9 ސެޕްޓެމްބަރު 2023: ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނީ. (ދައުރު ފޮޓޯ/ހުސައިން ސުނޭން))

ވޯޓު ގަތުމަށް ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން އާންމުވެއްޖެ: ޓްރާންސްޕޭރެންސީ

ވޯޓުގެ ބަދަލުގައި ފައިސާ އާއި އެހެނިހެން އިނާޔަތްތަކަށް މީހުން އެދެމުންދާ ކަމަށް ކެނޑިޑޭޓުން ބުނޭ
14 އޭޕްރީލު 2024

ވޯޓު ގަތުމާއި އިންތިހާބީ ފައިދާއަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން އާންމު ވެފައިވާ ކަމަށް ބުނެ ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ހަދާފައިވާ ޕްރީ-އިލެކްޝަން އެސެސްމަންޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ޖަމިއްޔާ އިން ހެދި ދިރާސާގައި ބައިވެރިވި ހުރިހާ ކެންޑިޑޭޓުން ވެސް މަޖިލިސް އިންތިހާބުގައި ވޯޓު ގަތުމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ތަފްސީލް - އިންތިހާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމަކީ އިންތިހާބުތަކުގައި ފާހަގަކުރެވޭ އެންމެ ބޮޑު އެއް މައްސަލަކަން ޓްރާންސްޕޭރެންސީ އިން ފާހަގަކުރި އެވެ. އެގޮތުން:

  • ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުން މިދިޔަ ރިޔާސީ އިންތިހާބު ހިމެނޭހެން ކުރީގެ އިންތިހާބުތަކުގައި ވެސް ފާހަގަކުރެވުނު

  • އިންތިހާބީ އަދި ކެމްޕެއިން މުއްދަތާ ދިމާކޮށް މަޝްރޫއުތައް އިފްތިތާހު ކުރުމާއި ނިންމުން ފާހަގަ ކުރުމަށް ރަސްމިއްޔާތުތައް ބޭއްވުން އާންމުވެފައިވާކަން ފާހަގަ ކުރެވޭ

  • ވަކިން ހާއްސަކޮށް އިންތިހާބީ ފައިދާއަށް ދައުލަތް ހިއްސާވާ ކުންފުނިތައް ބޭނުންކުރުން ހިމެނޭ

ދައުލަތުގެ ވަސީލަތްތައް އަމިއްލަ ފައިދާއަށް ބޭނުންކުރުން ގާނޫނުގައި މަނާކޮށްފައިވާއިރު، އެކަމުގައި ބައިވެރިވާ ފަރާތައް ޒިންމާދާރު ކުރުމަށް ގާނޫނީ ހުސްކަމެއް އޮތްކަން ފާހަގަކޮށް އެކަމާ މެދު ވެސް ޓްރާންސްޕޭރެންސީގެ ރިޕޯޓުގައި ކަންބޮޑުވުން ފާޅުކުރި އެވެ.

ބުނީ ކީކޭ؟ - "ވޯޓު ގަތުމަކީ މި އިންތިހާބުގައިވެސް ފާހަގަ ކުރެވުނު ބޮޑު މައްސަލަ އެކެވެ. މި ދިރާސާގައި އިންޓަވިއު ކުރެވުނު ހުރިހާ ފަރާތްތަކަކުން ވަނީ ވެސް މިހާރު ކުރިއައްދާ ކެމްޕެއިންތަކުގައި ވޯޓު ގަތުމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ،" ޓްރާންސްޕޭރެންސީން ބުންޏެވެ.

އެ ޖަމިއްޔާ އިން ފާހަގަކުރި ގޮތުގައި:

  • އިންޓަވިއު ކުރި ބައެއް ކެންޑިޑޭޓުން ވަނީ ވޯޓުލާ މީހުން ސީދާ އެމީހުންގެ ވޯޓުގެ ބަދަލުގައި ފައިސާ އާއި އެހެނިހެން އިނާޔަތްތަކަށް އެދިފައިވާކަމަށް ހިއްސާކޮށްފައި

  • ވޯޓު ގަތުން މޮނިޓާ ނުކުރުމާއި އަވަސް އަދި ކާމިޔާބު ތަހުގީގުތައް ކުރިޔަށް ނުގެންދެވުމާއި ގުޅުންހުރި ގާނުންތައް ފުރިހަމައަށް ތަންފީޒު ނުކުރެވުމަކީ މިފަދަ އަމަލުތައް ހުއްޓުވުމަށް ހުރި ގޮންޖެހުންތަކެއް

މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ވެސް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރަމުންދާތީ ޓްރާންސްޕޭރެންސީ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެފަދަ އެއްވެސް މައްސަލައެއްގައި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ - ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ވޯޓު ގަތުމުގެ އިތުރުން ވެސް ޓްރާންސްޕޭރެންސީގެ އެސެސްމަންޓުގައި މައިގަނޑު ދެ ކަންބޮޑުވުމެއް ފާހަގަކޮށްފައިވެ އެވެ. އެއީ:

1. މަޖިލިސް އިންތިހާބުގައި ވާދަކުރާ (ހާއްސަކޮށް މައި ޕާޓީތަކުން ވާދަކުރާ) އަންހެންގެ އަދަދު މަދުވުން:

  • އަންހެނުން ތަމްސީލުކުރެވޭ މިންވަރު ދުނިޔޭގެ ނިސްބަތުން ރާއްޖޭގައި ވަރަށް ދަށް; ދެކުނު އޭޝިއާގައި ވެސް އެންމެ ދަށް ރޭންކް ލިބިފައިވަނީ ރާއްޖެއަށް

  • މައި ޕާޓީތައް ތަމްސީލުކުރާ އަންހެނުންނަށް އާންމު ރައްޔިތުންގެ ވޯޓު ހޯދުމުގެ ފުރުސަތު ފިރިހެނުންނަށް ވުރެ ވަކި ދަށް ނޫންކަން ޓްރާންސްޕޭރެންސީގެ ދިރާސާ އިން ފާހަގަކުރެވުނު

  • 2009ގެ މަޖިލިސް އިންތިހާބަށް ފަހު މައި ޕާޓީތަކުން މަޖިލިސް އިންތިހާބުގައި ތަމްސީލުކުރާ އަންހެނުންގެ އަދަދަށް ކުރިއެރުމެއް ލިބިފައެއް ނުވޭ

2. ރައްޔިތުން ފުރިހަމައަށް ތަމްސީލް ނުކުރެވުމާއި ގުޅުންހުރި މައްސަލަތައް:

  • ދާއިމީ އެޑްރެސްއަށް ބަލާ ދާއިރާތަކަށް ވޯޓުލާ މީހުން ކަނޑައެޅުމުގެ ސަބަބުން އާންމު ދިރިއުޅުން ބިނާވެފައިވާ ދާއިރާ ނޫން އެހެން ދާއިރާތަކަށް އެތައް ހާސް ބަޔަކު ވޯޓުލާ

  • މާލޭ ދަފްތަރުގައި ހިމެނޭ ގިނަ މީހުން މާލެ ސިޓީއަށް އަލަށް އިތުރުކުރެވުނު ދެ ދާއިރާގައި ހިމެނުނަސް "ރެންޑަމް އެލޮކޭޝަން" އަކުން އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް ފުރިހަމައަށް ހައްލެއް ނުލިބޭ

 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް