް ސޯލިހު އަދި މިހާރު ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު (ފޮޓޯ/އެމްޑީޕީ)

30 އަހަރަށް ފަހު ހިންނަވަރު ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ

ވަގުތީ ނަތީޖާއިން ދައްކަނީ ހިންނަވަރު ގޮނޑި ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހުމާން ކަމަށް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގޮނޑި ކާމިޔާބުކުރެއްވި ފަހުން މިދިއަ 30 އަހަރު އެމަނިކުފާނާއި އެމްޑީޕީން ތަމްސީލްކުރި ޅ. ހިންނަވަރު ދާއިރާގެ ގޮނޑި އެމްޑީޕީ އަށް މިއަދު ގެއްލިއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވަގުތީ ނަތީޖާ އިން ދައްކަނީ ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި މުހައްމަދު އަބްދުއްރަހުމާން ކަމެވެ.

ތަފްސީލް - މުހައްމަދު އަބްދުއްރަހުމާންއާ އެންމެ ގާތުން ވާދަކުރައްވަނީ މިހާރު ހިންނަވަރު ދާއިރާގެ މެންބަރުކަން ކުރައްވާ ޖީހާން މަހުމޫދެވެ.

ޖީހާން 2019ގެ އިންތިހާބު ކާމިޔާބުކުރެއްވުމުގެ ކުރިން 25 އަހަރު ވަންދެން މަޖިލީހުގައި ހިންނަވަރު ދާއިރާ ތަމްސީލުކުރެއްވީ ސޯލިހެވެ.

މިހާތަނަށް ނަތީޖާ ދައްކާ ގޮތުން:

  • ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު އަބްދުއްރަހުމާންއަށް 755 ވޯޓު

  • އެމްޑީޕީގެ ކެންޑިޑޭޓު ޖީހާން މަހުމޫދުއަށް 546 ވޯޓު

  • އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދު ސަލާމް މޫސާ 382 ވޯޓު

ފާހަގަކުރެވޭ ކަމެއް - އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މަޖިލީހުގެ މިހާރުގެ ގިނަ މެންބަރުން ވަނީ އިންތިހާބު ނާކާމިޔާބުވެފަ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމް އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވަ އެވެ.

އޭގެ އިތުރުން ޑިމޮކްރެޓްސްގެ އަލީ އާޒިމް އާއި އިބްރާހިމް ރަޝީދު (ބޮންޑާ) އާއި އިމްތިޔާޒު ފަހުމީ (އިންތި)ގެ އިތުރުން ހަސަން ލަތީފަށް ވެސް މިއީ ނާކާމިޔާބު އިންތިހާބެކެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް