މިދިޔަ އަހަރު ރާއްޖެއަށް ކުރި ގަދަ ވިއްސާރާގައި ފުވައްމުލަކުގައި ފެންބޮޑުވެ ގެއަކަށް ފެންވަދެފައި(ފައިލް ފޮޓޯ/އެމްއެންޑީއެފް)

އެންޑީއެމްއޭ

ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީދިނުމާބެހޭ ގަވާއިދު އާއްމުކޮށްފި

ކާރިސާތަކުގައި ގެއްލުން ލިބޭ މީހުންނަށް އެހީ ދިނުމުގެ ކަންކަން ކުރާނީ މި ގަވާއިދުގެ ދަށުން އުފައްދާ އިމަޖެންސީ އެސިސްޓަންޓް އެންޑް ރިކަވަރީ ކޮމިޓީން

ކާރިސާތަކުގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ކާރިސާތަކުން ލިބޭ ގެއްލުންތަކަށް އެހީ ދިނުމާބެހޭ ގަވާއިދު އާއްމުކޮށްފި އެވެ.

ވީ ކިހިނެއް؟ - ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރަޓީ (އެންޑީއެމްއޭ) އިން އިއްޔެ އާއްމުކުރި މި ގަވާއިދުގެ މަގުސަދަކީ:

  • ކާރިސާއަށް އިޖާބަދިނުމާއި އިޔާދަވުމުގެ ހާލަތުގައި ފޯރުކޮށްދޭން ޖެހޭ އެހީގައި މަދުވެގެން ހުންނަން ޖެހޭ މިންގަނޑު ބަޔާންކުރުން

  • ކާރިސާގެ ސަބަބުން ހާލުގައިޖެހޭ މީހުންނަށް ލިބިފައިވާ ނިކަމތިކަމާއި ނާޒުކު ހާލަތުން އަރައިގަތުމަށް ބާރުއެޅުން

  • ހާލުގައި ޖެހިފައިވާ މީހުންނަށް އާންމު ހާލަަތަށް ރުޖޫއަވުމަށް އެހީތެރިކަން ފޯރުކޮށްދިނުން

  • ހާލުގައި ޖެހޭ އެންމެންނަށް ތަފާތުކަމެއްނެތި އެހީތެރިކަން ފޯރުކޮށްދިނުން

  • ވިލަރެސްކުރެވިފައިވާ ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުން

  • ގެދޮރާއި ތަކެއްޗަށް ލިބޭ ގެއްލުންތަށް ބަލައި އެހީ ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކުރުމާ އެކު، އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ މީހުން ރިއާޔަތްކުރަން ޖެހޭ ކަންކަންކަމާ ޒިންމާތައް ބަޔާންކުރުން

ތަފްސީލް - މި ގަވާއިދުގައި އެހީދެވޭނެ ހާލަތްތަކާއި ދާއިރާތަކާއި އިންސާނީ އެހީއާއި ފައިސާގެ އެހީދިނުމުގައި މަދުވެެގެން ހުންނަންޖެހޭނެ މިންގަނޑުތައް ބަޔާންކޮށްފައިވެ އެވެ. އަދި، އެހީނުދެވޭނެ ހާލަތްތަކާއި ތަންތަންތަނާއި ތަކެތި ގެއްލުން ދެނެގަތުމަށް އެސެސްްމަންޓް ހެދުމުގައި އަމަލުކުރަންޖެހޭނެ ގޮތްތަށް ވެސް ބަޔާންކޮށްފައިވެ އެވެ.

ގަވާއިދުގައި ވާގޮތުން ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓް ހަދާނީ އެންޑީއެމްއޭއިން ކަނޑައަޅާ ފަންނީ ޓީމަކުންނެވެ. އަދި، ގޯތިގެދޮރާއި ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތަކަށް ދޭނެ އެހީތެރިކަން ނިންމާނީ، މި ގަވާއިދުގެ ދަށުން އުފައްދާ 'އިމަޖެންސީ އެސިސްޓަންޓް އެންޑް ރިކަވަރީ ކޮމިޓީ' އިންނެވެ.

ގަވާއިދުގައި ވާގޮތުން:

  • ހިފައިގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުންތައް ވަޒަންކުރާނީ އެ ގޭގައި އޭރު ދިރިއުޅެމުންދިޔަ މީހުންގެ އަދަދަށް

  • ހިފާގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމުގެ އަގު 79،999ރ. އަށްވުރެ ދަށްނަމަ އެހީގެ ގޮތުގައި ދޭނީ ގެއްލުމުގެ %75

  • ހިފާގެންގުޅޭ ތަކެއްޗަށް ލިބޭ ގެއްލުމުގެ އަގު 80،000ރ. އަށްވުރެ އިތުރުވާނަމަ އެހީގެ ގޮތުގައި ދޭނީ ގެއްލުމުގެ 60،000ރ.

  • ގޯތިގެދޮރަށް ލިބޭ ގެއްލުމުގެ އަގު 149،999ރ. އަށްވުރެ ދަށްނަމަ އެހީގެ ގޮތުގައި ދޭނީ ގެއްލުމުގެ %75

  • ގޯތިގެދޮރަށް ލިބޭ ގެއްލުމުގެ އަގު 150،000ރ. އަށްވުރެ އިތުރުވާނަމަ އެހީގެ ގޮތުގައި ދޭނީ ގެއްލުމުގެ 150،000ރ.

  • ގޯތިގެދޮރަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީ ދިނުމުގައި އަގު މަގު ކުރާނީ އެސެސްމަންޓަށް ރިއާޔަތްކޮށް ގެދޮރު މަރާމާތުކުރުމަށް ނުވަތަ އަލުން ހެދުމަށް

  • އެހީގެ ފައިސާ ހަވާލުކުރަންވާނީ ގޭގެ ވެރިފަރާތަށް ނުވަތަ އޭނާ ކަނޑައަޅާ މީހަކަށް؛ ކައުންސިލުން އެހީ ހަވާލުކުރާނަމަ ފައިސާ ހަވާލުކުރިކަމުގެ ލިއުންތައް އެންޑީއެމްއޭއަށް ރަސްމީ ތިން ދުވަސްތެރޭ ހުށަހަޅަންވާނެ

8/11/2023؛ ވިއްސާރާގައި ގެދޮރުން ނިކުންނަން ޖެހުނު މީހަކު ވަގުތީ ހިޔާއެއްގައި އިށީދެލައިގެން

ފޯރުކޮށްދޭ އެހީތެރިކަމުގެ ކަންކަން ނިންމާ 'އިމަޖެންސީ އެސިސްޓަންޓް އެންޑް ރިކަވަރީ ކޮމިޓީ'ގެ ހިންގާ އުސޫލު ހަތް ދުވަސްތެރޭ ފާސްކޮށް އަމަލުުކުރަންވާނެ ކަމަށް ގަވާއިދުގައިވެ އެވެ.

ގަވާއިދުގައި ބުނާ އެހީތެރިކަން ނުދެވޭނެ ހާލަތްތަކާއި ތަންތަނާއި ތަކެއްޗަކީ:

  • އާމްދަނީ ހޯދުމަށް ކުރާ މަސައްކަތަށް ނުވަތަ ވިޔަފާރީއަށް ލިބޭ ގެއްލުން

  • ގަސްތުގައި އަމިއްލަ ގެދޮރަށްދޭ ގެއްލުން

  • އެއްގަމު އުޅަނދުފަހަރާ ކަނޑުދަތުރުކުރާ އުޅަނދުފަހަރުގައި އުފުލާ މުދަލަށް ލިބޭ ގެއްލުން

  • ދަނޑު ބިމަށް ލިބޭ ގެއްލުން

  • އިޖާބަދިނުމުގެ މަރުހަލާގައި އެހީތެރިކަން ފޯރުުކޮށްދެވީފައިވާ ގެއްލުން

  • ހޮނުއެޅުމުގެ ސަބަބުން އިލެކްޓްރިކް އާލަތްތަކާއި، އިލެކްޓްރޯނިކް އާލަތްތަކަށް ލިބޭ ގެއްލުން

  • ސަރުކާރާއި އަމިއްލަ މުއައްސަސާތަކުގެ އިމާރާތްތާއި ތަކެއްޗަށް ލިބޭ ގެއްލުން

  • ލޭބާ ކުއާޓާސްގެ ގޮތުގައި މުވައްޒަފުން ބޭތިއްބުމަށް ހަމަޖައްސާފައިވާ ތަންތަން

  • ދިރިނޫޅޭތާ 12 އަހަރުވެފައިވާ ފަޅު ގެތައް

  • ފެންބޮޑުވުމުގެ ސަބަބުން ފަރުނީޗަރާއި ލިބޭ ގެއްލުންތަކާއި ބޭނުންކުރެވޭ ހާލަތުގައި ހުންނަ ތަކެތި

  • ގޭގެ ވަށާފާރާއި ފެންސް ނުވަތަ މައި ގޭޓާއި ގަރާޖު ފަދަ ތަންތަނަށް ލިބޭ ގެއްލުން

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް