ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނަށް އިންޓަވިއު ދެއްވަނީ

ރައީސް މުއިއްޒުގެ ސަރުކާރުން ގެންގުޅެނީ ޕީޕީއެމްގެ ފިކުރެއް ނޫން: ޔާމީން

ޔާމީން ވިދާޅުވީ މި ސަރުކާރުން މިހާރު ކުރާ ކަމަކީ އެމްޑީޕީން ކުރަމުން ދިޔަ ކަމަށް އޭރު ބުނަމުން ދިޔަ ކަންކަން އެޔަށް ވުރެ ގޯސްކޮށް އެޔަށް ވުރެ ޗާލާކޮށް ކުރުން ކަމަށް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގައި އޮތީ ޕީޕީއެމްގެ ފިކުރު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް ޔާމީން މިގޮތަށް ވިދާޅުވީ، މިހާރު ކުރިއަށްދާ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ވަޑައިގަތުމުގެ ކުރިން މީޑިއާތަކާ ބައްދަލުކުރައްވައި ދެއްވި އިންޓަވިއުއެއްގަ އެވެ.

ވަރަށް ދިގުކޮށް ދެއްވި މި އިންޓަވިއުގައި ޔާމީންވަނީ، މަޖިލިސް އިންތިހާބާ ދިމާކޮށް އެކި އެކި ސިފައިގައި ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ސަރުކާރަށް ޔާމީން ފާޑުވިދާޅުވާއިރު މިހާރު ސަރުކާރުގެ އިސް ސަފުގައި ތިއްބެވީ މީގެ ކުރިން ޕީޕީއެމްގައި ޔާމީންއާ އެކު ވަރަށް އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުން ކަން ފާހަގަކުރައްވައި، އެ މީހުންގެ ވިސްނުމަށް އައި ބަދަލަކީ ކޮބައިތޯ ނޫސްވެރިއަކު ސުވާލު ކޮށްފައިވެ އެވެ.

ބުނީ ކީކޭ؟ - އެ ސުވާލުގެ ޖަވާބުގައި ޔާމީން ވިދާޅުވީ މި ސަރުކާރުން ގެންގުޅެނީ ޕީޕީއެމްގެ ފިކުރު ކަމަށް ސަރުކާރުން ބުންޏަސް، ޕީޕީއެމްގެ ފިކުރު މިހާރު ސަރުކާރުގައި ނެތް ކަމަށެވެ.

ޔާމީން ވިދާޅުވިގޮތުން:

  • މިހާރު ޕީޕީއެމްގައި ތިއްބެވި ސަރުކާރުގެ ބޭފުޅުން ކުރައްވާ ކަމަކީ އެމްޑީޕީން ކުރަމުންދިޔަ ކަމަށް އޭރު ބުނަމުންދިޔަ ކަންކަން އެޔަށްވުރެ ގޯސްކޮށް އެޔަށްވުރެ ޗާލާކޮށް ކުރެއްވުން

  • އެމްޑީޕީން ކުރި ވައްކަމެއް ވިޔަސް، ވޯޓަށް ނުފޫޒުފޯރުވަން ކުރި ކަމެއް ވިޔަސް މި ސަރުކާރުން ކުރަމުންދަނީ އެޔަށް ވުރެ މާފުޅާކޮށް މާ ޗާލާކީ ކޮށް

"އަޅުގަނޑު ދެންނެވީ ޕީޕީއެމްއަކީ ފިކުރެކޭ. މިހާރު އެ ފިކުރެއްނެތޭ ޕީޕީއެމްގައި. އަޅުގަނޑު ޕީޕީއެމްގައި ހުރިނަމަ މިއިން އެއްވެސް ކަމެއް މިގޮތަކަށް ނުދާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ މަނިކުފާނަކީ ރައީސްކަމުން ވަކިކޮށްފާނެތީ ނުވަތަ އިންތިހާބެއްގައި ވޯޓުނުލިބިދާނެތީ، އުސޫލުތައް ދޫކޮށްލާފައި ވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށާއި ރައްޔިތުން ހިތްހަމަނުޖެހިގެން މަގާމުން ވަކިކުރާ ނަމަ "ގެއަށް ދާކަށް ބިރެއް ނުގަންނާނެ" ކަމަށެވެ.

"އެކަމަކު އަޅުގަނޑުގެ ޒަމީރު ގަބޫލުނުކުރާ ކަންތައްތައް [މަގާމުން ދުރުކޮށްފާނެތީ ނުވަތަ ވޯޓުނުލިބިދާނެތީ] އެކަމުގެ ބިރުވެރިކަމުގައި މަޖުބޫރުން ކުރަންޖެހެންޏާ އަޅުގަނޑު ބުނާނަން އަޅުގަނޑު ރައްޔިތުންގެ ހިދުމަތުގައި ހުންނާކަށް ބޭނުމެއް ނޫނޭ." 

"އެހެންވީމާ [މި ސަރުކާރުން] މި އުސޫލުތަކެއް ނުހިފައްޓާ. އެހެންވީމާ މިދަންނަވަނީ ޕީޕީއެމްގައި އޮތް ފިކުރު މިހާރަކު ނެތޭ. އެހެންވީމާ އެ ފިކުރުގައި އޮތް ބައެއް ނޫނޭ އެއީ،"

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް