ދުވަސްވެފައިވާ ކުރީގެ ޤުރުއާން ފޮތެއް؛ މިފަދަ ފޮތްތައް ދޭތެރެ ދޭތެރެއިން ކުންޏާއެކު މީހުން އެއްލާލާފައި ހުންނަތަން ފެނޭ

ނައްތާލަން ބޭނުންވާ މުސްހަފުތަކާއި ދީނީ ފޮތްތައް މާލޭ ކައުންސިލަށް ބަލައިގަންނަން ނިންމައިފި

މިފަދަ ލިއުންތަކާއި ފޮތްތައް ބަލައިގަތުމަށް މިއަހަރު ހިންގާ ފުރަތަމަ ބުރުގައި އެ ފުރުސަތު ހުޅުވާލާނީ މިމަހު 27 އިން އަންނަ މަހުގެ 2 އަށް

މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި ޤުރުއާނުގެ އާޔަތްތައް ހިމެނޭ ދީނީ ފޮތްތަކާއި ލިއުންތައް، މާލޭ ސިޓީ ކައުންސިލަށް ބަލައިގަންނަން ނިންމައިފި އެވެ.

ވީ ކިހިނެެއް؟ - މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައިވާ ގޮތުން، އެ ކައުންސިލުން މިއަދު ނިންމާފައިވަނީ، މާލޭގެ ގޭގޭގައި ހުރި ބާ މުސްހަފުތަކާއި ޤުރުއާންގެ އާޔަތްތައް ނުވަތަ ހަދީސް ހިމެނޭ ދީނީ ފޮތްތަކާއި ލިޔުންތައް އަހަރަކު ދެ ފަހަރު ގޭގެއިން ގެނެސް އެ ކައުންސިލާ ހަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.

ތަފްސީލް - އެގޮތުން މި އަހަރުގެ ފުރަތަމަ ފަހަރު، ގޭގެއިން ގެންނަ އެފަދަ ތަކެތި އެ އިދާރާއަށް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސާފައިވަނީ މިމަހުގެ 27 އިން ފެށިގެން އަންނަ މަހުގެ 2ގެ ނިޔަލަށެވެ.

އެގޮތުން އެތަކެތި ބަލައިގަންނަމުންދާނީ:

  • ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 4 އަށް

  • އެތަކެތި ބަލައިގަންނަން ހަމަޖެހިފައިވަނީ އެ ކައުންސިލުގެ އާއްމު ހިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަން އަދި ހުޅުމާލެ ސެކްޝަން އިން

ފާހަގަކޮށްލެވޭ ކަމެއް - ނައްތާލަން ބޭނުންވާ ޤުރުއާންގެ އާޔަތްތައް ހިމެނޭ ލިއުންތައް އުކާނުލާ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރެވޭ ގޮތް ހެދިއިރު، ބާވެފައިވާ ޤުރާންގެ އާޔަތްތައް ލިޔެފައިވާ ފޮތްތަކާއި ހަތިމް ފަދަ ފޮތްތައް މާލޭ ސަރަހައްދުން ވެސް ކުނިތަކާ އެކު އެއްލާލާފައި ހުންނަތަން މިހާރަކަށް އައިސް ފެނެ އެވެ. މިފަދަ އަމަލުތަކަކީ ޤުރުއާނުގެ ހުރުމަތް ކެނޑޭ ފަދަ ކަންކަމަށް ބުނެ ބައެެއް މީހުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ވެސް ފާޅުކޮށްފައި ހުރެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް